ގާސިމް އިބްރާހިމަށް އޮނަރަރީ ޑޮކްޓަރޭޓްކަންދީފި

ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ޚިދުމަތް ކުރެއްވުމާއި އެ ދާއިރާ ކުރިއެރުވުމަށް ގާސިމް އިބްރާހިމް ކުރައްވާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓް އިން އޮންޓަޕްރިނިއާޝިޕް ޑިގްރީ އަރުވައިފި އެވެ.
ކުއާލަލަމްޕޫރު ވޯލްޑް ޓްރޭޑް ސެންޓަރުގެ މަޑެކް މާލަމްގައި ރޭ ބޭއްވި އޯޕަން ޔުނިވަސިޓީ މެލޭޝިއާގެ 13 ވަނަ ދަސްވެނިމުމުގެ ރަސްމިއްޔާތުގައި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމަށް ޑޮކްޓަރޭޓް އެވޯޑް ހަވާލްކޮށްދެއްވީ އޯޕަން ޔުނިވަސިޓީ މެލޭޝިއާގެ ޗާންސެލަރު ތޫން ޖީން އަބްދުﷲ އެވެ.
ސެޓްފިކެޓް ހަވާލު ކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޖީން ވިދާޅުވީ ވިޔަފާރީގެ ދާއިރާ އިން ތައުލީމު ހާސިލްކުރާ ކުދިންނަށް ގާސިމަކީ ފެންނަން ހުރި ނަމޫނާއެއް ކަމަށެވެ. އޭނާ ވިދާޅުވީ ބިޒްނަސް ދާއިރާ އިން މަތީތައުލީމް ހާސިލް ކުރި ކުދިންނަށް ވެސް ގާސިމްގެ ޚިދުމަތްތައް ފިލާވަޅަކަށް ފުދޭނެ ކަމަށެވެ. ގާސިމް އަކީ ރާއްޖޭގައި މީހުން ބިނާކުރުމަށް ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެއްކަން ފާހަގަ ކުރައްވަމުން ޖީން ވިދާޅުވީ ގާސިމަށް އެ ޝަރަފް އެރުވީ އެފަދަ ވަރަށް ގިނަ ކަންތައްތަކަށް ބަލައި ދިރާސާ ކުރުމަށް ފަހު ކަމަށެވެ.
"ގާސިމް އިބްރާހިމަކީ ތިޔަ ކުދިންނަށް "ރޯލްމޮޑެލް"އެއް [ނަމޫނާ މީހެއް]. މިފަހަރު މި ޔުނިވަސިޓީން ޑިގްރީ ހާސިލްކުރި ކުދިންނަށް ވެސް އޭނާގެ ޚިދުމަތްތައް ފިލާވަޅަކަށްފުދޭނެ،" ޗާންސެލާ ތޫން ޖީން އަބްދުﷲ ވިދާޅުވި އެވެ.
އެ ހަފްލާގައި ގާސިމް އިބްރާހިމް ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނު ކިޔަވާ ވިދާޅުވާން ފެއްޓެވި ދުވަސްވަރަކީ ރާއްޖޭގައި ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ވަރަށް ހަނިކޮށް އޮތް ދުވަސްވަރެއް ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު މަސައްކަތް ކުރެއްވީ ވިޔަފާރީގެ ދާއިރާ އިން ކުރިއަށް ވަޑައިގެން އެދާއިރާ އަށް ޚިދުމަތް ކުރެއްވުން ކަމަށް ފާހަގަ ކުރެއްވި އެވެ. އެގޮތުން ލިބުނު ތަނަވަސް ކަމުގެ ބޭނުން ހިއްޕަވައިގެން އެހެން މީހުންނަށް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތުތައް ތަނަވަސް ކޮށްދެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކިޔަވަން އުޅުނު ދުވަސްވަރަކީ ވަރަށް ދަތި އަދި ފުރުސަތުތައް ވަރަށް ހަނިކޮށް އޮތް ދުވަސްވަރެއް. ދެން އަޅުގަނޑު ވަރަށް މަސައްކަތް ކުރިން ފިޔަފާރި ވެރިންނާއި ތައުލީމީ ބޭފުޅުންގެ ގާތުން އުނގެނެން. ދެން އަޅުގަނޑު ބޭނުންވީ އެކަންކަން އަމަލީ ގޮތުން ކުރަން. އަޅުގަނޑަށް ޔުނިވަސިޓީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ތަނަވަސް ނުވީމާ މިހާރު މި މަސައްކަތްކުރަނީ އެކަން ބޭނުންވެފައިތިބި އެހެން ފަރާތްތަކަށް އެފުރުސަތު ހޯދައިދޭން،" ގާސިމް ވިދާޅުވި އެވެ.
އޮނަރަރީ ޑޮކްޓަރޭޓް އިން އޮންޓަޕްރިނިއާޝިޕް ޑިގްރީ އަކީ އުނގެނުމާއި އެކަމަށް އެކި ގޮތް ގޮތުން އެހީތެރިވެ ދިނުމާއި އެކަން އަމަލީ ގޮތުން ކުރައްވާ ފަރާތްތައް ދިރާސާ ކުރުމަށް ފަހު އޮނަރަރީ ޑޮކްޓަރޭޓް ހައްގުވާ ވަރުގެ މަސައްކަތްތަކެއް ކުރާ ފަރާތެއްކަން ޔަގީން ކުރުމަށް ފަހު ދޭ ޑޮކްޓަރޭޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ