މަސް ގަންނަ އަމިއްލަ ކުންފުނިތަކަށް ދީފައިވާ ހާއްސަކަން ދޫކޮށްލަން ފިޝަރީޒުން ވާހަކަ ދައްކާ ކަމަށް ބައެއް ކުންފުނިތަކުން ބުނެފި

މަސް ގަންނަ އަމިއްލަ ކުންފުނިތަކަށް ދީފައިވާ ހާއްސަކަން ދޫކޮށްލަން ފިޝަރީޒް މިނިސްޓްރީން ކުންފުނިތަކާ އެކު ވާހަކަ ދައްކާ ކަމަށް ބައެއް ކުންފުނިތަކުން ބުނެފި އެވެ.
ޒޯން ތިނެއް އަދި ޒޯން ހަތަރަކުން މަސް ގަންނަން ހުއްދަ ދީފައިވާ ހޮރައިޒަން ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު އަދުނާން އަލީ މިއަދު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން ދީފައިވާ ހާއްސަ ހުއްދަ ދޫކޮށްލަން އެ ފަރާތާ އެކު ބޭއްވި ބައްދަލުވުމެއްގައި ހުށަހަޅާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވިން އެގޮތަށް އެކްސްކްލޫސިވިޓީ (ހާއްސަ ހުއްދަ) ދޫކޮށްލަން ނެތް ވާހަކަ. އެތައް މިލިއަން ޑޮލަރެއް އަޅުގަނޑުމެން ވާނީ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަށް އިންވެސްޓްކޮށްފައި. އަދި 600 އެއްހާ މުވައްޒަފުން ގެންގުޅޭއިރު އެކްސްކްލޫސިވިޓީ ދޫކޮށްލުމުން ކުންފުންޏަށް ވަރަށް ބޮޑު ގެއްލުންވާނެ ކަމަށް ދެންނެވިން،" އޭނާ ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ފޯ ފިޝަރީޒް ޑރ. ހުސެއިން ރަޝީދު މިއަދު ވިދާޅުވީ މަސް ގަންނަ ހުރިހާ ކުންފުނިތަކާ އެކު އެ މިނިސްޓްރީން ބައްދަލުކުރަމުން ގެންދާ ކަމަށެވެ.
"ހުރިހާ ކުންފުނިތަކާ އެކު އެ ބައްދަލުވުން ކުރިޔަށް އެބަގެންދަން. ނަމަވެސް އެކަން ހިނގަމުންދާތީ މި ވަގުތު އެ ބައްދަލުވުމާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެވޭކަށް ނެތް. އެ ބައްދަލުވުންތައް ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން މީޑިއާ އެ މައުލޫމާތު ދޭނަން،" އޭނާ ވިދާޅުވި އެވެ. "މިއަދު ވެސް އެ ބައްދަލުވުންތައް ހިނގަމުން އެބަދޭ."
ކ. އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅަކުން މަސް ގަތުމަށް ސަރުކާރުން ހުއްދަ ދީފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ސަރުކާރުން 2003 ވަނަ އަހަރު އެ ކުންފުންޏާއެކު ކޮށްފައިވާ އެގްރިމަންޓްގައިވާ އެކްސްކްލޫސިވިޓީ ދޫކޮށްލަން އެދެނީ އެ ސަރަހައްދުގައި މަސްގަތުމުގައި ވާދަވެރިކަމެއް ނެތް ކަމަށް ބުނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އޮންނަ ވާދަވެރިކަމެއް ކުޑައެއް ނޫން. އެންމެ ދެކުނުގެ ހަތަރު އަތޮޅުން މަސް ގަންނައިރު މިފްކޯއާއި އަދި ހިކި މަސް ގަންނަ މީހުންނާ ވާދަކުރަން ޖެހޭ. އަދި އެ ސަރަހައްދުގައި އެބަހުރި ކަޓްސުބުޝީ ދެ ޕްލާންޓް. މީގެ އިތުރުން ލ. އަތޮޅުން އުތުރުގައި ހިމެނޭ އަތޮޅުތަކުން ހިކި މަސް ހަދާ މީހުން މަސް ބޮޑު އަގުގައި އެބަގަނޭ. އަދި އިތުރު ކުންފުންޏަކުން ވެސް މަސް ގަންނަން ހުއްދަދިފައި އެބައޮތް،" އޭނާ ވިދާޅުވި އެވެ.
އަދުނާނު ވިދާޅުވީ އެ ކުންފުނިން މަސް ގަންނަން ފެށިއިރު ކިލޯއެއް މިފްކޯ އިން ގަންނަމުން ދިޔައީ 2،50ރ. އަށް ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ ސަރަހައްދުން މަސް ގަންނަން ފެށީ ވެސް 3،50ރ. އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދިޔަ އަހަރު 10ރ. އަށް މަސް ކިލޯއެއް ގަނެފައިވާނެ. އަދި ދުނިޔޭގެ މާކެޓަށާއި ރާއްޖޭގެ މަސްވެރިކަމަށް އަންނަ ބަދަލުތަކާ ގުޅިގެން މަހުގެ އަގު ބޮޑުކުރަމުން ގެންދަން. ކޮބައިތޯ ވާދަވެރިކަން ނެތިފައި؟،" އަދުނާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮރައިޒަން އިން މާންދޫގައި މަސް ގަނެ ރައްކާކުރުމަށް އެތައް މިލިއަން ޑޮލަރެއް އިންވެސްޓްކުރީ ހަމައެކަނި ދެ ޕާޓީއަކުން އެ ސަރަހައްދުން މަސް ގަންނާނެ ކަމަށް ބުނެ އެގްރިމަންޓެއްގައި ސޮއިކުރުމުން ކަމަށެވެ.
"އަޅުގަނޑުމެން އިންވެސްޓްކުރީ އެ ސަރަހައްދަށް ބާނާ މަހުގެ ދެބައިކުޅަ އެއްބައި ލިބޭނެ ކަމަށް ބަލައިގެން. އެހެން އޮތްވައި އިތުރު ފަރާތްތަކަށް އެ ސަރަހައްދު ހުޅުވާލުމުން މަސްވެރިންނަށް ލިބޭ ވަގުތީ ފައިދާއަށް ވުރެ ފަހުން ލިބޭނެ ގެއްލުން ބޮޑުވާނެ. އަޅުގަނޑުމެންނަށް ދާއިމީކޮށް މިކަން ކުރަން ތިބެވެނީ އެކްސްކްލޫސިވްޓީ އޮންނާތީ. ސަރުކާރުން އެހެން ފަރާތްތަކަށް ހުޅުވާލަން ބޭނުން ކަމަށްވަންޏާ އަޅުގަނޑުމެން ކޮށްފައި ހުރި އިންވެސްޓްމަންޓް ގަނެގެން ކުރަންވީ. އޭރުން އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނޯންނާނެ،" މަސްވެރިކަމުގެ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެހެން ކުންފުންޏެއްގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.
މާލެ އިން ފެށިގެން ލ. އަތޮޅާ ހަމަޔަށް އޮންނަ ޒޯން ތިނަކުން ކަޅުބިލަ މަސް ގަނެ އެކްސްޕޯޓްކުރުމަށް ސަރުކާރުން ހުއްދަދީފައި ވަނީ ހޮރައިޒަން ފިޝަރީޒަށާއި ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އަށެވެ. އަދި އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ސަރަހައްދުން މަސް ގަތުމަށް މިފްކޯގެ އިތުރުން ހޮރައިޒަންއަށް ހުއްދަދީފައިވެ އެވެ. މީގެ އިތުރުން ހއ. ހދ. ށ. އަދި ނ. އަތޮޅު ހިމެނޭ ސަރަހައްދުން މަސް ގަނެ އެކްސްޕޯޓްކުރުމަށް އައިލެންޑް އެންޓަޕްރައިސަސް އާއި އީކޯ ފިޝަރީޒް އަށް ހުއްދަދީފައިވެ އެވެ.
ރައީސް މުހައްމަދު ނަޝީދު މިދިޔަ ހަފުތާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސް ގަތުމުގައި ކުންފުނިތަކަށް ދޫކޮށްފައިވާ ކޮންޓްރޯލް ދޫކޮށްލާ، ކުންފުނިތަކާ ވެސް މަޝްވަރާކޮށްގެން އިތުރު ފަރާތްތަކަށް މަސް ގަތުމުގެ ފުރުސަތު ހުޅުވާލަން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ