ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެންބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހަަތރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުއާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންއާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފްގެ ގޮނޑި ގެއްލިފައިވާތީ މިދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައެއް ނުވެ އެވެ.
މިމައްސަލަ މި ހަތަރު ބޭފުޅުން މީގެ ކުޑައިރުކޮޅެއް ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކޯޓުގެ ރިސެޕްޝަނުން މައްސަލަ ވަނީ ބަލައިގެންފަ އެވެ. ނަމަވެސް ކޯޓުން މައްސަލަ ރަސްމީކޮށް ބަލައިގެންކަން އަދި އަންގާފައެއް ނުވެ އެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އަމީތު ވިދާޅުވީ ވީހާވެސް އަވަހަށް ސުޕްރީމް ކޯޓުން މިމައްސަލަ ބަލައިގަނެ އިންސާފުވެރި ގޮތަކަށް މައްސަލަ ފައިސަލާ ކޮށްދެއްވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަަމަށެވެ.
އަމީތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ގާނޫނީ އެއްވެސް ބާރެއް އެއްވެސް ހައިސިއްޔަތެއް އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި ގޮތް ކުށްވެރިކުރައްވާ ކަމަށްވެސް އަމީތު ވަނީ ވިދާޅުވެފަ އެވެ.
މުހައްމަދު ވަހީދު ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މެންބަރުންނަކީ މީގެ އެތައް ދުވަހެއް ކުރިން ޕީޕީއެމްގެ މެންބަރު ކަމުން ވަކިކުރައްވާފައިވާ މެންބަރުން ކަމަށެވެ. އެހެންކަމުން މާފަހުގެ ތާރީހެއްގައި ސުޕްރީމް ކޯޓުން އިއްވި ހުކުމަކާ ގުޅިގެން އެ ހުކުމަށް ރިއާޔަތްކޮށް އެބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމުމަކީ ގާނޫނު އަސާސީއާ ސުޕްރީމް ކޯޓުގެ ހުކުމާ ވެސް ހިލާފަށް ކުރައްވާފައިވާ ކަމެއް ކަމަށްވެސް ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ވަހީދު އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭކަން ކަނޑައަޅައިދިނުމަށެވެ.
ސައުދު ހުސައިން ވިދާޅުވީ އެބޭފުޅުންގެ ގޮނޑި ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާއި އަދި އެނިންމުމުގެ މައްޗަށް ބަލައިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމަކީ ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފަށް ކުރައްވާފައިވާ ކަންތައްތަކެއް ކަމަށެވެ.
ސައުދު ވިދާޅުވީ ސުޕްރީމް ކޯޓާއި މަޖިލީހުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރައްވާފައިވާ މެންބަރެއްގެ ގޮނޑި ގެއްލުނުނަމަވެސް އެ ސޮއި ގާނޫނީ ގޮތުން ސައްހަ ސޮއި އަކަށް ވާނެ ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ ގާނޫނަކަށް ގަވައިދަކަށް ބެލުމެއް ނެތި ބާރުހުރި ފަރާތްތަކުން ކަންކަން ކުރަމުންދާ މަންޒަރު ކަމަށްވެސް ސައުދު ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގެ މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ހަތަރު މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ގަބޫލުނުކުރާނެ ކަަމަށް ގުޅިފައިވާ ޕާޓީ ތަކުން ގެންދަނީ ބުނަމުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ