ނިޒާމު ބަދަލުކުރަން އުޅެނީ ދައުރުގެ މެދުތެރެއިން ވެރިކަމަށް އަންނަން: ގާސިމް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ބަޔަކު ދައްކަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފަސް އަހަރުގެ ދައުރެއް ފުރުއްވުމުގެ ފުރުސަތު ނުދީ ވެރިކަމަށް އައުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ކުރީގެ ނާއިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިލިމާލެ ދާއިރާއަށް ކެމްޕޭން ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސާބިތުކަމަށްޓަކައި ސާބަސް ރައްދުކުރައްވައި ގާސިމް ވިދާޅުވީ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުން އެއްވެސް އޮޅުމެއްނެތި އެވިދާޅުވާ އެއްޗެއް ސާފުވާ ކަމަށެވެ. ކަންކަން ސާފުނުވެގެން ރައްޔިތުން ކުރިމަތީ މީހަކު ދައްކާނެ ވާހަކައެއް ނެތް ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތް ގޮތާއި، ވެވަޑައިގަތް އަހުދާއި ވައުދާއެކު ހުންނެވި ގޮތް ވިދާޅުވެފައިވާ ކަމަށެވެ. އެމަނިކުފާނުގެ ކެރިވަޑައިގަތުމަށް ސާބަސް ދެއްވާ ކަމަށާއި އެގޮތުގައި ސާބިތުކަމާއެކު ހުންނަވާނެ ކަަމުގެ ޔަގީންކަން އެބައޮތް ކަަމަށެވެ. ގާސިމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި އެމަނިކުފާނާ އެކުގައި ޖޭޕީ އޮތީ ސާބިތުކަމާއެކު ކަމަށެވެ.
"މަނިކުފާނު އެއްގޮތަކަށްވެސް ޖެހިލުންވެވަޑައިގަންނަވާކަށް ނުޖެހޭ. މިއަދު މަނިކުފާނަކީ ވަކި ޕާޓީއެއްގެ ބޭފުޅެއް ނޫން. މިއަދު މަނިކުފާނަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. މަނިކުފާނުގެ ކުރިފުޅު މައްޗަށް އަންނަންޖެހޭނީ ކޮންމެ ރައްޔިތަކުވެސް އެއްހަމައެއްގައި، އެއްވަރަކަށް އެއްގޮތަަކަށް. އެއް ނަޒަރިއްޔާތަކުން ރައޔްިތުންގެ ހައްގުތަކާ މެދު ދެކެވަޑައިގަންނަވަން ޖެހޭނީ. މިއަދު އެއްގަޑިއެއްހާއިރަށް ދެއްވި އިންޓަވިއުގައި އަޅުގަނޑުމެންނަށް ތިސާބިތުކޮށްދެއްވީ މަނިކުފާނުގެ ސާބިތުކަން. އެކަމަށްޓަކައި އަޅުގަނޑު ސެލިއުޓް އަރުވަން މަނިކުފާނަށް" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ބަޔަކު އޮޅުވާލައިގެން ދޮގު ވާހަކަތަކެއް ދައްކައި، ގައުމުގެ މަސްލަހަތު ނަގާލައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމާ ތޮޅެ، އަނިޔާވެރިވާން މަސައްކަތް ކުރިޔަސް އެކަން ނުވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގައުމު ތަރައްގީ ކުރެވޭނީ އަދި އިންތިޚާބުގައި ދެއްކި ވާހަކަތައް ދިމާކުރެވޭނީ ވަކި ޕާޓީއަކަށް އެކަނި މަޖިލީހުގެ މެޖޯރިޓީ ލިބިގެން ނޫން ކަމަށެވެ. ވެރިކަމަށް އައީ އެންމެ ޕާޓީއަކުން ނޫން ކަމަށާއި އެއްޕާޓީއަކަށް މަޖިލީސް ލިބުމުން ވާގޮތް މާޒީގައި ފެނިފައިވާ ކަަމަށެވެ. ނަމަވެސް މިހާރުގެ ރައީސް އެގޮތް ބޭނުންފުޅުނުވާކަން ސާބިތުކޮށްދެއްވައިފި ކަަމަށެވެ.
"މަނިކުފާނު ބޭނުންފުޅުވަނީ އަޅުގަނޑުމެން ވީވައުދު ރައްޔިތުންނަށް ވާސިލްކޮށްދިނުމަށްޓަކައި ސަރުކާރަށް ތާއީދު އޮންނަ މަޖިލީހެއް އޮންނަން. އެކަން އެގޮތުގައި ދެމިއޮންނާނެ ޔަގީނުންވެސް. 2008 އާއި 2013 ގައި އައި ސަރުކާރުން ލިބުނު ތަޖުރިބާއާއި ފިލާވަޅު އަޅުގަނޑުމެންނަށް މިތިބީ ވަރަށް ރަގަޅަށް ދަސްވެފައި. ރައްޔިތުން އަނެއްކާވެސް އަނދަވަޅަށް ވައްޓާލަން ވަކި ބަޔަކު މަސައްކަތް ކުރިޔަސް އެކަން ނުވާނެ. ރާއްޖޭގައި އޮތް ޖުމްހޫރިއްޔަތު ޕާލަމަންޓަރީ ނިޒާމަކަށް ބަދަލުކުރުމުގެ ވިސްނުމަކީ ހުވަފެނެއް. ހުވަފެނަކީ ބިލާހެއް. އެކަމެއް ދެނެއް ނުކުރެވޭނެ. ރާއްޖޭގެ ރައްޔިތުން ވަނީ ޖުމްހޫރިއްޔަތެއް ބަލައިގެންފައި. އޭގެ ފައިދާ ވަަރަށްވެސް ބޮޑު" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ ބަސް އޮންނާނީ ޖުމްހޫރީ ވެރިކަމެއްގައި ކަަމަށާއި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވަކި ބޭފުޅަކު އުޅުއްވިޔަސް އެކަން ނުވާނެ ކަަމަށެވެ. މިފަދަ ވާހަކަތަކަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފަސް އަހަރުގެ ދައުރެއް ފުރުއްވުމުގެ ފުރުސަތުވެސް ނުދީ ވެރިކަމަށް އައުމަށް ދައްކާ ވާހަކައެއް ކަމަށެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދަން އުޅެނީ އެ ބޭނުންކޮށްގެން ގާނޫނުއަސާސީ ބަދަލުކޮށް މިކަންކަން ކުރުމުގެ އެދުމުގައި ކަމަށެވެ. މިފަދަ ވާހަކަތަކުން ގައުމުގެ މަސްލަހަތު ނަގާނުލުމަށް ގާސިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުން ގޮނޑި ހޯދުމަށް ޕާޓީތަކުން ކުރާ މަސައްކަތަށް ރައްޔިތުން ހޭލާތިބުމަށް ގާސިމް ގޮވާލެއްވިއެވެ. އަދި މެމްބަރުން ހޮވުމުގައި ތެދުވެރި، ޒިންމާދާރު، އަދި އަހުދާއި ވައުދު ފުއްދާ މީހުން ހޮވުން މުހިންމު ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖަމީލަކީ ވަަރަށް ސާބިތުކަމާއި ހިތްވަރާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. ވިލިމާލެ ދާއިރާއަށް ޖަމީލް ކުރިމަތިލެއްވިކަމީ ޖޭޕީއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އަދި އެދާއިރާގެ ރައްޔިތުންނަށް ވެސް ލިބުނު ބޮޑު ޝަރަފަކާއި ނަސީބެއް ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ