ވައުދު ފުއްދޭނީ ވަކި ބައެއްގެ މެޖޯރިޓީ އޮވެގެނެއް ނޫން: ގާސިމް

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް ވަކި ބައެއްގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮންނަން ނުޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލައްވާ އާއިޝަތު ނާޒިމާގެ ކެމްޕޭނުގައި މިރޭ ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނާއި މުޖުތަމައުގެ އަމަންއަމާންކަމާއި ސަގާފަތާއި މިނިވަންކަން ދެމެހެއްޓުމަށް ވިސްނަން ޖެހޭ ކަމަށެވެ. ޑިމޮކްރެޓިކް އުސޫލުތަކެއްގެ ތެރޭގައި އެއްބައެއްގެ ބާރު މާބޮޑަށް ގަދަވެއްޖެނަމަ އެތަނެއްގައި ކޮންޓްރޯލެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެއްބައެއްގެ އަތުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އޮތުމުން ކަންވެގެންދިޔަ ގޮތް ފެނިގެން ގޮސްފައިވާ ކަމަށާއި ސަރުކާރު ޒިންމާދާރު ނުކުރެވުނު ކަމަށެވެ. އެހެންކަމުން ސަރުކާރު ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭ ކަމަށާއި މާޒީގެ ހިތި ތަޖުރިބާ ތަކުރާރު ނުވާނީ އޭރުން ކަމަށެވެ.
"އެނޫން ގޮތަކަށް މިކަން ވެއްޖެނަމަ އިހައްދުވަހާއި އޭގެ ކުރިން ވެގެން ދިޔަ ގޮތުން މޫނުބަލާ ލޯގަނޑެއްހެން އެބަފެނޭ ކަންތައް ވެގެންދާނެ ގޮތް. އިހުސާސް އެބަކުރެވޭ ވާނެ ގޮތް. އެގޮތް ވާން ދިވެހި ރައްޔިތުން ބޭނުމެއް ނޫން. އެސަބަބަށްޓަކައި، އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި، ވަކި ބައެއްގެ އަތްދަށުވެފައި ތިބި ބަޔަކަށް ނުވުމަށްޓަކައި ކޯލިޝަނަށް މެޖޯރިޓީ ލިބެންޖެހޭ. ކާބަފައިން ގެނެސްދިން ގައުމުގެ އިސްތިގުލާލު އަޅުގަނޑުމެންގެ ދަރިންނަށް ފޯރުކޮށްދޭން ޖެހޭ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވައުދުވި މެނިފެސްޓޯ ގެނެސްދިނީ އެންމެން ގުޅިގެން ކަމަށާއި އެވައުދުތައް ފުއްދައިދެވޭނީ ވެސް އެންމެން ގުޅިގެން ކަމަށެވެ. ވައުދުތައް ފުއްދުމަށް ވަކި ބައެއްގެ މެޖޯރިޓީ މަޖިލީހުގައި އޮންނަން ނުޖެހޭ ކަމަށާއި ސަރުކާރު ކޯލިޝަނަށް މެޖޯރިޓީ ލިބުމުން ވައުދުތައް ފުއްދޭނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުން މިކަންކަމާ ވިސްނުމަށް ގާސިމް އިބްރާހީމް ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ