ސިއްހީ ދާއިރާގެ މައްސަލަތަކަށް ފަރުވާއެއް ބޭނުންވެފައި

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ރާއްޖޭގައި އަސާސީ ބޭނުންތައް ފުއްދުމަށް އެއް ރަށުން އަނެއް ރަށަށް މީހުން ގޮސް އުޅުމުގެ އާދައެއް ޒަމާނުއްސުރެ ދިވެހިންގެ އޮވެ އެވެ. ފެށުނީއްސުރެވެސް އެންމެ ހިތްދަތި ކަމަކީ ދަތުރުފަތުރުގެ ކަންތައްތައް ހުރި ގޮތުން އެމަޖެންސީ ހާލަތްތަކުގައި ބޭސްފަރުވާއަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރަން ޖެހޭ ޖެހުމެވެ. ސިއްހީ ދާއިރާއަކީ މިއަދާ ހަމައަށްވެސް ހަމައަކަށް ނޭޅި، ހަމަގެއްލިފައި އޮތް ދާއިރާ އެކެވެ.
ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެ މައްސަލަތައް ހައްލުކުރުމަށް ކޮންމެ ސަރުކާރަކުންވެސް މަސައްކަތްކުރެ އެވެ. ނަމަވެސް ނަތީޖާއެއް ފެންނަނީ މަދު ފަހަރަކު އެވެ. ސިއްހީ ހިދުމަތް ހޯދުމަށް މާލެ އަންނަން ޖެހޭ ޖެހުމަށް އަދިވެސް ބަދަލެއް ނާދެ އެވެ. ހޮސްޕިޓަލްތަކުގެ ފެންވަރު ނެތުމާއި ހޮސްޕިޓަލްތަކުގެ އިހުމާލު ވަރަށްވެސް ބޮޑެވެ. ރާއްޖޭގައި ހުރި ހޮސްޕިޓަލްތަކުގެ އަދަދު އަތުން ގުނާލެވޭއިރު އެތަންތަނުގައި އެންމެ ޒަމާނީ ވަސީލަތްތައް ފައްކާވެފައެއްނުހުރެ އެވެ. ބަލި މީހާ ގޮވައިގެން ސަލާން ޖަހާ އުސޫލުން އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް އަބަދުވެސް އޮންނަނީ ދުވަން ޖެހިފަ އެވެ. ސިއްހީ ދާއިރާގެ މައްސަލަތައް މިވީ ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ އިތުރަށް ބޮއްސުންލައިގެން ގޮސްފަ އެވެ.
އަތޮޅުތަކުގައި ސިއްހީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގެންނަވާ ބޭފުޅުން ދެކެވަޑައިގެންނަވާ ގޮތުގައި ސިއްހީ ހިދުމަތް ހޯދުމަށް އޭރު ތައާރަފްކުރި ދަތުރު ފަތުރުގެ ނިޒާމުން ކުރިއެރުންތަކެއް ލިބުނު ނަމަވެސް އެދާއިރާ އަށް ކުރިމަތިވެގެން ދިޔަ އެންމެ ބޮޑު އެއް މައްސަލައަކީ ނަޝީދުގެ ސަރުކާރުން ހެލްތް ކޯޕަރޭޝަންތައް އުފައްދަވައި އެތަންތަނުގެ ދަށަށް ސިއްހީ ހިދުމަތް ގެންދެވުމެވެ. ނަތީޖާއަކަށްވީ ދާއިރާގެ ތަޖުރިބާ ހުންނެވި ބޭފުޅުން ބާކީވެ އެއްފަރާތްވުމެވެ. މުޅި ނިޒާމް އެކީއެކަށް ފެއިލްވުމެވެ.
" ސިޔާސީ ބޭފުޅުންތަކަށް މަގާމުތަކެއް ދިނުގެ މަގުސަދުގައި ސިއްހީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ތަމްރީނެއް ނެތް ބަޔަކު ގެނެސް ކޯޕަރޭޝަންތަކަށް ލުމަށްފަހު، މިދާއިރާގެ ތަޖުރިބާ ހުރި މީސްމީހުންތައް ކައުންސިލްތަކަށްލާ ވިއްސިވިހާލި ވެގެން ސިއްހީ ދާއިރާ އިނދަ ޖެހިފައިމިވަނީ،" އަތޮޅު ހޮސްޕިޓަލެއް ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.
މިފަހުން އަނެއްކާވެސް ހެލްތް ސެކްޓަރުގެ ސީރިއަސް މައްސަލަތަކެއް ވަނީ ފެންމަތިވާން ފަށައިފަ އެވެ. އޭގެ ކޮންމެ ހާދިސާއެއްގެ އަނެއް ފަރާތަށް ބަލާއިރު ފެންނަނީ ސިއްހީ ދާއިރާގެ ދޯދިޔާ ކަމެވެ. ދާދިފަހުން ބަނޑަށް ފަސް މަހުގައި ވިއްސި ކުއްޖަކު މަރުނުވަނިސް ވަޅުލަން ސަހަރާއަށް ގެންދެވުނު މައްސަލައިގެ ފުނަށް ދާއިރު ފެންނަނީ ސިއްހީ ދާއިރާގެ ބޮޑެތި ފްލޯތަކެވެ. އަންހެން މީހާގެ ހާލު ގޯސްވާ ފެށުމުން ގއ އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް އެތަނުން ފަރުވާއެއް ނުލިބުނެވެ. ދެން ގެންދިޔައީ ގދ އަތޮޅު ހޮސްޕިޓަލަށެވެ. ކިރިޔާވެސް ވެގެން އުޅޭގޮތެއް ރޭކާލީ އެ ހިސާބުންނެވެ. މާލެ އައިސް އޭޑީކޭއަށް ގެންދިޔުމުންވެސް ފަރުވާއެއް ނުލިބުނެވެ. ބަދަލުކުރަން ޖެހުނީ އައިޖީއެމްއެޗަށެވެ. މައްސަލައަކަށް ވީ ބޭނުންވާނޭ ސާމާނާއި ބޭސްނުލިބުމެވެ. ސިއްހީ ދާއިރާ އެފަދަ ސީރިއަސް މައްސަލަތަކުން ފުނިޖެހިފައިވާއިރު މައްސަލައާ މެދު ސީރިއަސް ވިސްނުމަކުން ވިސްނަންޖެހިއްޖެ އެވެ. ސިއްހީ ދާއިރާގައި ހުރީ ކޮން މައްސަލަތަކެއް ބާ އެވެ؟
ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އަބަދުވެސް ދިމާވާ މައްސަލައަކީ ޑޮކްޓަރުން ނެތުމުގެ ދަތިކަމާ ކުރިމަތިވުމެވެ. ޑޮކްޓަރީ ކަމަކީ އަގުބޮޑު ދާއިރާއަކަށް ވުމުން ހެޔޮ އަގެއްގައި ތަޖުރިބާ ހުރި ޑޮކްޓަރުން ހޯދުމަކީ އުނދަގޫ ކަމެކެވެ. އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި ހޭނައްތާ ޑޮކްޓަރުން އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް އޮންނަނީ އަބަދުވެސް ޓްރާންސްފާ ކުރަންޖެހިފަ އެވެ. ހެލްތް ކޯޕަރޭޝަންތަކުގައި ޑޮކްޓަރުންގެ ވަރަށް ބޮޑު ޝޯޓޭޖެއް އުޅޭ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އާއްމުކޮށް ރާއްޖެއަށް ޑޮކްޓަރުން ގެންނަ އިންޑިއާއިން ޑޮކްޓަރުން ނުލިބިގެން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ވެސް މިނިސްޓްރީން އޭރު ކުރި އެވެ.
ހެލްތު ކޯޕަރޭޝަންތަކުގެ ސިއްހީ ކަންތައްތަކާ މިވަގުތު ހަވާލުވެ ހުންނެވި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝާކިރު ވިދާޅުވި ގޮތުގައި އިންޑިއާގެ ޓެކްނިކަލް މުވައްޒަފުންނަށް އައި ހެޔޮ ބަދަލުތަކުގެ ސަބަބުން ކިރިޔާ ވެސް ގޮތެއް އޮތިއްޔާ އިންޑިއާގެ ޑޮކްޓަރުން ވެސް ރާއްޖެ އަންނާކަށް ބޭނުމެއް ނުވެ އެވެ. އަދި މިހާރު ދޭ މުސާރައިގައި ކޮލިޓީ މީހުން އަންނަ ބޭނުންނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދެން ކުރިމަތިވާ އަނެއް މައްސަލައަކީ ހޮސްޕިޓަލްތަކުގައި ފަހުގެ މެޝިނަރީތައް ނެތުމެވެ. ހޮސްޕިޓަލްތަކަކީވެސް ބޮޑު ކެޕިޓަލް އިންވެސްޓްމަންޓެކެވެ. އެތަންތަނަށް ހަރަދު ކުރުމަށް ގިނަ ފަހަރެއް ދައުލަތަށް ކެރި ކުޅަދާނައެއްނުވެ އެވެ. ގިނަ ސިއްހީ މަރުކަޒުތަކުގައި އާދައިގެ ޓެސްޓްތައް ނުހެދޭއިރު ބައެއް ތަންތަނުގެ އިމާރާތުގެ ފެންވަރުވެސް ހުރީ އެހާ ދަށުގަ އެވެ. ބައެއް ތަންތަނުގައި އެޑްމިޓްކޮށްލާނޭ ވޯޑެއްހާ ހިސާބުވެސް ނެތް ސިއްހީ މަރުކަޒުތައް އެބަހުއްޓެވެ.
ސިއްހީ ދާއިރާގެ ތަރައްގީއަކީ އަބަދުވެސް ގިނަ ބަޔަކު ކަންބޮޑުވެފައިވާ މައްސަލައަކަށްވާއިރު އަތޮޅު ތަކުން ލިބެން ނެތް ބޭސްފަރުވާއެއް ހޯދަން މާލެ އަންނަ ނުވަތަ އަތޮޅު ހޮސްޕިޓަލްތަކުން މާލެއަށް ދިއުމަށް ރިކޮމެންޑްކޮށްގެން އަންނަ މީހުންގެ އަދަދު ވެސް ވަކި މަދެއް ނުވެ އެވެ. އަތޮޅުގެ ރަށްރަށުގައި ވަކިން ހާއްސަކޮށް ކުދި އާބާދީ އޮންނަ ރަށްރަށުގައި ގާއިމްކޮށްފައިވާ ހޮސްޕިޓާތަކުންނާއި ސިއްހީމަރުކަޒުތަކުގެ އިތުރުން ހެލްތް ޕޯސްޓްތަކުން ބައެއް ކަހަލަ ހިދުމަތްތައް ނުލިބުމުން މުޅި އަތޮޅުގައި ނުވަތަ ޖެހިގެން އޮންނަ އަތޮޅުގައި ފީނުމުގެ ބަދަލުގައި ގިނަ ބަޔަކު މާލެ އަންނަނީ ރަނގަޅު ސިއްހީ ހިދުމަތެއް ގައިމުވެސް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ. ނަމަވެސް މިގޮތަށް އަންނަ ބައެއް މީހުންނަށް ސިއްހީ ދައިރާއިން ތަހައްމަލު ދަތި އެތައް ހާދިސާތަކާ ދަނީ ކުރިމަތިވަމުންނެވެ. ސިއްހީ ދާއިރާގެ ކޮންމެ މައްސަލައަކީ ވެސް އެތައް އާއިލާއަކާ ގުޅިފައިވާ މައްސަލަތަކަށްވާއިރު މިމައްސަލަތަކަކީ ސީރިސް މައްސަލަތަކުގެ ގޮތުގައި ބެލެވި އަވަސް ހައްލުތަކެއް ހޯދަންޖެހޭ މައްސަލަތަކެކެވެ.
އައިޖީއެމްއެޗްގެ ސީއީއޯ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އައިޖީއެމްއެޗް ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ފަހުން ތަނުގައި ތެރޭގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވޭ ކަމަށާއި އެމައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ؛" އައިޖީއެމްއެޗްގެ ވަރަށް ގިނަ މައްސަލަތަކެއް އެބައުޅޭ، އޭގަ ތެރޭގައި އެބައުޅޭ މުޅިތަނުގެ އާދަކާދައަށް ގެންނަން ޖެހޭ ބަދަލުތަކަކެއް ވެސް، ސްޓާފުންގެ އިހުމާލުންވެފައިވާ މައްސަލަތައް ވެސް އެބައުޅޭ،" މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗްގައި ވިއްސި މާބަނޑު މީހެއްގެ ރަހިމް ނަގަން ޖެހުނު މައްސަލައާ ގުޅިގެން އެމައްސަލަ ބައްލަވަމުންދާ ކަމަށް ވިދާޅުވެ ސަންއޮންލައިނަށް ދެއްވި އިންޓަވިއެއްގައި ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމުގެ ދޯދިޔާ ކަމުގެ ވާހަކައަކީ ފެށުނީއްސުރެ ދެކެވެމުންދާ ވާހަކައެއް ކަމުގައިވާއިރު އެތައް ބައެއްގެ ފުރާނައަށް ނުރައްކާތެރި އެތައް ހާދިސާއެއް ދަނީ ކުރިމަތިވަމުންނެވެ. މިދާއިރާގެ ހުންގާނު އެނބުރެމުންދަނީ ރަނގަޅު މިސްރާބަކަށްތޯ ބަލަންޖެހެ އެވެ. ސިއްހީ ދާއިރާ އިނދަޖެހުމަކީ ގައުމުގެ ރައްޔިތުން ކަންބޮޑުވެފައިވާ މައްސަލައަކަށްވާއިރު މިކަމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން މިހާރަށް ވުރެ ހަރުދަނާ އުސޫލުތަކެއް ހޯދައިދޭން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ