ރައީސް ނަޝީދު މިހާރު ފައްޓަވާފައި އެވަނީ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމުގެ މަސައްކަތް: އުމަރު ނަސީރު

ރައީސް ނަޝީދު މިހާރު ފައްޓަވާފައި އެވަނީ ރާއްޖޭގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމަށް ކުރައްވާ މަސައްކަތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ މިހާރު އަތޮޅުތަކަށް ވަޑައިގެން، ރައީސް ނަޝީދު ހަގީގަތުގައި އެކުރައްވާ މަސައްކަތަކީ ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާން އޮތް މަގު ފަސޭހަ ކުރެއްވުމުގެ މަސައްކަތް ކަމަށެވެ.
"ރައީސް ނަޝީދު ވެސް މަޖިލީހަށް ކުރިމަތިލައްވާނެ. ހަމައެއާއެކު އެބައްލަވަނީ އެ މަނިކުފާނުގެ ފަހަތްޕުޅަށް އަރާނެ ބަޔަކު މަޖިލީހަށް ގެންނެވޭތޯ. އަމާޒަކީ ބޮޑު ވަޒީރު ކަމުގެ މަގާމު." އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް، ރައީސް ނަޝީދަށް ބޮޑު ވަޒީރުކަން ނުދެއްވަންވީ ސަބަބެއް ނެތް ކަމަށެވެ.
"މީގަ އިބޫވެސް ބައްލަވާނީ އެމަނިކުފާނުގެ މަގާމަށް. އެހެންވީމަ ރައީސް ކަމުގެ މަގާމުގަ ހުންނެވޭ ކަމަށް ވާނަމަ ނަޝީދަށް ބޮޑުވަޒީރުކަން ނުދެއްވަންވީ ސަބަބެއް ފެންނާކަށް ނެތް." އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ބޮޑުވަޒީރުކަން ބޭނުންފުޅިވިޔަސް އެކަން ވާން އަންނަނީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށްގެން ކަމަށް ވާތީ އެއީ ނުވާނެ ކަމެެއް ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ރައްޔިތުންގެ ބަހެއް ނޯންނާނެ ގޮތަކަށް ދިވެހިން ނޭދޭ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ބަރުލަމާނީ ނިޒާމު ގެންނަން ރައީސް ނަޝީދު ކިތަންމެ ބޭނުންފުޅު ވިޔަސް އެކަން ވިޔަ ނުދެއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ބޮޑު ވަޒީރު ކަމަކީ ބަރުލަމާނީ ނިޒާމުގައި އޮންނަ މަގާމެކެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ވެރިކަމުގެ ނިޒާމެއް ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވަނީ ބަރުލަމާނީ ނިޒާމް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނަންތޯ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އެކަމަށް އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ