17 މެންބަރުންނަކީ ސައްހަ މެންބަރުންތޯ ބެލުމަށް ސުޕްރީމް ކޯޓަށް!

ރައްޔިތުންގެ މަޖިލީހުގެ 17 މެންބަރަކީ މެންބަރުކަމުގެ ޝަރުތުހަމަވާ ބޭފުޅުންތޯ ބެލުމަށް މާދަމާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ގައުމީ ހަރަކާތުން ބުނެފި އެވެ.
ގައުމީ ހަރަކާތުގެ ފަރާތުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާ އައްބާސް އާދިލް ރިޒާ ވިދާޅުވީ މިމައްސަލަ އޭނާގެ ނަމުގައި ހުށަހަޅަން ނިންމި މައިގަނޑު ސަބަބަކީ ރާއްޖޭގެ ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށެވެ.
އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެމަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ އެތައް މެންބަރުންނެއް ތިބެގެން ގައުމުގެ މިނިވަންކަމައި އިސްތިޤުލާލަށް ލޮޅުން އަރާފަދަ އެތައްކަމެއް ކުރަމުންދާކަމަށާއި މަޖިލީހުގެ ބައެއް މެންބަރުންނާއި ބޭރުގެ ފަރާތްތައް ގުޅިގެން ރާއްޖޭގެ ދާޚިލީ މިނިވަން ކަން ނަގާލައި ރާއްޖެ އަޅުވެތިކުރުމަށް ރޭވިގެން ޙީލަތްތެރި ރޭވުންތަކެއް ރާވަމުން ދާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 17 މެމްބަރެއްގެ ސައްހަކަން ކަނޑައެޅުމަށް މާދަމާ ގައުމީ ހަރަކާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާއިރު އެ 17 މެންބަރުންނަކީ ކޮބައި ކަމެއް އައްބާސް ރޭ ވިދާޅެއް ނުވެ އެވެ.
“ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށް” މިޝިޔާރުގެ ދަށުން މީގެކުރިން އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި ހޯމް މިނިސްޓަރ ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރުނެތްކަމަށް ހުށަހަޅާފައިވާ މައްސަލާގައި ވޯޓް ނުނެގޭނެކަމަށާއި އެކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
އިމްރާން ވިދާޅުވީ އެވޯޓު ނަގައިފިނަމަ ގާނޫނު އަސާސީ އާއި މެންބަރުން ހިލާފުވާނެ ކަމަށާއި މިހާރު ވެސް އެމަޖިލީހުގައި ގާނޫނު އަސާސީ އާއި ހިލާފުވެފައިވާ މެންބަރުން އެބަތިއްބެވި ކަމަށެވެ.
މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރޭގައި ޔޫރީން ނުދީ ތިބި މެންބަރުންނާއި ބަނގުރާ ހިއްޕަވާ މެންބަރުންނާއި ޓެކްސް ނުދައްކަވާ މެންބަރުންނާއި ބަދު އަހުލާގީ އަމަލު ހިންގާފައި ތިބި މެންބަރުން ތިއްބެވިއިރު އެބޭފުޅުންނަކީ ފުރަތަމަ ޝަރުތު ހަމަވާ ބޭފުޅުންތޯ ބަލަން ޖެހޭނެ ކަމަށް ވެސް އިމްރާން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ