ރިޔާސީ އިންތިޚާބު 2008: އިދިކޮޅު މީހުންގެ ތެރޭގައި އިސްލާހަށް މަސައްކަތްކުރާ ބަޔަކު ނެތް: މައުމޫން

މި ފަހަރު އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ހިތްޕުޅުގައި އިސްލާހީ ކަންތައްތަކަށް މާބޮޑު ތާއީދެއް ނެތް ކަމަށް ޑީއާރްޕީގެ ޒައީމް އަދި އެ ޕާޓީގެ ރިއާސީ ކެންޑިޑޭޓް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިއާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމުގެ ގޮތުން، ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒައީމް މައުމޫން ވިދާޅުވީ، ބައެއް ޕާޓީތަކުގެ ވެރިން އެ ބޭފުޅުންގެ ޒިންމާތައް އަދާކުރެއްވުމުގައި ގެންގުޅުއްވާ ޚުދުމުޚުތާރު ގޮތްތަކުގެ ސަބަބުން އެބޭފުޅުންނާ ދީމުގްރާތީ އުސޫލުތަކާ ދޭތެރޭގައި ވަރަށް ފުން ވަޅުގަނޑެއް އެބަ އޮތްކަން އެނގޭ ކަމަށެވެ.
ކުރިއަށް އޮތް ރިއާސީ އިންތިޚާބަށް ކުރިމަތިލައްވަން ނިންމެވީ މިހާރު ފައްޓަވާފައިވާ އިސްލާހީ އެޖެންޑާ ކާމިޔާބުކުރުމުގެ ފުރުސަތު ހޯއްދެވުމުގެ ގޮތުން ކަމަށާއި އެ ފުރުސަތު ނުލިބިއްޖެ ނަމަ އެ އިސްލާހީ މަސައްކަތްތައް ފަހަތަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް މައުމޫން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެ ނަމަ އިސްލާހީ މަސައްކަތްތައް ކުރިއަށް ނުދާނޭކަން ބަޔާންކޮށްދެއްވަމުން ޒައީމް މައުމޫން ވިދާޅުވީ، "މި ފަހަރުގެ ރިއާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ހިތްޕުޅުގައި މިފަދަ އިސްލާހީ ކަންތައްތަކަށް މާ ބޮޑު ތާއީދެއް ނެތްކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެ ބޭފުޅުން އަމިއްލަފުޅަށް އެ ބޭފުޅުންގެ ޕާޓީގެ ކަންތައް ކުރައްވާ ގޮތުން، ޚުދުމުޚުތާރުކަމާ އެކީގަިއ ޕާޓީގެ ކަންތައް ހިންގަވާ ގޮތުން، އެއީ ދީމުގްރާތީ އުސޫލަށް ތާއީދުކުރައްވާ ބޭފުޅުން ނޫންކަން ތިޔަ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ."
ޒައީމް މައުމޫން ވިދާޅުވީ އެ މަނިކުފާނަށް ރިއާސީ އިންތިޚާބަށް ކުރިމަތިނުލެއްވޭނެ ކަމަށް ދައްކާ ވާހަކައަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި ގާނޫނު އަސާސީގެ ،107 ،293 301 ވަނަ މާއްދާ އެކަނި ބަލައިލިއަސް، މިއީ އާ ގާނޫނު އަސާސީއެއް ކަން އެނގޭނެ ކަމަށް ވިދާޅުވި އެވެ. އަދި މި ގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިއާސީ އިންތިޚާބަކީ މި ފަހަރު ބޭއްވޭ އިންތިޚާބުކަން ވެސް އެނގޭނެ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ކުރިމަތިލީ ދިވެހި ރައްޔިތުންނަށް އިތުރު ތަރައްގީ އާއި ކާމިޔާބީ ގެނެސްދިނުމުގެ މަތިވެރި އަޒުމްގައި. މާތް ﷲގެ ވާގިފުޅާ އެކު ކުރިއަށް އޮތް ރިއާސީ އިންތިޚާބު އަޅުގަނޑާއި އަހްމަދު ތަސްމީން އަލީ ކާމިޔާބުކުރާނަން. އަޅުގަނޑުމެން ކާމިޔާބުކުރާނީ ތިޔަ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ ތާއީދާ އެކު. ރާއްޖޭގެ ހުރިހާ ރަށެއްގެ ވަރަށް ގިނަ ރައްޔިތުންގެ އެއްބާރުލުމާއި ވަރަށް ބޮޑު ތާއީދަކާ އެކުގައި،" ރައީސް ވިދާޅުވި އެވެ.
ތިނަދޫ ސްކޫލްގައި ޑީއާރްޕީގެ ޖަލްސާ ހިނގަމުން ދިޔައިރު އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ރައީސް މައުމޫންގެ އިސްތިއުފާ އަށް ގޮވައި އަޑުގަދަކުރަމުން ދިޔަ އެވެ. އެކަމަށް އިޝާރާތްކުރައްވައި މައުމޫން ވިދާޅުވީ، މިހާރު ޑިމޮކްރެސީ އަށް ހުރަސް އަޅަމުން އެ ދަނީ ޑިމޮކްރެސީ އަށް ތާއީދުކުރާ ކަމަށް ބުނާ މީހުން ކަމަށެވެ.
މައުމޫން ވިދާޅުވީ، ގއ. ދާންދު އަށް ބުރަާސްފަތި ދުވަހު އެ މަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ވެސް ބަޔަކު މީހުން އެމަނިކުފާނާ ދެކޮޅަށް އަޑު އުފުލި ކަމަށާއި ފަހުން އެނގުނު ގޮތުގައި އެމީހުން އެކަން ކުރީ ބަޔަކު ބުނެގެން ކަމަށެވެ.
"މަދު ބަޔަކު ބައެއް ކަހަލަ ފޮތިތައް ދަމައި ބައެއް ކަހަލަ އެއްޗެހި ކިޔައި ހަރުކަށި ގޮތަކަށް ތިބި ބަޔަކު ތިބި. އެ މަދު މީސްކޮޅު އެ ގޮތަށް ކަންތައް ކުރީ ކީއްވެގެންކަން ރަށު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް އެނގުނު. ރައްޔިތުންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވީ އެމީހުން އެކަންތައް މާލެ އިން މިވެނި މީހަކު އެ މީހުންނަށް ފައިސާތަކެއް ދީގެންނޭ. ކޮބައިތޯ ޑިމޮކްރެސީއަކީ؟ ކޮބައިތޯ ދިމުގްރާތީ އުސޫލަކީ. ފައިސާ ބަހައިގެން މީހުން ލައްވާ ކަންތައް ކުރުވުންތޯ؟ މިއިން އެނގެނީ އެއީ ރައްޔިތުންގެ އަޑެއް ނޫންކަން. ބަޔަކު މީހުން ފައިސާ ބަހައިގެން."
މައުމޫން ވިދާޅުވީ ޑިމޮކްރެސީއަކީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ދިނުން ކަމަށެވެ.
"އަޅުގަނޑު މިތަނަށް އައިމަ އަޅުގަނޑާ ދެކޮޅަށް ވާހަކަ ދައްކާ މީހަކަށް ހުރަހެއް ނާޅާނަން. އެމީހަކު ބުނަން ބޭނުންވާ އެއްޗެއް ބުނިޔަ ދޭނަން. ރީތިކޮށް މަޑުމަޑުން އިންސާނީވަންތަ ކަމުގެ ގޮތުން. އަޅުގަނޑުމެންނަކީ އެކަކު އަނެކަކު ބުނާ އެއްޗެއް މަޑުމަޑުން ބުނި ކަމުގައި ވިޔަސް ވިސްނޭ ފަދަ ވިސްނުމެއް މާތް ﷲ ދެއްވާފައިވާ ބައެއް. އަޅުގަނޑުމެންނަކީ އިންސާނުން. އިންސާނުން ގާތު ކިތަންމެ މަޑުމަޑުން އެއްޗެއް ބުންޏަސް ވިސްނޭނެ. ކޮންމެހެން އަޑުގަދަކުރާކަށް ނުޖެހޭ. ހަޅޭއްލަވާކަށް ނުޖެހޭ. ހަޅޭއްލެވުމަކީ ނޫނީ އެނޫން ގޮތްގޮތަށް އަމަލުކުރުމަކީ އިންސާނީ ރީތި އުސޫލުތަކާ ވަރަށް ބޮޑަށް ތަފާތުވާ ކަމެއް." މައުމޫން ވިދާޅުވި އެވެ.
"މި މީހުން އަޅުގަނޑާ ދެކޮޅުވާންޖެހޭ އެންމެ މުހިންމު ސަބަބަކީ ރާއްޖޭގައި މި އޮތް އިސްލާމް ދީން، ދިފާއުކުރުމަށް އަޅުގަނޑު މަސައްކަތްކުރާތީ. ރާއްޖެ އަކީ އިރާދަކުރެއްވިއްޔާ ސައްތަ އިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ބާއްވަން، މަސައްކަތްކުރާ މީހަކު ކަމުގައިވާތީކަން އަޅުގަނޑަށް އެނގޭ. ބޭރުގެ ނަސާރާ ދީނުގެ ފަރާތްތަކުން، ފައިސާ އާއި އެހީ ދީގެން ބަޔަކު މީހުން އެ މަސައްކަތްކުރަނީ ރާއްޖޭގައި މި އޮތް އިސްލާމް ދީން ފުހެލުމަށްޓަކައި. ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އިސްލާމް ދީން ނޫން އެހެން ދީން ދީނަށް ތަބާވާ ބަޔަކު އުފެއްދުމަށްޓަކައި. ރާއްޖޭގައި ފައްޅިއެއް ހިންގުމަށްޓަކައި. މިއީ އެ މީހުންގެ ސިއްރު ޕްރޮގްރާމްގައި އޮތް ކަމެއް. ދެ ހާސް ވަނަ އަހަރު އަންނަ އިރަށް ރާއްޖޭގައި ފައްޅިއެއް ހުންނާނެ ކަމަށް އެމީހުންގެ ޕްރޮގްރާމްގައި ވަނީ ލިޔެފައި ޝާއިއުކޮށްފައި. އެ އަޅުގަނޑު ދުށިން."
"އެ މީހުންނަށް އެ މަސައްކަތް ނާކާމިޔާބުވުމުން އަދި ސަރުކާރުން އެ މީހުން ހިފައި އެ މީހުންގެ މަސައްކަތް ހުއްޓުވައި އެ މީހުން ފޮނުވައިލީމާ ދެން އެ މީހުން މަސައްކަތްކުރަނީ އަޅުގަނޑު ވައްޓާލަން ނުވަތަ އަޅުގަނޑުގެ ސަރުކާރު ވައްޓާލަން. އެއީކީ ދިވެހި ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން. ރާއްޖޭގެ ފައްޅިއެއް ހުންނާކަށް ދިވެހި ރައްޔިތުން ބޭނުމެއް ނުވާނެ،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ތިނަދުއަށް ވަޑައިގެންނެވިއިރު ބަނދަރުމަތީގައި ތަފާތު ޝުއޫރުތައް ލިޔެފައިވާ ވަރަށް ގިނަ އަދަދެއްގެ ފޮތިގަނޑުތައް ދަމާފައި ވެއެވެ. އޭގެ ތެރޭގައި މައުމޫނަށް ތާއީދުކޮށް ލިޔެފައިވާ ފޮތިގަނޑުތަކާއި މައުމޫނާއި ދެކޮޅަށް ލިޔެފަ ހުރި ފޮތިގަނޑުތައް ވަރަށް ގިނަ ކަން ފާހަގަ ކުރެވެ އެވެ. އަދި ރައީސް މައުމޫން ތިނަދުއަށް ފައިބާވަޑައިގެންނެވިއިރު ފާލަމުގެ ދެފަރާތުގައި އިދިކޮޅު އެމްޑީޕީގެ 200 އެއްހާ މެމްބަރުން ތިބެ މައުމޫންގެ އިސްތިއުފާއަށް ގޮވާ ސަރުކާރާ ދެކޮޅު ޝުއޫރުތައް ފާޅު ކުރަމުން ދިޔަ އެވެ.
ތިނަދޫ ބަނދަރުން ސްކޫލަށް ކާރުކޮޅުގައި ރައީސް ވަޑައިގެންނެވިއިރު ކާރުކޮޅުގެ ފަހަތުން ވެސް ވަރަށް ގިނަ ބަޔަކު ދުވަމުން މައުމޫނުގެ އިސްތިއުފާ އަށް ގޮވަމުން އައިތަން ފެނިފައި ވެއެވެ. އަދި ޖަލްސާ ހިނގަމުންދިޔައިރު ވެސް ސްކޫލް ބޭރު ފާރު ކައިރީގައި އެމްޑީޕީގެ މެމްބަރުން ތިބެގެން އިދިކޮޅު ޝުއޫރުތައް ފާޅުކުރަމުން ދިޔަ އެވެ.
އެ މީހުން ޝުއޫރު ފާޅކުރަމުން ދިޔައިރު ބައެއް ފަހަރު ހަޑިހުތުރު ބަސްތައް ވެސް ބޭނުން ކުރަމުން ދިޔަ އެވެ. އަދި ޖަލްސާ ފެށުމަށްޓަކައި ކީރިތި ޤުރްއާން ކިޔަވަމުން ދިޔައިރު ވެސް ބޭރުގައި ތިބި މީހުން އަޑުގަދަކުރާތައް ބޭނުންކޮށްގެން ހުއްޓާނުލާ ރައީސް މައުމޫނުގެ އިސްތިއުފާ އަށް ގޮވަމުން ދިޔަ އެވެ.
ރައީސް މައުމޫން މި ޖަލްސާ ނިންމަވާލެއްވުމަށްފަހު ރަށުގެ ބައެއް ރައްޔިތުންނާ ބައްދަލު ކުރެއްވި އެވެ. މި ޖަލްސާގައި ރައީސް މައުމޫންގެ ރަނިން މޭޓް އަހުމަދު ތަސްމީން އަލީ އާއި ގދ. މެމްބަރު އައްބާސް އިބްރާހީމް ވެސް ވާހަކަފުޅު ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ