ނަޝީދު ބައިވެރިވެވަޑައިނުގެންނެވުމުން ރިޔާސީ ބަހުސް ކެންސަލްކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ރިޔާސީ ބަހުސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ކެންސަލްކޮށްފި އެވެ.
އެމްބީސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެކޯޕަރޭޝަނާއި ގައުމީ ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެއްސި ރިޔާސީ ބަހުސް ކެންސަލް ކުރަންޖެހުނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާތީ ކަމަށެވެ.
"ރައީސް މުހައްމަދު ނަޝީދު ވަރަށް ގިނަ ރަށްރަށަށް ދަތުރުފުޅު ކުރެއްވުމަށާއި، އެތައް އިވެންޓެއްގައި ބައިވެރިވެވަޑައިގަތުމަށް ޝެޑިއުލްކުރައްވާފައިވާތޯ އާއި ފުރަތަމަ ބުރުގެ ބަހުސްގައި ބައިވެރިވެވަޑައިގެންފައިވުމާއެކު، އިތުރަށް ވަގުތު ދެއްވުމަށް ދަތިފުޅުކަމަކަށްވާތީ މިބަހުސްގައި ބައިވެރިވެވަޑައިގެންނެވެން ނެތް ކަމަށް އަންގަވާފައެވެ" އެބްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްބީސީން ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދާ ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަން ލިޔުމުން އަންގާފައިވާ ކަމަށެވެ.
"އެހެންކަމުން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ގައުމީ ޔުނިވަސިޓީ ގުޅިގެން ބޭއްވުމަށް ހަމަޖެއްސި ރިޔާސީ ބަހުސް ބޭއްވޭގޮތް ނުވި ވާހަކަ ހިތާމައާއެކު ދިވެހި ރައްޔިތުންނަށް އާއްމުކޮށް ދެންނެވީމެވެ" އެމްބީސީގެ ބަޔާނުގައި ވެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންނަށް އަމާޒުކޮށްގެންވެސް އެމްބީސީން ވަނީ ރިޔާސީ ބަހުސެއް ބާއްވާފަ އެވެ. އެބަހުސްގައި އިންތިހާބުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ