ރިޔާސީ އިންތިހާބު 2008 މާޒީގައި ވެފައިވާ ކަންތައްތަކުގެ ވާހަކަތައް ބޮޑު ކަމަކަށް ހަދައިގެން އުޅުމަކީ އަޅުގަނޑުމެންގެ އުސޫލެއް ނޫން: އެމް

ރާއްޖޭގައި މާޒީގައި ވެފައިވާ ކަންތައްތަކުގެ ވާހަކަތައް މާ ބޮޑު ކަމަކަށް ހަދައިގެން އުޅުމަކީ އެމްޑީޕީން އުފައްދާ ގުޅިފައިވާ ސަރުކާރުގެ އުސޫލެއް ނޫން ކަމަށާއި ބަލާނީ ކުރިއަށް އޮތް ތަނުގައި ކުރަންވީ ކަންތައްތަކަށް ކަމަށް އެމްޑީޕީ އިއްތިހާދާއި ޖުމްހޫރީ ގުޅުމުން އިއްޔެ ބުނެފި އެވެ.
އެމްޑީޕީ އިއްތިހާދުންނާއި ޖުމްހޫރީ ގުޅުމުން މިހެން ބުނީ އެ ފަރާތުން އެކުލަވާލާ ސަރުކާރެއްގައި ސަލާމަތީ ބާރުތަކަށް އިހުތިރާމް ކުރާނެ ކަމަށާއި އެއީ ގަދަރު އުފުލިގެންވާ ބައެއް ކަމަށް އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ބުނުމުން އެމްޑީޕީން މިހާތަނަށް ފުލުހުންނާއި ސިފައިންނާ ދޭތެރޭ ކަންތައްތައް ކޮށްފައިވާ ގޮތާ މެދު ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންނެވެ.
"މާޒީގައި ވެފައި ހުރި ކަންތައްތަކުގެ ވާހަކަ ދައްކައިގެން، އެ ކަންތައްތައް މާ ބޮޑު ކަމަކަށް ހަދައިގެން އުޅުމަކީ އަޅުގަނޑުމެންގެ އުސޫލެއް ނޫން. އަޅުގަނޑުމެން ބަލަންވީ ކުރިއަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންތައްތަކަށް. އެހެންވީމަ އަޅުގަނޑުމެންގެ ސަމާލުކަން ދެވިފައި ވަނީ މުސްތަގުބަލުގައި އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ގުޅިފައިވާ ސަރުކާރަކުން ރައްޔިތުންނަށް ކޮށްދެވޭނީ ކޮން ހިދުމަތްތަކެއްތޯ ބެލުން. އެ ހިދުމަތް ކޮށްދިނުމުގައި ރާއްޖޭގައި އަދުލު އިންސާފު ގާއިމްކޮށް، އަޅުގަނޑުމެން ސުލްހަވެރިކަމާއި ހަމަހަމަކަމާއި އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކީގައި ސަރުކާރެއް ހިންގައި، ރައްޔިތުންނަށް އޭގެ ލާބަ ފުރިހަމަ ގޮތުގައި ލިބިދިނުމަށް. އެއްގޮތަކަށް ވެސް ވޭތުވެދިޔަ ތަނަކަށް ބަލައި، އެ ކަންތައްތަކާ މެދު ހިޔާލު ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއްގޮތަކަށް ވެސް ބޭނުން ކަމެއް ނޫން،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ގެ ރަނިންމޭޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްޔެ ވިދާޅުވި އެވެ.
ދި ޓީވީގައި ސްޓޫޑިއޯގައި އިއްޔެ މެންދުރު ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަންނި ވިދާޅުވީ ރާއްޖޭގައި ޑިމޮކްރެސީ ގާއިމްކުރުމުގެ މަސައްކަތް ފެށިއިރު، އެކި ފަރާތްތަކުގެ އިހުމާލުން ކަންތައްތައް ވެފައިވާ ކަމަށާއި އެކަމަކު ދެން ބަލާނީ މުސްތަގުބަލަށް ކަމަށެވެ.
ސަލާމަތީ ބާރުތަކާ ދެކޮޅަށް އެމްޑީޕީގެ އެކި އެއްވުންތަކުގަ އާއި ޖަލްސާތަކުގައި ނުކުތުމަށް ގޮވާލައި އަދި ހާއްސަކޮށް ފުލުހުންނަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ގޮވާލައި އެކަން އަމަލީ ގޮތުން ހިންގުމަށް ފަހު މިހާރު ކުއްލި ގޮތަކަށް އެއީ އިހުތިރާމް ލިބިގެންވާ ބައެއް ކަމަށް އެމްޑީޕީންނާއި ޖުމްހޫރީ ގުޅުމުން ބުނަން ފެށީ ސިޔާސީ ބޭނުމެއްގައިތޯ ނޫސްވެރިއަކު ދެންނެވުމުން އަންނި ވިދާޅުވީ އެ ވާހަކަ ދައްކަވަނީ މާދަމާ އެ ބޭފުޅުންގެ ސަރުކާރެއްގައި ފުލުހުންނާއި ސިފައިންނާ މެދު އަމަލުކުރާނެ ސިޔާސަތު ހާމަކުރެއްވުމުގެ ގޮތުން ކަމަށެވެ. އަދި އަންނި ވިދާޅުވީ "ދުވަހަކު ވެސް ފުލުހަކާ ދޭތެރޭގައި އަޅުގަނޑު ބުރަ ބަހަކުން މުއާމަލާތް ކޮށްފައި ނުވާނެ" ކަމަށެވެ.
"މި ތަނުގައި ނުހުންނާނެ އަޅުގަނޑާ އެއްވަރަށް ފުލުހުންނާ ބައްދަލުވެފައި ހުރި މީހެއް ވެސް. ތިޔަ ބޭފުޅާއަށް ދުވަހަކު ވެސް އަޑެއް ނީވޭނެ، ފުލުހަކު ތެދު ބަހުން ވާހަކަ ދައްކާއިރު އެ ބޭފުޅަކާ ދިމާލަށް އަޅުގަނޑު ހަރުބަހެއް، ބަދު ބަހެއް ބުނި ވާހަކައެއް. އަޅުގަނޑަށް އެންމެހައި އަނިޔާ ލިބެމުންދިޔަ އިރު ވެސް އަޅުގަނޑު ދުވަހަކު ވެސް ނޯންނާނެ އެއިން ބޭފުޅަކާ މެދު ބަދު ބަހެއް ބުނެފައެއް. އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ އެ ބޭފުޅުން އެދޭ ކަންތައްތަކެއް ނޫންކަން އެ ކުރައްވަނީ. އަޅުގަނޑުމެން ނުޖެހޭ އެ ބޭފުޅުންނާ ދިމާލަށް އެއްޗެކޭ ބުނާކަށް،" މިދިޔަ ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ދެވަނަ ލިބިވަޑައިގެން އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި އަންނި ވިދާޅުވި އެވެ.
އަންނި ވިދާޅުވީ އިސްލާހުގެ މަސައްކަތް ފަށައިގެން ދުވަސްވަރު ފުލުހުންނާއި އާންމުންނާއި ދެމެދު މައްސަލަތައް އުފެދިގެން ދިޔައީ ބައެއް މީހުންނަށް، ކުރަން މި އުޅޭ ކަންތައްތައް ސާފުވެފައި ނެތުމުން ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންނާއި އާންމުން ޖެހި، ދެ ފަރާތަށް ވެސް އަނިޔާތައް ލިބިފައި ވަނީ ހުދުމުހުތާރު ސަރުކާރެއް ބޭނުންކޮށްގެން ފުލުހުން މެދުވެރިކޮށް އާންމުނާ ދެކޮޅަށް ކަންތައްތައް ކުރުމުންނެވެ. އެހެން ނަމަވެސް އާ ގާނޫނު އަސާސީގެ ދަށުން ފުލުހުންނާއި ސިފައިންގެ ގާނޫނެއް ހެދުމުން އެ ދެކޮޅުވެރިކަން ނެތިގެން ހިނގައްޖެ ކަމަށް އަންނި ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަންނި ސަލާމަތީ ބާރުތަކަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއިރު ފާއިތުވި ތަނުގައި އެ ޕާޓީގެ އެކި ޖަލްސާތަކުގައި ވަނީ ފުލުހުންނާ ދެކޮޅަށް ނުކުތުމަށް ގޮވައި ފުލުހުންނަށް ހަމަލަ ވެސް ދީފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ރޭ ކަލާފާނު ސްކޫލުގައި ބޭއްވި އެމްޑީޕީގެ އާންމު ބައްދަލުވުމެއްގައި ރައީސް މައުމޫނުގެ ވެރިކަމާއި ފުލުހުންނާ ދެކޮޅަށް ނުކުތުމަށް ބައެއް މީހުން ގޮވާލުމަށް ފަހު، އެ ބައްދަލުވުމުން ނިކުމެ ދެ ފުލުހަކަށް ހަމަލަދީ އެ ރޭ ޒަހަމްކޮށްލާފައި ވެ އެވެ. އެ ރޭގެ އާންމު ބައްދަލުވުމުގައި ވާހަކަ ދެއްކި ބައެއް މީހުން ވަނީ ފުލުހުންގެ ބާރު ކަނޑުވާލުމަށް ގޮވާލައިފަ އެވެ. އޭގެ ނަތީޖާ އަކީ އެ ބައްދަލުވުން ނިންމާލި ވަގުތު ކުޑަކުދިންގެ ބަގީޗާގެ ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ދެ ފުލުހެއްގެ ސައިކަލް ހުއްޓުވައިމ ދެ މީހުންގެ ގައިގައި ތަޅައި ގަތުމެވެ. ހަމަ އެ ދުވަހު ހަވީރު އެމްޑީޕީގެ ބައެއް މީހުން އެއްވެ، ހިނގި ހަމަނުޖެހުމެއްގައި މާކަރީލައިޓް ތެރެއިން ބަޔަކު މީހުން ހަތަރު ފުލުހެއްގެ ގަޔަށް ހޫނުފެން ޖަހައިފަ އެވެ.
މީގެ އިތުރުން 2006 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެމްޑީޕީ އާއި ޑީއާރުޕީގެ ބައެއް މެމްބަރުންނާ ދެމެދު ސ. ހިތަދޫގައި ހިނގި ހަމަނުޖެހުމެއްގައި ފުލުހުންގެ ގައިގައި ބަހަކުން ޖެއްސުމުގެ ސަބަބުން ފަސް ފުލުހަކު ޒަހަމްވެ އެތަނުން އެކަކުގެ ހާލަތު ވަރަށް ސީރިއަސްވި އެވެ. މީގެ އިތުރުން މާލޭގައި ވަނީ ފުލުހުންނާ ދެކޮޅު މުޒާހަރާއެއް ވެސް ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ