ކުޅުދުއްފުށީ އެއާޕޯޓް އަޅަން ނެގި ދެ ގެއެއްގެ ބަދަލުގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި

ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށްޓަކައި ދައުލަތަށް ނެގި ދެ ގެއަކަށް ބަދަލުގެ މައްސަލަ އަލުން ބަލައި، އެ ދެ ގެއަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ އެޅުމަށްޓަކައި 18 ގެއެއް ހުސްކޮށް، އެގޭގެ ވެރިފަރާތްތަކަށް ދައުލަތުން އެރަށު ކޯޓު މެދުވެރިކޮށް ބަދަލު ދިނެވެ. އޭގެ ތެރެއިން ދެ ގެއެއްގެ ވެރިފަރާތުން އެ މައްސަލަ ހައި ކޯޓުގެ އުތުރު ގޮފީގައި އިސްތިއުނާފްކުރީ ދަށު ކޯޓުން ކަނޑައެޅި ބަދަލާ މެދު ހިތްހަމަނުޖެހިގެންނެވެ. އެ މައްސަލަ އިސްތިއުނާފްކުރީ އެރަށު ޑޭޒީވިލާ ގޭގެ ވެރި ފަރާތާއި އެރަށު ކުލަވަރު ގޭގެ ވެރިފަރާތުންނެވެ.
ޑޭޒީވިލާ ގެއަށް ބަދަލުގެ ދިނުމަށް ކުޅުދުއްފުށީ ކޯޓުން ކަނޑައަޅާފައިވަނީ ދައުލަތުން އެގެއަށް ބަދަލުގެ ގޮތުގައި ހުށަހެޅި 851،000ރ. އެވެ. ކުލަވަރު ގެއަށް ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވަނީ ދައުލަތުން އެގެއަށް ހުށަހެޅި 643،000ރ. އެވެ. އެކަމަކު އެ ދެ ގޭގެ ވެރިފަރާތުން ވެސް ބަދަލުގެ ގޮތުގައި ހުށަހެޅީ އެއަށް ވުރެ ބޮޑު އަގެކެވެ.
ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓުގެ އުތުރު ގޮފިން އެ ދެ މައްސަލަ ބަލައި، ވަކިވަކިން އިއްވި ދެ ހުކުމުގައިވަނީ އެރަށު ކޯޓުން އެ ދެ ގޭގެ ބަދަލުގެ މިންވަރު ކަނޑައަޅާފައިވަނީ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
އެ ދެ ހުކުމުގައިވަނީ ދައުލަތުގެ ބޭނުމަށް މީހުންގެ މުދާ ދައުލަތަށް ނަގާއިރު ދޭންޖެހޭ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ބަލަން ޖެހޭނީ ބަދަލުގެ އަދަދާ މެދު ދެ ފަރާތުން އެއްބަސްވުން ނުވަތަ އެކަމާ މެދު ދެ ފަރާތަށް އެއްބަސް ނުވެވޭ ނަމަ، ޝަރުއީ އަގު ކޮމެޓީން ކަނޑައަޅާ އަގެއްގެ މައްޗަށް ބިނާކޮށް ބަދަލު ކަނޑައެޅުން ކަމަށެވެ. އެކަމަކު އެ ދެ ގޭގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ މިންވަރު ދަށު ކޯޓުން ކަނޑައަޅާފައިވަނީ އެ އުސޫލާ އެއްގޮތަށް ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ކުރި އެ ހުކުމުގައިވަނީ ޑޭޒީވިލާ ގެއާއި ކުލަވަރު ގޭގެ ބަދަލުގެ ގޮތުގައި ކަނޑައެޅި މިންވަރު ބާތިލް ކަމަށެވެ. އަދި އެ ދެ ގޭގެ ބަދަލާ މެދު އަލުން ގޮތެއް ނިންމުމަށް ކުޅުދުއްފުށީ ކޯޓަށް އެ ދެ މައްސަލަ ތަހުވީލް ކުރީ ކަމަށް ވެސް އެހުކުމުގައިވެ އެވެ.
އެ ދެ މައްސަލަ ވެސް ބެއްލެވީ ހައި ކޯޓު އުތުރު ގޮފީގެ މައްސަލަތައް ބެއްލެވުމަށް މިހާރު ކުޅުދުއްފުށީގައި ތިއްބެވި ހައި ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ