އެމްއެމްޕީއާރްސީގެ މައްސަލަތައް ލަސްވާތީ ހައިލަމްގެ ސުވާލެއް ރައީސް ނަޝީދަށް

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ލަސްވާ މައްސަލަތައް ޖޭއެސްސީ މެދުވެރިކޮށް ނުބަލާތީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް، ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ.
ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އެމްއެމްޕީއާރުސީ ޚިޔާނާތުގެ 30 މައްސަލައެއް ކޯޓުތަކަށް ހުށަހެޅިފައިވާ ކަމަށެވެ. މިމައްސަލަތަކުން ދައުލަތަށް 600 މިލިއަން ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލަތަށް ލަސްވާ ސަބަބު ބެއްލެވުމަކީ ރައީސް ނަޝީދު އިންނަވާ ޖޭއެސްސީގެ މަސްއޫލިއްޔަތެއް ނޫންތޯ ހައިލަމް ސުވާލު ކުރެއްވިއެވެ.
ހައިިލަމް މިސުވާލު ކުރެއްވީ ސިޔާސީ މީހުންގެ ތެރެއިން ކުރީގެ ރައީސް ނަޝީދަށް ވުރެ ބޮޑަށް އެމްއެމްޕީއާރްސީގެ މައްސަލަތައް ބެލުމަށް މަސައްކަތް ކުރާ ބޭފުޅެއް ފެނިވަޑައިނުގަންނަވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވުމުންނެވެ.
ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން އެކަނި ޖަލަށް ލުމަކީ އިންސާފު ކަމަށް ނުބެލެވޭ ކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުވުމާއި ގުޅިގެން އަނެއްކާވެސް އެމްއެމްޕީއާރްސީ މައްސަލައިގެ ބަހުސްތައް ވަނީ އިތުރުވެފައެވެ.
މިހާރުގެ ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ވެސް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް އެބަތިއްބެވެ. ނަމަވެސް އެބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤުކޮށް، ފިޔަވަޅު އެޅެމުން ނުދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި އެންމެ އިސްކޮށް ތިބި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ވެސް ވަނީ މި ސަރުކާރަށް ވެރިކަން ލިބުމާއި އެކު ގޭބަންދަށް ބަދަލު ކޮށްފައެވެ. އަދި އަދީބުގެ މައްޗަށް ހުރި ހުރިހާ ޙުކުމެއް މިހާރު ވަނީ ބާތިލް ކޮށްފައެވެ. އިތުރު މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާ ކޮށްފައި ވީނަމަވެސް އެމައްސަލަތަކުގެ ޝަރީޢަތް ކުރިއަކަށް ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ