ފޮރިން މިނިސްޓަރު އިސްތިއުފާ ދެއްވުމަށް އަހުމަދު މުހައްމަދު ވެސް ގޮވާލައްވައިފި

ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ކުރެވުނެ ތުހުމަތުތަކާއެކު އިސްތިއުފާ ދެއްވުމަށް، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ގޮވާލައްވައިފިއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ޝަރީފް ހުސައިން (މުންދު) ގެ ވާހަކައަށް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށެވެ. އަދި އޮފީހަށް ނުނުކުމެ މަޑުކޮށްލައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ބަޔާނެއް ދެއްވާ އެކަމުގެ ހަގީގަތް ހާމަކުރުމަށް ވެސް ސަފީރު ވަނީ ގޮވާލައްވާފައެވެ.
މުންދު ވިދާޅުވެފައި ވަނީ ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވެނީ ސީދާ ފޮރިން މިނިސްޓަރަށް ކަމަށާއި، އެހެންކަމުން މައްސަލަ މިނިވަންކޮށް ތަހުގީގު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ވެސް މިނިސްޓަރު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ އިސް ވެރިޔަކު، އެ ތަނުގެ އަންހެން ތިން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ މައްސަލައެއް ފެންމަތިވީ ސޯޝަލް މީޑިއާގައި އެވާހަކަތައް ދެކެވެން ފެށި ހިސާބުންނެވެ. އަދި އެ މައްސަލަ އެކަށީގެންވާ މިންވަރަށް ބަލަމުން ނުދާ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އެ މިނިސްޓްރީއަށް އަމާޒުވިއެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޖިންސީ ފުރައްސާރަ ކުރުމާއި ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތައް ބެލުމަށް އެ މިނިސްޓްރީގައި އުފައްދާފައިވާ ކޮމިޓީއަށް، އެ މިނިސްޓްރީގެ އިސް ވެރިޔަކު އެ ތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ