އާރުސީސީން ކެންސަރުގެ ބައްޔަށް ފަރުވާ ހޯދާ ދިވެހިންނަށް ހާއްސަ ކުލިނިކެއް އައިޖީއެމްއެޗުގައި ހަދަނީ

އިންޑިޔާގެ ޑްރިވެންޑްރަމްގައި ހުންނަ ރީޖަނަލް ކެންސަރު ސެންޓަރު (އާރުސީސީ) ން ކެންސަރު ބައްޔަށް ފަރުވާ ހޯދާ ދިވެހިންގެ ރިވިއު އަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި އެ ކްލިނިކް ގާއިމް ކުރަނީ އާރުސީސީ އާއި އައިޖީއެމްއެޗާ ދެމެދު އެކުލަވާލާ އެއްބަސްވުމެއްގެ ދަށުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ސީއީއޯ ޒުބައިރު މުހަންމަދު މިއަދު ވިދާޅުވީ އެ ސެންޓަރާ އެކު އެއްބަސްވުން އެކުލަވާލުމަށް ދެ ދުވަސް ވަންދެން މިހާރު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ އެއްބަސްވުން އެކުލަވާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޒުބައިރު ވިދާޅުވި އެވެ.
އާރުސީސީގެ ޑިރެކްޓަރު ޑރ. ޕޯލް މިއަދު ވިދާޅުވީ، ކޮންމެ އަހަރަކު 150 އެއްހާ ކެންސަރު ބަލި މީހުން ރާއްޖެ އިން އެ ސެންޓަރަށް ދައްކާ ކަމަށެވެ. އެއީ އެ ސެންޓަރަށް ދައްކާ އެހެން ގައުމުތަކުގެ ބަލި މީހުންގެ 90 ޕަސެންޓެވެ. އޭނާ ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމަކާއި ބަލާއިރު އެއީ ގިނަ އަދަދެއް ކަމަށެވެ. ޑރ. ޕޯލް އަދި ވިދާޅުވީ އެފަދަ ބަލި މީހުން ރާއްޖެ އައުމަށް ފަހު އިތުރު މައްސަލައެއް ދިމާވުމުން އަނބުރާ، އިންޑިޔާ އަށް ގޮސް ދެވަނަ ފަހަރަށް ދެއްކުން ވެފައި ވަނީ އާއިލާތަކަށް ވަރަށް އުނދަގޫ ކަމަކަށް ކަމަށެވެ. އެކަމަކު އެއްބަސްވުމުގެ ދަށުން ފޮލޯއަޕް ކްލިނިކް ގާއިމްކުރުމާއެކު އަނބުރާ އިންޑިޔާ އަށް ދާންނުޖެހި އާރުސީސީގެ ޑޮކްޓަރުންނަށް ދެއްކޭނެ ގޮތް މަގުފަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ ޒިންމާދާރު އިސްވެރިޔާ އަދި އެމްއޯޔޫ އެކުލަވާލުމުގައި އިސްކޮށް އުޅުއްވާ ޑރ. އަހުމަދު ރާޒީ މިއަދު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ކެންސަރު ބަލި މީހުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އާރުސީސީގެ ޑޮކްޓަރުން އެކި ދުވަސްވަރު އައިސް ރާއްޖޭގައި ގާއިމްކުރާ ފޮލޯއަޕް ކްލިނިކްގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ އެމްއޯޔޫގެ ދަށުން ޓެލެ މެޑިސިންގެ ދާއިރާ އިން ވެސް އާރުސީސީ އާއި އައިޖީއެމްއެޗާ ގުޅުވާލެވޭނެ ކަމަށް ރާޒީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިކޮޅުގެ ރޭޑިއޮލޮޖީ އެކިކަހަލަ މަންޒަރުތައް ވެސް ފޮނުވާލެވޭނެ. އަދި މިސާލަކަށް ޕެތޮލޮޖީ ސްލައިޑެއް ވެސް އެކޮޅަށް ފޮނުވާލެވިދާނެ. ނޫނީ ބަލީމީހާ އެހެނިހެން ފޮޓޯތަކާއި ބަލިމީހާގެ ހުރިހާ ތަސައްވުރު ތަކެއް އަޅުގަނޑުމެންނަށް ޓެލެމެޑިސިންގެ ދާއިރާއިން ފޯރުކޮށްދެވޭނެ،" ރާޒީ ވިދާޅުވި އެވެ.
އަދި އޭގެ އިތުރުން އެ ދާއިރާގައި މަސައްކަތްކުރާ އައިޖީއެމްއެޗުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ފުރުސަތު ވެސް އެ އެއްބަސްވުމުގެ ދަށުން ހުޅުވިގެންދާނެ ކަމަށް ރާޒީ ވިދާޅުވި އެވެ.
ރާޒީ އިތުރަށް ވިދާޅުވީ އާރުސީސީ އަކީ މި ސަރަހައްދުގައި ހުރި ޑަބްލިއުއެޗްއޯގެ ރިފަރެންސް ލިބިފައިވާ ތަނަކަށް ވާތީ އެފަދަ އެއްބަސްވުމެއް އެކުލަވާލުމަށް ވަކި ރަނގަޅު އެހެން ބައެއް ނެތް ކަމަށެވެ. އެއްބަސްވުން އެކުލަވާލުމަށް މަސައްކަތް ކުރަމުން ދަނީ ފަސް އަހަރުގެ މުއްދަތަށެވެ. އައިޖީއެމްއެޗުން ބުނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރު ވެސް ކުރެވޭނެ ކަމަށެވެ.
ރާޒީ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކެންސަރު ބަލީގެ ގިނަ މީހުން އަމިއްލަ ގޮތުންނާއި އަދި ކުރިން ވެލްފެއާގެ އެހީގަ އާއި ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ވެސް އާރުސީސީ އަށް ދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ