އިއާދަކުރުވަނިވި ހަކަތަ ކަރަންޓު ވިއުގައާ ގުޅައިދޭން ފަށައިފި

އަމިއްލަ ފަރާތްތަކުން އުފައްދާ އިއާދަކުރަނިވި ހަކަތަ، ނެޓް މީޓަރިން އުސޫލުން ސްޓެލްކޯގެ ނުވަތަ އެހެން ކުންފުނިތަކުގެ ކަރަންޓް ވިއުގައާ ގުޅައިދޭ އުސޫލު އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ. އެ އުސޫލު އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ނެޓް މީޓަރިން އުސޫލުން ކަރަންޓް ވިއުގައާ ގުޅުވާލުމަކީ ހަކަތައިގެ ދާއިރާއިން ކުރާ މަސައްކަތްތަކުގައި ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މި މަސައްކަތްތައް ކާމިޔާބު ކުރުމަށްފަހު ދެން އޮތީ ވިޔަފާރި އުސޫލުން އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދޭނެ ބަޔަކު ހޯދުން ކަމަށް ވިދާޅުވި އެވެ. ނެޓް މިޓިރިއަން ސިސްޓަމް ލޯންޗުކުރަން މިއަދު ބޭއްވި ހަފުލާގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ.--ހަވީރު ފޮޓޯ:ނިޝާން އަލީ ނެޓް މީޓަރިން އުސޫލަކީ، ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓް، ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކުގެ މީޓަރާ ގުޅާލައި، އިޔާދަކުރުވަނިވި ހަކަތައިން ބޭނުންކޮށްފައި އިތުރުވާ ކަރަންޓް، އެ ކުންފުނިތަކަށް ވިއްކޭނެ އިންތިޒާމެވެ. އޭރުން ކަރަންޓް ބޭނުންކުރާ ތަނަށް އިޔާދަކުރުވަނިވި ހަކަތަ އިން ބޭނުންކޮށް އިތުރުވާ ބައި އެ ތަނެއްގެ ކަރަންޓް ބިލުން އުނިވާނެ އެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، ދުވާލުގެ ވަގުތުގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި އެކަމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބުރަކޮށް މަސައްކަތް ކުރަމުން އަންނަނީ ރާއްޖެއިން ބޭރުން ގެންނަ ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ކަމަށެވެ. ނެޓް މިޓިރިއަން ސިސްޓަމް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވި ބައެއް ބޭފުޅުން-ހަވީރު ފޮޓޯ:ނިޝާން އަލީ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަތީން ވިދާޅުވީ މިފަދަ ގަވާއިދެއް ތައާރަފްކުރުމުން ހަރުދަނާ ގޮތެއްގައި އިއާދަކުރުވަނިވި ހަކަތައިން ކަރަންޓް ދެވޭނެ ކަމަށެވެ. އަދި އެއީ ޒަމާނީކޮށް ކަރަންޓް ދިނުމަށް ތައާރަފްކުރި މުހިއްމު އުސޫލެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އިއާދަކުރަނިވި ހަކަތަ ކަރަންޓު ވިއުގައާ ގުޅައިދިނުމުގެ ގަވައިދު މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ