ބޮޑުވަޒީރުގެ ހައިސިއްޔަތުން ރަސްމީ އެއްވެސް މަސްއޫލިއްޔަތެއް އަދާކުރުން، ސްރީލަންކާގެ ކޯޓް އޮފް އެޕީލްއިން މަހިންދަ ރާޖަޕަކްސައަށް މަނާކޮށް ނެރުނު ވަގުތީ އަމުރުގެ މައްސަލަ، ރާޖަޕަކްސަ ސުޕްރީމް ކޯޓްގައި އިސްތިއުނާފް ކުރައްވައިފިއެވެ.
މަހިންދަ ރާޖަޕަކްސަގެ ފަރާތުން މިމައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފް ކުރައްވާފައިވަނީ މިއަދުއެވެ.
ޕާލަމެންޓުން މަހިންދަ ރާޖަޕަކްސައާ ދެކޮޅަށް އިތުބާރުނެތްކަމުގެ ދެވޯޓު ފާސްކޮށްފައި ވާއިރުވެސް މަގާމުން ދުރަށް ޖެހިވަޑައިގަތުމަށް ދެކޮޅު ހައްދަވަމުން ގެންދަވާ މައްސަލާގައި ޕާލަމެންޓްގެ 122 މެމްބަރުން ސޮއިކުރައްވައި ކޯޓް އޮފް އެޕީލްއަށް ހުށަހެޅުއްވި މައްސަލަ ބަލަމުންދާތީ، ބޮޑުވަޒީރުގެ ހައިސިއްޔަތުން ރަސްމީ އެއްވެސް މަސްއޫލިއްޔަތެއް އަދާކުރުން ކޯޓުން މަނާކޮށްފައިވަނީ އިއްޔެއެވެ.
މަހިންދަ ރާޖަޕަކްސަގެ އިތުރުން، އޭނާ އެކުލަވާލައްވާފައި ސަރުކާރުން މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން، ސްޓޭޓް މިނިސްޓަރުންވެސް މަގާމުގެ ހައިސިއްޔަތުން އެއްވެސް ޒިންމާއެއް އަދާކުރައްވައިގެން ނުވާނެ ކަމަށް ކޯޓް އޮފް އެޕީލްގެ އަމުރުގައި ވެއެވެ.
މިކަމާ ގުޅިގެން މަހިންދަ ރާޖަޕަކްސަ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ބޮޑުވަޒީރުގެ މަސްއޫލިއްޔަތު އޭނާ އަދަކުރެއްވުމާއި އަދި ސަރުކާރުގެ މަސައްކަތްތައް ހުއްޓާލުމަށް އަމުރުކުރުމުގެ އިހްތިސާސް ކޯޓް އޮފް އެޕީލްއަށް ލިބިގެންނުވާ ކަމަށެވެ. ދުސްތޫރީ މައްސަލަތަކުގައި އެންމެފަހުގެ ބަސް އިއްވާނީ ސުޕްރީމް ކޯޓުން ކަމަށްވެސް މަހިންދަ ރާޖަޕަކްސަގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މަހިންދަ ރާޖަޕަކްސައާއި، އޭނާގެ ކެބިނެޓް ކޯޓް އޮފް އެޕީލްއިން ހުއްޓުވިއިރު، މަހިންދައަށް އަދި އޭނާގެ ސަރުކާރަށްވެސް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރެއްވޭގޮތަށް، ސްރީލަންކާގެ ޕާލަމެންޓުން ނޮވެމްބަރު 30 ގައި ވަނީ ގަރާރެއް ފާސްކޮށްފައެވެ.
އަދި ބޮޑުވަޒީރުކަމުން ދުރުކުރެވިފައިވާ ރަނިލް ވިކްރަމަސިންހައަށް ތާއީދުކުރާ ޕާލަމެންޓް މެމްބަރުން ގެންދަވަނީ، މަހިންދަ ރާޖަޕަކްސައަށް ދަތިކުރުމަށް ޕާލަމެންޓް ތެރެއިން އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
މަހިންދަ ރާޖަޕަކްސައަށް ޕާލަމެންޓް ތެރެއިން ދަތިކުރަމުންދިޔަ ނަމަވެސް، ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އިއްޔެގައިވެސްވަނީ، ބޮޑުވަޒީރު ކަމަށް އަލުން ރަނިލް އައްޔަން ނުކުރައްވާނެ ކަމަށް ތަކުރާރުކުރައްވައި ވިދާޅުވެފައެވެ.
ސިރިސޭނާ އިއްޔެ ވިދާޅުވީ، ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ 225 މެމްބަރުން ސޮއިކުރައްވައި ލިއުމެއް ހުށަހެޅުއްވި ކަމުގައިވިޔަސް، ބޮޑުވަޒީރު ކަމަށް ރަނިލް ވިކްރަމަސިންހަ އައްޔަން ނުކުރައްވާނޭ ކަމަށެވެ.
މިދިޔަ ނޮވެމްބަރުމަހުގެ 25 ވަނަދުވަހުވެސް ސިރިސޭނާ ވަނީ، ބޮޑުވަޒީރުކަމުގެ މަގާމަށް ރަނިލް ވއަލުން އިސް ނުކުރައްވާނެ ކަމަށް ވައުދުވެވަޑައި ގެންފައެވެ.
ރައީސްކަމުގައި ދެމިހުންނެވިހާ ދުވަހަކު އެކަން ނުކުރައްވާނެ ކަމަށް ސިރިސޭނާ ވިދާޅުވެފައި ވެއެވެ. ބޮޑުވަޒީރު ކަމަށް ރަނިލް އައްޔަން ނުކުރައްވާނެ ސަބަބެއް ކަމަށް ސިރިސޭނާ ވިދާޅުވެފައިވަނީ، ރަނިލްއަކީ ވަރަށް ބޮޑަށް ކޮރަޕްޓް ބޭފުޅެއް ކަމަށް ވުމެވެ.
މަހިންދަ ރާޖަޕަކްސަ ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ