ތިމަރަފުއްޓާއި ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ކުރިއަށް ދާ ގޮތް ބަލަން އެމެރިކާ ޝައުގުވެރިވޭ: އިލެކްޝަންސް
އަންނަ ހޮނިހިރު ދުވަހު ބާއްވާ ތިމަރަފުއްޓާއި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގެ ކެމްޕޭން ކުރިއަށް ދާ ގޮތް ބެލުމަށް އެމެރިކާގެ ޝައުގުވެރިކަން އެބަހުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންތަކެއް މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި ކެމްޕޭން ކުރިއަށްދާ ގޮތް ބެލުމަށް ޝައުގުވެރިކަން އެބަހުރި ކަމަށް ވެސް އޮފިޝަލުން ވިދާޅުވި ކަމަށް ހަބީބު ވިދާޅުވި އެވެ. "މިކޮޅުން [އިލެކްޝަންސް ކޮމިޝަން] ވެދެވެން އޮތް އެހީތެރިކަމެއް އެ ބޭފުޅުންނަށް ވެވިދާނެ. އެއީ އިންތިހާބު ބާއްވާ ހަ ރަށުގައި ތިބޭނެ އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓުން. އެ ފޯކަލް ޕޮއިންޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ،" އޭނާ ވިދާޅުވި އެވެ. ހަބީބު ވިދާޅުވީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންތަކެއް ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރެއްވީ، އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް ކަމަށެވެ. ތިމަރަފުއްޓާއި ކާށިދޫގެ ވާދަވެރި ބައި އިލެކްޝަން އޮބްޒާވް ކުރުމުގެ ފުރުސަތު ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ހުޅުވާލުމާ މެދު އަދި ކޮމިޝަނުން ގޮތެއް ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ