އާސިމަށް ފައިސާ ދޭން އީސީގެ މައްޗަށް ހައިކޯޓުން ހުކުމް ކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއް ސައްތާރު މަގާމުން ވަކިކޮށްފައިވަނީ އެއްބަަސްވުމާއި ހިލާފަށްކަން ސާބިތުވާތީ، ކޮންޓްރެކްޓްގެ ބާކީ އޮތް މުއްދަތަށް ފައިސާ އާ އިނާޔަތް ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
އާސިމް ވަޒީފާއިން ވަކި ކުރި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅައި، އެ މައްސަލައިގައި މިއަދު ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ސިވިލް ކޯޓުން ކުރި ހުކުމަށް ބަދަލުގެންނަން ޖެހޭނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާގު ވެފައިވާތީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކޮށްފައިވާ ކަމަށެވެ.
މި ހުކުމުގައި ބުނެފައިވަނީ އާސިމް މަގާމުން ވަކިކޮށްފައިވަނީ އީސީ އާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި ހިލާފަށް ކަމަށް ސާބިތުވާތީ އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގެ ބާކީ މުއްދަތަށް މަގާމުގެ ހައިސިއްޔަތުން މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ތިން މަސްދުވަސް ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް އިލެކްޝަންސްގެ ކޮމިޝަންގެ މައްޗަށް ހުކުމް ކުރާކަމަށެވެ.
އާސިމް އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައި ވަނީ އެޕްރީލް 11، 2012 ގައެވެ. އަދި މިއީ ފަސް އަހަރުގެ ކޮންޓްރެކްޓެއް ކަމުން މި ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ އެޕްރީލް 10، 2017 ގައެވެ. ނަމަވެސް ޕާފޯމަންސް އެޕްރައިޒަލުން 75 އިންސައްތައަށް ވުރެ މަތިން މާކުސް ނުލިބޭކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވަނީ އޮގަސްޓް 5، 2014 ގައެވެ. އެހެންކަމުން އާސިމަށް ދެ އަހަރާއި، އަށް މަހަށް ވާ ފައިސާއާ އިނާޔާތް އީސީން ދޭން ޖެހެއެވެ.
އާސިމް މިހާރު އަދާކުރަމުން ދަނީ ގައުމީ ޔުނިވާސިޓީގެ ފެކްލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ