ގައުމީ ދުވަހުގެ ތަހުނިޔާ އިންތިޚާބީ ރައީސް އާއި ދިވެހި ރައްޔިތުންނަށް ރައީސް މައުމޫން ފޮނުއްވައިފި

ދިވެހިރާއްޖެގެ ފަހުރުވެރި ގައުމީ ދުވަހުގެ މުނަސާބަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިޙު އާއި ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެ އިޚްލާސްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ނެރުއްވާފައިވާ ބަޔާނުގައި ވަނީ ދިވެހި ގައުމު މިއަދު ފާހަގަކުރަމުން މިދަނީ ހިޖުރީ ގޮތުން މީގެ 359 އަހަރު ކުރިން 1 ރަބީއުލްއައްވަލް 981 ވިލޭރޭ އައްސުލްތާނު ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާއްދީތަ މަހާރަދުން، އެރަދުންގެ އެކުވެރިން ކޮޅަކާ އެކު މާލެ އަރާވަޑައިގެން އޭރު ރާއްޖެ އިސްތިޢުމާރު ކޮށްގެން ތިބި ޕޯޗުގީޒުންނާއި ހަނގުރާމަކުރައްވައި ފަތަހަ ހޯއްދެވި ތާރީޚީ ހާދިސާ ކަމަށެވެ.
އެހެންކަމުން އެމާތް ރަދުންނަށާއި އެރަދުންގެ އަރިހުގައި ދިވެހިރާއްޖޭގެ މިނިވަން ކަމާއި އިސްތިގްލާލަށްޓަކައި ހަނގުރާމަ ކުރެއްވި އެންމެހާ ދިވެހި އަބްތާލުންގެ ޒިކްރާ އާކޮށް އެބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުން އެދި މާތް ﷲ ހަޒްރަތުގައި ދުޢާ ދަންނަވާ ކަމަށް ބަޔާނުގައި ވެއެވެ.
ރަބީއުލް އައްވަލް މަހުގެ އެއްވަނަ ދުވަހަކީ ދިވެހިރާޢްޖޭގެ ގައުމީ ދުވަސް ކަމުގައި އޭރު ދައުލަތް ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނޭ ކިލެގެފާނު ކަނޑައަޅުއްވާފައި ވަނީ ހިޖުރީ ގޮތުން 1365 ވަނަ އަހަރު ކަމަށް ވުމާ އެކު ރާއްޖޭގައި ގައުމީ ދުވަހެއް ފާހަގަކުރަން ފެށުނު ފަހުން މިއަހަރަކީ 75 އަހަރު ފުރޭ އަލިމަސް ޔޫބިލް އަހަރު ކަމުގައި ވާތީ މި އަހަރު މުހިންމު ވެގެންދާ ކަމަށް ރައީސް މައުމޫނުގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ. 
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ދުވަހެއް ފާހަގަ ކުރެވިގެން ދިޔައީ މީލާދީ ގޮތުން 4 ފެބްރުއަރީ 1946 ކަމަށް ވީއިރު އެ ތާރީޚަކީ މިސަރަހައްދުގެ އެހެން ގައުމުތަކަށް މިނިވަންކަން ލިބި އެގަމުތަކުގައި ގައުމީ ދުވަސް ނުވަތަ މިނިވަން ދުވަސް ފާހަގަ ކުރަން ފެށުމުގެ ކުރީގެ ތާރީޚެއް ކަމަށް ބަޔާނުގައި ވެއެވެ.
"މި ފަޚުރުވެރި އަދި ތާރީޚީ މުނާސަބަތުގައި އަޅުގަނޑުގެ ދުޢާއަކީ ދިވެހިންނަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ގައުމިއްޔަތުގެ ރުކުންތަކާއި އަގުތައް ނަގަހައްޓާ ދެމެހެއްޓުމުގެ އަޒުމާއި ހިތްވަރު ލިބިގެންވާ ބައެއް ކަމުގައި މާތް ﷲ  ލެއްވުން" ބަޔާނުގައި ވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ