ވަކީލުންނާއި މެދު ފިޔަވަޅު އެޅުމުގެ ބާރު ސުޕްރީމް ކޯޓު އަަތުން އަތުލަނީ

ޤާނޫނީ ވަކީލުނާއި މެދު ސުޕްރީމް ކޯޓުން އަޅަމުން އަންނަ ފިޔަވަޅުތައް ހުއްޓުވާ، އެބާރު މިނިވަން ބާއެސޯސިއޭޝަނަކަށް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓް ކުރުމަށް ބާރ އެސޯސިއޭޝަންގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދަންޖެހޭ ގޮތަށް ގާނޫނީ ހިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޤާނޫނީ ވަކީލު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.
ބިލް މަޖިލީހަށް ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ރޭ ވަނީ ފޮނުއްވާފައެވެ.
ބިލު ހުށަހަޅުއްވަމުން އިންތި ވަނީ ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި ފިޔަވަޅު އެޅުން ސުޕްރީމް ކޯޓުން ކުރިއަށް ގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.
އިންތި ހުށަހެޅުއްވި ބިލުގައވަނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބާރ އެސޯސިއޭޝަނެއް އުފައްދައި، ގާނޫނީ ވަކީލުންގެ މަސައްކަތާ ގުޅޭ އެންމެހައި ކަންކަން ބަލައި، ފިޔަވަޅު އަޅައި، ގާނޫނީ ވަކީލުންގެ ހިދުމަތުގެ ގާބިލުކަން އިތުރު ކުރުމަށާއި ގާނޫނީ ތައުލީމު ދިނުމުގެ ފެންވަރު މަތިކުރުމަށް އެ އެސޯސިއޭޝަނުން މަސައްކަތް ކުރަންވާނެ ކަމަށެވެ.
އިންތި ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ބާރ އެސޯސިއޭޝަން ހިންގާނީ 7 މެމްބަރުންގެ ހިންގާ ކޮމެޓީއަކުންނެވެ. އަދި އެ އެސޯސިއޭޝަނަށް ރައީސާއި ނައިބު ރައީސާއި އިތުރު ފަސް މެމްބަރުން އިންތިހާބު ކުރާނީ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
ބަަލައި ގަނެވޭނެ އުސޫލެއް ނެތި މިހާރު ސުޕްރީމް ކޯޓުން ބައެއް ވަކީލުންނާއި މެދު ފިޔަވަޅު އެޅުން އެއީ ވަރަށް ގިނަ ވަކީލުންގެ ކަންބޮޑުވުމެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ވަކީލުންނާއި މެދު ފިޔަވަޅު އަޅަނީ ބާއެސޯސިއޭޝަނުންނެވެ. ވަކީލުންގެ މައްސަލަތައް ބަލަން އެހެން ގައުމުތަކުގައި ވެސް ސުޕްރީމް ކޯޓުގެ ބާރެއް ނޯވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ