މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރު ކޮށްދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ވަންނަން ބޭނުންވާ މީހުން ގިނަވެ، ސުޕްރީމް ކޯޓު ކައިރި ތޮއްޖެހިއްޖެއެވެ.
މިއަދު ހެނދުނު 10:00 އިން ފެށިގެން ސުޕްރީމް ކޯޓު ކައިރީ ކިއު ހަދައިގެން ތިބި މީހުންގެ ނަން ނޯޓް ކުރަން ސުޕްރީމް ކޯޓުން ފުރުސަތު ހުޅުވާލީ 12:00 ގައެވެ.
އަޑުއެހުމަށް ވަންނަން ކިއު ހަދައިގެން ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާއި އިދިކޮޅު ސަޕޯޓަރުންގެ މެދުގައި ވަނީ ބަހުގެ ހަމަލާތަކެއް ވެސް ބަދަލު ކޮށްފައެވެ. ނަމަވެސް ހަމަނުޖެހުމެއް ހިނގުމުގެ ކުރިން ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
ޝަރީޢަތައް ވަންނަން ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީޕީންނާއި ސަރުކާރުގެ ސިޔާސީ މަގާމުތައް ފުރުއްވާ ގިނަ ބަޔަކު ވެސް ކިއުގައި ތިއްބެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ޝަރީޢަތައް ވަނުމުގެ ފުރުސަތު 19 މީހަކަށް ދޭށެވެ. އެއީ އާންމުންގެ ނުވަ މީހުންނާއި 10 ނޫސްވެރިންނަށެވެ.
ޝަރީޢަތުގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައި ވަނީ 13:00 ގައެވެ.
އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.
ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.
ޝަރީޢަތައް ވަންނަން ބޭނުންވާ މީހުން ގިނަވެ، ސުޕްރީމް ކޯޓު ކައިރި ތޮއްޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ