ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމަށް އެޕާޓީގެ ކުރީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުރިމަތި ލައްވައިފައިވާއިރު އެޕާޓީގެ ލީޑަރުކަމަށް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އޮންނާނީ މިއަދުކަމަށް އެޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން ނެރެފައިވާ އިއުލާނެއްގައި ބުނީ، އެމަގާމަށް ކުރިމަތިލައްވާފައިވާ ގާސިމް އިބްރާހީމަކީ ޕާޓީގެ އަސާސީ ގަވައިދުގެ 51 ވަނަ މާއްދާގެ (ނ) ގެ ދަށުން އެމަގާމަށް ޝަރުތު ހަމަވާ ބޭފުޅެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ.
ޖޭޕީގެ ލީޑަރުގެ މަޤާމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވާ މުއްދަތު އިއްޔެ ހަމަވެފައިވާއިރު އެމަގާމަށް ކުރިމަތި ލައްވާފައިވަނީ ގާސިމް އެކަންޏެވެ.
ގާސިމް އެމަގާމަށް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުމާއި ވޯޓުގެ ނަތީޖާ އިއުލާނުކުރުމަށް އެޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ޕާޓީގެ ކައުންސިލުގެ 124 ވަނަ ބައްދަލުވުން މިއަދު ހަވީރު، 16:00 ގައި ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި ބޭއްވުމަށް ނިންމާފައިވާކަމަށް އެޕާޓީން ބުނެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުގައި ކުރިން ހުންނެވި ގާސިމް އިބްރާހިމްއަށް ކޮށްފައިވާ ޖަލުހުކުމް މިމަހުގެ 22 ވަނަ ދުވަހު ހައިކޯޓުން ބާތިލްކުރުމާއިއެކު، އެރޭ އެޕާޓީގެ ކައުންސިލުންވަނީ ލީޑަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުމަށް ފާސްކޮށްފައެވެ.
މި އަހަރުގެ އޮގަސްޓްމަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބޭއްވުނު އިރު ގާސިމް ހުންނެވީ ޖަލުހުކުމެއްގައި ޖަރުމަނު ވިލާތުގައެވެ. އެހެން ކަމުން ކޮންގްރެސްއިން ނިންމާފައިވަނީ ޖޭޕީގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރުން ފަސްކުރުމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުގައި މިވަގުތު ބޭފުޅަކު ނެތުމުން އެޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ ހުސައިން ރަޝީދު ހަސަންއާއެވެ.
ޖޭޕީގެ ލީޑަރު ކަމަށް ކުރިމަތިލީ ގާސިމް އެކަނި، އިންތިހާބު މިއަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ