ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ރޭ ރާއްޖޭގައި ފުރަތަމަ ފަހަރަށް އާތު އަވާ ފާހަގަކޮށް، އެއް ގަޑިއިރުގެ ތެރޭގައި ތިން މެގަވޮޓްގެ ކަރަންޓު ސަލާމަތްކޮށްފި އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި ރިސޯޓުތަކުގައި ރޭ 30: 8 ން 30: 9 އަށް އާތު އަވާ ފާހަގަކުރީ ކަރަންޓުން ކޮންމެހެން ކުރަންނުޖެހޭ ކަންތައްތައް ނުކޮށް، ކަރަންޓު ބޭނުންކުރާ މިންވަރު މަދުކޮށްގެންނެވެ.
ސްކައުޓް އެސޯސިއޭޝަނުން އިސް ނަގައިގެން އާތު އަވާ ފާހަގަކުރުމަށް މާލޭ ހެދިގޮނޑުދޮށް ސަރަހައްދުގައި ބޭއްވި ހަފްލާގައި އާތު އަވާ އަށް ފަހު، ސްޓެލްކޯ އިން އިއުލާންކުރި ގޮތުގައި އެ އެއްގަޑިއިރުގެ ތެރޭގައި ކަރަންޓު ބޭނުންކުރި މިންވަރު ވަނީ 26،000 ކިލޯވޮޓުން 23،000 ކިލޯ ވޮޓަށް ދަށްވެފަ އެވެ. ސްޓެލްކޯގެ އިންޖިނިއަރު އިބްރާހީމް ރައޫފު ވިދާޅުވީ އެއީ ތިން މެގަވޮޓުގެ ދަށްވުމެއް ކަމަށެވެ.
ރައޫފު ވިދާޅުވިގޮތުގައި އޭގެ ސަބަބުން، 810 ލިޓަރުގެ ޑީސަލް ސަލާމަތްވެ، އެ ތެޔޮ އެންދި ނަމަ ބޭރުވާނެ ކަމަށް ލަފާކުރެވޭ، 1.5 ޓަނުގެ ވިހަ ކާބަން ޑައިއޮކްސައިޑް ގޭހުން ޖައްވު ވަނީ ސަލާމަތްވެފަ އެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް ބޮޑު ކުރިއެރުމެކޭ،" އާތު އަވާ ފާހަގަކުރުމަށް ހެދިގޮނޑުދޮށަށް އެއްވެ ތިބި މީހުންނާ ވާހަކަ ދައްކަވަމުން ރައޫފު ވިދާޅުވި އެވެ. "އަދި އަޅުގަނޑު ދަންނަވާލަން ބޭނުން މި ވަގުތު ސްޓެލްކޯގެ ކެޕޭސިޓީ ހުރި ގޮތުން އަޅުގަނޑުމެންގެ ޕީކް ގަޑިތަކުގައި ވީވަރަކުން ކަރަންޓު ވީހާ ވެސް މަދުން ބޭނުންކުރެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކޭ."
އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު )މީމުޒަވިޔަނި( އެ ހަފްލާގައި ވިދާޅުވީ، އާތު އަވާގައި ހޯދުނީ ވަރަށް ރަނގަޅު ކާމިޔާބީއެއް ކަމަށެވެ.
"އެއްގަޑިއިރަށް ވުރެ ގިނައިރު މަސައްކަތްކޮށްފިއްޔާ މިއަށްވުރެ ވެސް ބޮޑު ކާމިޔާބީއެއް ހޯދިދާނެ،" މީމުޒަވިޔަނި ވިދާޅުވި އެވެ. "އަޅުގަނޑުމެން އާދަކުރަންވީ އަޅުގަނޑުމެން ކޮންމެހެން ބޭނުންނުކުރާ އެއްޗެހި އަބަދުވެސް ނިއްވާލާފައި ބެހެއްޓުމަށް."
އާތު އަވާއާ ގުޅުވައިގެން، ސަރުކާރުން ވަނީ އިއްޔެ ހަވީރު 00: 4 ން ރޭ މެންދަމު 00: 12އާ ދެމެދުގެ ވަގުތަކީ މުޅި ރާއްޖޭގައި ފައި މަގުގައި އުޅޭ ވަގުތެއް ކަމަށް ހަމަޖައްސާފަ އެވެ. އެ ގޮތަށް ހަމަޖެއްސީ ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށާއި މަގުމަތި އަމާން ތަނަކަށް ހެދުމުގެ މަގުސަދުގައި ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފައިވެ އެވެ. ފައިމަގުގައި އުޅޭ ވަގުތު ފެށީ ސްކައުޓުންގެ ހިނގާލުމަކުންނެވެ.
ހެދިގޮނޑުދޮށުގައި ވާހަކަ ދައްކަވަމުން މީމުޒަވިޔަނި ރޭ ވިދާޅުވީ ފައިމަގުގައި އުޅުމުގެ ވަގުތުގައި އާއްމުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިއްޔެ ހަވީރު ބޭއްވި ހިނގާލުމުގައި ބައިވެރިވި ސްކައުޓުންގެ ބައެއް ބެލެނިވެރިން އެ ހިނގާލުމަށް ފަހު ކުދިން ގޮވައިގެން ދިޔައީ ސައިކަލުގަ އެވެ. އަދި ހިނގާފައި އުޅޭ ވަގުތު ފާހަގަކުރަމުން ދިޔައިރު ޒުވާނުންގެ އަމަލުތައް ހުރީ ވަރަށް ގޯސްކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޒުވާން ޖީލު އަހުލާގީ ގޮތުން ވަރަށް ދަށަށް ގޮސްފައި އޮތްކަން މިރޭ މަގުތައް ބަލާލީމާ އަޅުގަނޑުމެންނަށް ފެންނާނެ،" އޭނާ ވިދާޅުވި އެވެ. "މިރޭ މި ފެންނަނީ ސިފައިންނާއި ފުލުހުން ތިއްބާ މަގުމަތީގައި ގަވާއިދާ ހިލާފަށް ބައިސްކަލްތަކާއި ސައިކަލްތައް ދުއްވާތަން. މިއީ ވަރަށް ހިތާމަ ހުރި ކަމެއް."
މި އަހަރުގެ އާތު އަވާ ރާއްޖޭގައި ރަސްމީ ގޮތުން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. ރިޔާސީ ގަނޑުވަރު މުލީއާގޭގައި ހުންނަވައިގެން ރޭ 27: 8 ހާއިރު ޓީވީ މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އާތު އަވާގައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ. އެއަށް ފަހު، 30: 8 ހިނގުމުގެ ސިކުންތު ކޮޅެއް ކުރިން މުލީއާގޭގެ ސުވިޗުތައް ރައީސް ނަޝީދު އޯފްކޮށްލެއްވި އެވެ.
އާތު އަވާ ފާހަގަކުރުމަށް ހެދިގޮނޑުދޮށް ސަރަހައްދުގައި ކުރިއަށް ދިޔަ ބޮޑުބެރާއި ލަވަޔާއި ނެށުމުގެ ހަރަކާތްތައް ބެލުމަށް ވަރަށް ގިނަ މީހުން ދިޔަ އެވެ. އާތު އަވާގެ ހަރަކާތްތައް އަތޮޅުތަކުގައި ވެސް ވަރަށް ފޯރިއާ އެކު ކުރިއަށް ދިޔަ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ.
ވޯލްޑް ވައިލްޑްލައިފް ފަންޑުން އިސް ނަގައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އާތު އަވާ ކެމްޕެއިން ރާއްޖޭގައި އިންތިޒާމްކުރި ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ރޭ ވާހަކަ ދައްކަވަމުން ސްކައުޓް ޗީފް ކޮމިޝަނަރު އަހުމަދު އަލީ މަނިކު ވަނީ، އާތު އަވާ އަށް އެއްބާރުލުން ދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
އާތު އަވާ ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ޕާކުގައި ރޭ ބޮކިތައް ދިއްލާފައިވަނީ އަވީގެ ހަކަތަ ބޭނުންކޮށްގެންނެވެ. އަދި އިއްޔެގެ ހަރަކާތްތަކުގެ ތެރޭގައި އެންޖީއޯތައް ގުޅިގެން ވިލިނގިލީ ފަރު ސާފުކުރުމާއި އެތީނާ ސިނަމާގައި ތިމާވެއްޓާ ބެހޭ ޑޮކިއުމެންޓްރީއެއް ދެއްކުން އޮތެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އާތު އަވާ ފާހަގަކޮށް، ތިން މެގަވޮޓްގެ ކަރަންޓު ސަލާމަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ