ރައީސް ނަޝީދުގެ ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން އަވަހަށް ނިންމައިދިނުމަށް އެމްޑީޕީން އެދިއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމުގެ މައްސަލަ، ސުޕްރީމް ކޯޓުން އަވަހަށް ނިންމައިދިނުމަށް އެމްޑީޕީން އެދިއްޖެއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމާއި، އެ މައްސަލައިގައި ހައިކޯޓުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އަލުން މުރާޖައާކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިދިނުމަށް އެދި އެ ޕާޓީގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާވާފައިވާތީ ޝުކުރު ދަންނަވާ ކަމަށެވެ.
"ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުކުރުމުގެ އިޖުރާއަތު ހިންގުނީ ރާއްޖޭގެ ގާނޫނުތަކާއި، ބައިނަލްއަގުވާމީ އުސޫލުތަކާ ހަމަތަކާވެސް ކަނޑައެޅިގެން ހިލާފަށެވެ. އދ. ގެ ވަރކިންގ ގުރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއާއި، ހިއުމަން ރައިޓްސް ކޮމިޓީން ވެސް ވަނީ ކުރިމިނަލް ކޯޓުގެ ނިންމުމުގައި ހުރި އިޖުރާއީ އަދި މައުޟޫއީ ގޯސްތައް ފާހަގަކޮށް، ރައީސް މުހައްމަދު ނަޝީދު ވަގުތުން މިނިވަންކުރުމަށް އަންގާފައެވެ..،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބެނެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަސްލަހަތާއި، ރާއްޖޭގެ ސިޔާސީ ނިޒާމާ ގުޅިފައި އޮތް ހައްސާސް މައްސަލައަކަށްވާތީ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމައި ދިނުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމަވާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިންމު ފިޔަވަޅަކަށްވާނޭތީ، އެ މައްސަލައިގައި އަވަސް ނިންމުމެއް ލިބޭނޭ ގޮތް ހަމަޖެއްސެވުމަކީ މިވަގުތު އެންމެ މުހިންމު ކަންތަކަށް ވާނޭތީ އެ މައްސަލައިގެ ނިންމުން އަވަސްކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރަމެވެ..،" އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާ މިނިވަންކަން އަނބުރާ ހޯދައިދިނުމަށް އެ ޕާޓީން ކުރަމުންގެންދާ މަސައްކަތްތައް އެއްވެސް ފަސްޖެހުމެއް، ހުއްޓުމެއްނެތި ކުރިއަށް ގެންދާނޭކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދަވަނީ އެގައުމުގައެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ