ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލު ކުރުން: "ނަމޫނާ ރަށުގައި" މިހާތަނަށް 900 އަށް ވުރެ ގިނަ މީހުން އާބާދުވެއްޖެ

މީގެ ހަތަރު އަހަރު ކުރިން ރާއްޖެ އަށް އެރި ސުނާމީގެ ސަބަބުން ގެދޮރު ގެއްލިފައިވާ ރ. ކަނދޮޅުދޫ ރައްޔިތުންނަށް އަމާޒުކޮށް، މުޅިން އަލަށް ހެދި އެ އަތޮޅު ދުވާފަރަށް ކަނދޮޅުދޫ ރައްޔިތުންގެ ތެރެއިން 998 މީހުން ރެއާ ހަމައަށް ބަދަލު ކޮށްފި އެވެ.
ފަޅު ރަށެއްގެ ގޮތުގައި އޮއްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައިއެފްއާރުސީން) ތަރައްގީކުރި ދުވާފަރަށް އެންމެ ފުރަތަމަ މިދިއަ އަންގާރަ ދުވަހު ބަދަލު ކޮށްފައި ވަނީ، އަލިފުށީގައި ތިބި ކަނދޮޅުދޫގެ 313 މީހުން 47 ގެއަށެވެ. ބުދަ ދުވަހު ބަދަލު ކޮށްފައި ވަނީ އެ އަތޮޅު މަޑުއްވަރީގައި އުޅެމުން އައި 180 މީހުން 23 ގެއަކަށެވެ. އަދި ރ. މިދޫގައި ތިބި 260 މީހުން ވަނީ ބުރާސްފަތި ދުވަހު 38 ގެއަކަށް ބަދަލު ކޮށްފަ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި، "ނަމޫނާ ރަށެއް" ގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ދުވާފަރަށް އިއްޔެ އިން ފެށިގެން ބަދަލު ކުރަމުން ދަނީ ރ. ހުޅުދުއްފާރުގައި ތިބި ކަނދޮޅުދޫގެ 600 މީހުންނެވެ. އޭގެ ތެރެއިން ރެއާ ހަމައަށް 245 މީހުން ބަދަލު ކޮށްފައި ވާނެ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ.
ސުނާމީއާ ގުޅިގެން ފުނޑުފުނޑުވި ކަނދޮޅު އާބާދީގެ ތެރެއިން އެންމެ ގިނަ ބަޔަކު ދިރިއުޅެނީ އުނގޫފާރުގެ އެވެ. އެރަށުގައި ތިބި 300` 2 މީހުން ބަދަލު ކުރެވޭ ވަރު ވާނީ މާދަމާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ.
ހަތަރު އަހަރު ވަންދެން ވަރަށް ދަތި ހާލުގައި "ވަގުތީ ހިޔާތަކުގައި" އުޅެފައި މުޅިން އާ ގެތަކަށް ބަދަލުވެވުމުން ކަނދޮޅުދޫގެ ގިނަ ރައްޔިތުން ތިބީ އުފާވެފަ އެވެ. ނަމަވެސް ދުވާފަރުގައި ބައެއް ކަންތައްތައް ހުރި ގޮތުން ބައެއް މީހުން ޝަކުވާ ކުރެ އެވެ.
"އަޅުގަނޑު ދުވާފަރާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. އަދި ބައެއް ކަންކަން ފުރިހަމަ ނުވި ނަމަވެސް ފަހުން ރަނގަޅުވާނެ ކަމަށް މި ބަލަނީ. އަޅުގަނޑުމެން މިތާ (ޓެންޓުތަކުގައި) މި އުޅެނީ މާ ދަތި ހާލުގައި. ބައެއް ފަހަރު ހުންނަން ޖެހިދާނެ ފާހާނާ ކުރާނެ ގޮތެއް ނެތިގެން ހިތްދަތި ވެފައި ވެސް،" ދުވާފަރު ބެލުމަށް އައިއެފްއާރުސީން އޮބްޒާވަރެއްގެ ގޮތުގައި ފޮނުވި އަލީ އިސްމާއިލް ބުންޏެވެ. "މައްސަލަތަކެއް އެބަ އުޅޭ (ދުވާފަރުގައި). ފެނާއި މަގުތަކާއި ދެން ބައެއް ގޭގޭގައި ތަޅު ފަދަ އެއްޗެހި ހަލާކުވެގެން ބައެއް މީހުން ޝަކުވާކުރޭ."
އޭގެ އިތުރުން ކަނދޮޅުދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައި ވަނީ ދުވާފަރުގައި ހަދަމުންދާ ބަނދަރު ކުޑަވުމެވެ. މަސްވެރިކަމަށް މަޝްހޫރު ކަނދޮޅުދޫ މީހުން ބުނާ ގޮތުގައި ބޮޑެތި އޮޑިފަހަރަށް މިހާރު ހަދަމުންދާ ބަނދަރު "އެކައްޗަކަށް ވެސް ނުވާނެ" އެވެ.
ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލު ކުރަމުން ދަނީ ފުލުހުންނާއި ސިފައިންގެ ލޯންޗުތަކުގަ އެވެ. އަދި ރައްޔިތުންގެ މުދާތައް ބަދަލު ކުރަމުން ދަނީ ތިން ކޮޅުވެއްޓިއެއްގަ އެވެ. ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލުކުރުމުގައި ސިފައިންނާއި ފުލުހުން ވަރަށް ބުރަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ބުދަ ދުވަހު ދުވާފަރަށް ވަޑައިގެން އެރަށުގެ ހާލަތު ބައްލަވާލައްވައިފަ އެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ދުވާފަރަކީ މީހުން ދިރިއުޅޭ ރަށެއްކަން ރަސްމީކޮށް އިއުލާން ކުރައްވައިފަ އެވެ.
"މިއަދުން ފެށިގެން ރ. އަތޮޅު ދުވާފަރަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއް ގޮތުގައި އަޅުގަނޑު ކަނޑައަޅައި އެކަން އާންމުކޮށް އަންގައި އިއުލާން ކުރަން،" ދުވާފަރުގައި ދިވެހި ދިދަ ނެންގެވުމަށް ފަހު ދެއްކެވި ވާހަކަފުޅަށް ފަހު ރައީސް ނަޝީދު ވިދާޅުވި އެވެ.
އެކަމަކު ކުރީގެ ސަރުކާރުން ކަނދޮޅުދޫ ކޮންމެ އާއިލާއަކަށް ބަދަލެއްގެ ގޮތުގައި 000` 50 ރުފިޔާ ދޭން އިއުލާންކޮށްފައި އޮތަސް ނަޝީދު ވިދާޅުވީ އެ ފައިސާ ދެވެން ނެތް ކަމަށެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ތާށިކަމާ ހެދި ކަމަށް ބެލެވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރ. އަތޮޅު މެމްބަރު އަލީ ވަހީދު ވިދާޅުވީ ބަދަލުގެ ގޮތުގައި ދޭނެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން އެފައިސާ ހޯއްދަވައި ދެއްވުމަށް އޭނާ މަސައްކަތްކުރައްވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 47 ހެކްޓަރު ބިން އޮންނަ ދުވާފަރުގައި ތަފާތު ހަ ޑިޒައިނަކަށް ހަދާފައި ހުރި 600 ގެ އާއި ޕްރީ ސްކޫލަކާއި ޕްރައިމަރީ ސްކޫލާއި ސެކަންޑަރީ ސްކޫލާއި ސިއްހީ މަރުކަޒަކާއި އޮފީސްތައް ހިންގާނެ އިމާރާތަކާއި ނަރުދަމާ އަދި ކަރަންޓްގެ ނިޒާމަށް 30 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއްކޮށްފައިވެ އެވެ.
އެރަށް ތަރައްގީ ކޮށްފައި ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އަމީން ކޮންސްޓްރަކްޝަނާއި ސިންގަޕޫރުގެ ލިއަންބެން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ