ކޯޓުގެ ނިންމުން ބަލައިގަތްނަމަވެސް ސުޕްރީމް ކޯޓަށް ދާނެކަން އިލެކްޝަންސުން ހާމަކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިދިޔަ މަހު ފަހުކޮޅު ބޭއްވި ކޮންގްރެސް ސައްހަ ކަމަށް ހައިކޯޓުން މިއަދު ނިންމި ނިންމުން ބަލައިގަތްނަމަވެސް އެކަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްއަށް އަންގައިފިއެވެ.
އިލެކްޝަންސުން މިކަން އަންގާފައިވަނީ އެ ކޮމިޝަނުން ޕީޕީއެމް އަށް ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގެ ކޮޕީއެއް އިލެކްޝަންސުން ޓްވީޓްކޮށްފައިވާއިރު އެ ސިޓީގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓް ނަންބަރު: 2018/HC-SP/01 ޤަޟިއްޔާއިން ބައްލަވަމުން ގެންދެވި މައްސަލާގައި 2018 ނޮވެމްބަރު 22 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވި ޙުކުމްގައިވާ ފަދައިން 2018 ސެޕްޓެމްބަރު 28 އަދި 29 ގައި ބޭއްވުނު ތިޔަ (ޕީޕީއެމް) ޕާޓީގެ ޚާއްސަ ގޮތުން ބާއްވާ ޤައުމީ ޖަލްސާގައި ފާސްކޮށްފައިވާ އަސާސީ ގަވާއިދާއި ތިޔަ ޕާޓީގެ މަޤާމުތަކަށް އިންތިޚާބުކުރެވުނު ފަރާތްތައް 2018 ނޮވެމްބަރު 22 ވީ ބުރާސްފަތި ދުވަހު ކޮމިޝަނުގައި ދަފްތަރުކުރެވިފައިވާނެކަމަށެވެ.
“ދަފްތަރުކުރެވިފައިވާ އަސާސީ ގަވާއިދުގެ  ކޮޕީއެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފޮނުވާނެކަމުގައި ދަންނަވަމެވެ.” އިލެކްޝަންސުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާގެ ޙުކުމްގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން ރިޢާޔަތްކުރައްވަންޖެހޭ ކަންކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް އެ ކޮމިޝަނުން ޤަބޫލުކުރެވޭތީ އެ މައްސަލަ އިސްތިޢުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅަން އެ ކޮމިޝަނުން ނިންމާފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ