މެލޭޝިއާގެ ބޮޑުވަޒީރު، ޑރ. މަހާތީރު މުހައްމަދުގެ ދައުވަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ އެގައުމަށް ފުރާވަޑައިގެންފިއެވެ.
މިއީ މިދިޔަ މެއި މަހުގެ ތެރޭގައި އަލުން މެލޭޝިއާގެ ބޮޑުވަޒީރު ކަމާ މަހާތީރު ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މައުމޫން މަހާތީރާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
ބާވީސް އަހަރު ވަންދެން މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވި އުމުރުފުޅުން 92 އަހަރުގެ މަހާތީރު މެލޭޝިއާގެ ބޮޑުވަޒީރުކަމަށް އިންތިހާބު ވިއިރު މައުމޫން ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލުގައެވެ.
މައުމޫން ރިފޯމް މޫވްމަންޓުގެ ތަރުޖަމާން ތަޒްމީލް އަބްދުލްސަމަދު ވިދާޅުވީ، މަހާތީރުގެ ދައުވަތަކަށް އެގައުމަށް ރައީސް މައުމޫން ކުރައްވާ ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރަށް އަރުވަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ސިޓީފުޅެއް ރައްދު ކުރެއްވުމަށް ހަވާލުކުރެއްވި ކަމަށެވެ.
އެއީ ކޮންކަހަލަ ސިޓީފުޅެއް ކަމެއް ނުބުނި ނަމަވެސް، ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން، މެލޭޝިއާއަށް އަދި ރަސްމީ ދަތުރުފުޅެއް ކުރައްވާފައެއް ނުވެއެވެ.
ރައީސް މައުމޫންގެ މި ދަތުރުފުޅުގައި ޕީޕީއެމްގެ ކުރީގެ ނައިބް ރައީސް އަދި އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވާ އައިމިނަތު ނާދިރާ އާއި އަބްދުﷲ ކަމާލުއްދީން ބައިވެރިވެވަޑައިގަންނަވައެވެ. އަދި ދަތުރުފުޅަށްފަހު ރައީސް މައުމޫން އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.
މަހާތީރަށް އަރުވަން، ރައީސްގެ ހާއްސަ ސިޓީފުޅަކާއެކު މައުމޫން މެލޭޝިއާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ