ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ބައެއް މެންބަރުންގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ތާވަލްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން އެހުރިހާ މެމްބަރުންވެސްވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ.
އެހެންނަމަވެސް، މައްސަލަ ބަލަން ސުޕްރީމް ކޯޓުން ތާވަލްމިކުރި މެމްބަރުންނަކީ، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން އެންމެ ފުރަތަމަ ކަނޑައެޅި ހަތަރު މެމްބަރުންނެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންއާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްސަލައެވެ.
މެމްބަރު ސައުދު ހުސައިންއާއި، މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ މައްސަލަ ހޯމަދުވަހަށް ތާވަލް ކޮށްފައިވާއިރު، މެމްބަރު އަބްދުއްލަތީފް މުހައްމަދާއި، މެމްބަރު މުހައްމަދު އަމީތުގެ މައްސަލަ ތާވަލް ކޮށްފައިވަނީ އަންގާރަ ދުވަހަށެވެ.
މިހަތަރު މެމްމަބަރުން ސުޕްރީމް ކޯޓަށް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޖުލައިމަހުގެ 20 ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހަށް އެ މެމްބަރަކު އިންތިޚާވާ ޕާޓީން ވަކިވެވަޑައިގެންނެވި ނަމަ، ނުވަތަ އެއްވެސް ސަބަބަކާހުރެ އެ މެމްބަރަކު ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން މިހަތަރު މެމްބަރުންނާއި، އިތުރު އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައެޅިއެވެ.
މެމްބަރުން މިމައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮންނަތާ އެތައް ދުވަހެއްފަހުން، މިއަހަރުގެ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފުރިހަމަ ބެންޗުން ނެރުނު އަމުރުގައި ކަނޑައަޅާފައިވަނީ، އެ 12 މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭ ކަމަށެވެ.
އެކަމަކު، ސުޕްރީމް ކޯޓުގެ އެ އަމުރާއި ގުޅިގެން ރައީސް ޔާމީން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކުރައްވައި، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް، ސުޕްރީމް ކޯޓަށް އަލުން ދެފަނޑިޔާރުން އައްޔަންކޮށް، ފަނޑިޔާރުންގެ ބެންޗުންވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލިފައި ނުވާކަމަށް، 1 ފެބްރުއަރީގެ އަމުރުގައި ބުނާ ބައި ބާތިލް ކޮށްފައެވެ.
މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެކެއް ފެބްރުއަރީގެ އަމުރުގައި ބުނެފައިވާ ބައި ބާތިލް ކުރުމަށް ސުޕްރީމް ކޯޓުން ނިންމީ ގޮނޑިއާއި ގުޅޭ މައްސަލަތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅައި އެކޯޓުން އެމައްސަލަތައް ބަލައިގަނެފައިވާތީ އެކަމާ ގުޅޭގޮތުން ބަހުސްނުކޮށް މެންބަރުންގެ ގޮނޑިއާމެދު ވަކިގޮތެއް ކަނޑަނޭޅޭނެ ކަމަށް ނިންމުމަށްފަހުއެވެ.
މަޖިލީހުގެ ހަތަރު މެންބަރެއްގެ މައްސަލަ މީގެކުރިން އެކޯޓަށް ހުށަހެޅިއިރު އެ މައްސަލާގައި ހުކުމެއް އިއްވުމުގެ ބަދަލުގައި އެމައްސަލަތަކުގައި އިތުރު ގޮތެއް ނިންމަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެފަދަ މައްސަލަތަކުގައި ގޮތް ނިންމަންޖެހޭ އުސޫލާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ހުކުމުގައި ވެއެވެ. އަދި އަނެއް އަށް މެމްބަރުންގެ ގޮނޑީގެ މައްސަލަވެސް ސުޕްރީމް ކޯޓަށް ހުށަހަޅައި ކޯޓުން ބަލައިގެންފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ތާވަލްމިކުރީ، މިމައްސަލާގައި ގޮތެއް ނުނިމި އެތައްދުވަހެއް ވެގެންދިއުމާއި، އެކަމާހެދި ރައްޔިތުންގެ އެތައްބައެއްގެ ހައްގުތައް ގެއްލެމުންދާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތާވެސް އެތައްދުވަހެއް ފަހުންނެވެ.
ގޮނޑި ގެއްލިފައިވާ ކަމަށްބުނާ މެމްބަރުންގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ