ޒުވާނުން ހުނަރުވެރި ކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ކުރެހުމާއި މިއުޒިކު ކުރިއެރުވުމަށްޓަކައި އެންސީއޭއާއި ގދ. ތިނަދޫ އުތުރު ދާއިރާގެ މަޖިލީސް މެމްބަރު އަބްދުﷲ އަހުމަދު އިސްކޮށް ހުންނަވައިގެން ހިންގާ "އަބްދުﷲ ފައުންޑޭޝަން" އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެންސީއޭ) ގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އެންސީއޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެންސީއޭ ހިންގުމާއި ހަވާލުވެ ހުންނެވި އެގްޒެކެޓިވް ކޯޑިނޭޓަރ މުހައްމަދު ފާރިޝް ޠާޙާއެވެ. އަބްދުﷲ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއަރޕާސަން މުހައްމަދު ޙަބީބް އެވެ.
މިއެއްބަސްވުމުގެ ދަށުން ހިންގާ ފުރަތަމަ ހަރަކާތް އޮންނާނީ ގދ.ތިނަދޫގައި މީހުން ވަޒަންވެރިވިތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން މިމަހު ބާއްވާ ޚާއްސަ ހަރަކާތުގެ ތެރޭގައި ބާއްވާ ލައިވް އާޓް އިވެންޓެވެ. އަދި ދެވަނަ ހަރަކާތެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވަނީ ސެޓްފިކެޓްލެވެލް 1 އިން އާޓް އެންޑް ޑިޒައިން ކޯހަކާއި ގިޓާ ބޭސިކް ކޯހެވެ. މި ކޯސްތައް ޝެޑިއުލް ކުރެވިފައިވަނީ އެޕްރީލް މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށެވެ.
ޒުވާނުންނަކީ ފަންނުވެރި ބައެއް ކަމުގައި ހެދުމަށް އެންސީއޭއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މިހާތަނަށްވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އާޓްސް އަދި މިއުޒިކު ދާއިރާއިން ގިނަ ކޯސްތަކެއް ހިންގާފައިވެއެވެ.
މިއުޒިކު ކުރިއެރުވުމަށްޓަކައި އެންސީއޭއާއި އަބްދުﷲ ފައުންޑޭޝަންއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ