ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވާތީ ކޮމިޝަންގެ ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ގުޅިފައިވާ ޕާޓީ ތަކުގެ ފަރާތުންނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާ ބައި އިލެކްޝަންތަކެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ މެންބަރުންގެ ގޮނޑިއާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު އިއްވި ހުކުމާއި އަދި އޭގެ ފަހުން ނެރެފައިވާ އަމުރާ ހިލާފަށް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ހިލާފަށް އިލެކްޝަންސް ކޮމިޝަނުން އަޅަމުންދާ އިދާރީ ނިންމުންތައް ބާތިލްކޮށްދިނުމަށާއި ކޯޓުގެ ހުކުމަށް އިލެކްޝަންސް ކޮމިޝަނުން ތަބާވުމަށް އަމުރުކޮށްދިނުމަށްވެސް މިމައްސަލާގައި އެދިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަތް މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ކަނޑައަޅާފައިވާއިރު ކޮމިޝަންގެ ނިންމުން ބާތިލްކޮށްދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މީގެ ތެރެއިން ހަތަރު މެންބަރުންނެވެ. އެއީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންއާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.
މިބޭފުޅުން ހުށަހެޅުއްވި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ މެންބަރުންގެ ގޮނޑީގެ މައްސަލާގައި އެކޯޓުން އިތުރު ގޮތެއް ކަނޑައަޅަން ޖެހޭ ތަނެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމުގައި މެންބަރުންގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ސާފުކޮށް ބުނެފައި ނުވާތީ ގުޅިފައިވާ ޕާޓީ ތަކުންނާއި ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަަވަނީ އެބަޔަކަށް ފެންނަ ގޮތަކަށް ސުޕްރީމް ކޯޓުގެ ނިންމުން މާނަކޮށް ކަންކަން ކުރައްވަމުންނެވެ.
ބައި އިލެކްޝަން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ