ކޯޓުން ނަތީޖާ ބަދަލު ކުރަން ފުރުސަތެއް ނުދޭނަން: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ނަތީޖާ ކޯޓް މެދުވެރިކޮށް ބަދަލުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ގައުމީ ހިންގާކޮމިޓީ މިއަދު ބައްދަލުވުމަށްފަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރައްޔިތުންގެ ތާއީދެއްނެތް ބައެއް ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ ނިންމުން ބޮލާލައިޖަހައި، އަނބުރުގެއްލި އަދި ފަސާދައިގެ ތުހުމަތު އެޅިފައިވާ ބައެއް ފަނޑިޔާރުން ތިއްބަވާ ފަނޑިޔާރު ގެއަކުން ރައްޔިތުންގެ ނިންމުން ބަދަލުކޮށް ރައްޔިތުންނާއި ޤާނޫނުއަސާސީގެ ބާރުވެރިކަން ކަނޑުވައިލުމަށް އެއްވެސް ފުރުސަތެއް ނުދޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމަށްފަހު ނެރުނު މިބަޔާނުގައި ބުނެފައިވަނީ އެމްޑީޕީގެ ޤައުމީ ހިންގާ ކޮމެޓިން ނިންމާފައިވަނީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމްނުކޮށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންގެންދަވާ ބައެއް ސިޔާސީ ޕާޓީތަކުން ޝަރުއީ ދާއިރާގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ދިއުން ހުއްޓުވަންޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން އަވަސް ފިޔަވަޅު ތަކެއް އެކަމާއި ދެކޮޅަށް އަޅަންޖެހިފައިވާ ކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ޕާލިމަންޓްރީ ގުރޫޕަށް ލަފާއަރުވަން މިއަދު ނިންމާފައިވާކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެ އެވެ.
ކޯޓް މެދުވެރިކޮށް އިންތިހާބުގެ ނަތީޖާ ބަދަލުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކޮށްދިނުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އަޑުއެހުންތައް މިއަދު ފަށާފައިވަނިކޮށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 95،224 ވޯޓެވެ. ދެވަނަ އަށް ވަޑައިގެންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަށް ލިބިވަޑައިގެންނެވީ 53،099 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ