ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް މެޖޯރިޓީ ނުލިބިއްޖެނަމަ ކުރިން އޮތް އަނިޔާވެރިކަން އަނބުރާ އަންނާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބުދުލް ޣައްޔޫމް ވިދާޅުވެއްޖެ އެވެ.
މި ސަރުކާގެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ލީޑަރ އަދި ކުރީގެ ރައީސް މައުމޫން މިހެން ވިދާޅުވީ މައްޗަށްގޮޅި އުތުރަށް ވާދަކުރައްވާ ފާރިސް މައުމޫންގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވަނީ، އެމަނިކުފާނު ކޮއްކޯފުޅު ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިއަ ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އެމަނިކުފާނުގެ އެއްވެސް ކުށެއްނެތި 7 މަހާއި 23 ދުވަހު ޖަލުގައި ހުންނަވަން ޖެހުނު ކަމަށެވެ. އަދި އެގޮތަށް ހުންނެވި އިރު ދިމާވި ސިއްޙީ މައްސަލަތަކާއި ގުޅިގެން 4 ޑޮކްޓަރުން ލިއުން ދެއްވައި ގެއަށް ބަދަލުކުރަން ލަފާދެއްި ނަމަވެސް ހުންނަވަން ޖެހުނީ ޖަލުގައި ކަމަށާއި، އެހެންކަމުން އޭރުގެ އަނިޔާވެރިކަން އިއާދަވާން ބޭނުން ނުވާކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މި ކޯލިޝަންގެ 4 ޕާޓީ ނޫން އެހެން ޕާޓީތަކަށް މެޖޯރިޓީ ލިބިއްޖެއްޔާ އެއްކަލަ އަނިޔާވެރިކަން އަނބުރާ އަންނާނެ. އެއްވެސް ކުށެއްނެތް އެތައް ބަޔަކު ޖަލަށްދާން ޖެހޭނެ. މީހުންގެ ވަޒީފާތައް ގެއްލޭނެ. މަގުމަތިވާނެ. މީހުންގެ ހައްގުތައް ގެއްލިގެންދާނެ. އެހެންވީމަ އެއީކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ އަމާންކަމާ އޮމާކަމާއެކީގަ ކުރިއަށްދާން." ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރަށް ރައީސް މައުމޫން ވަނީ ރޭގެ ޖަލްސާ އަށް ނާއިބު ރައީސް އާއި ސަރުކާރުގެ މިނިސްޓަރުން ފޮނުއްވެވީތީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވާ ކަމަށެވެ. އެކަމަށް ޝުކުރު ދަންނަވައި ރައީސް މައުމޫން މިއަދު ވަނީ ޓްވީޓެއްވެސް ކުރައްވާފަ އެވެ.
ކޯލިޝަނަށް މެޖޯރިޓީ ނުލިބިއްޖެނަމަ އަނިޔާވެރިކަން އިއާދަވާނެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ