ޖުމްހޫރީޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ނ.އަތޮޅާއި ށ.އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ.
ގާސިމް އިބްރާހިމް ނ. އަތޮޅާއި ށ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނ އަތޮޅު ޅޮއްސަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މިރާއްޖެއަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރެއްވުމަށް ނިންމާފައިވަނީ ގައުމުގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ރަގަޅަށް އެގިހުރެ ކަމަށާއި، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންގެ ހާލަތު ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މިއަދާއި ހަމައަށް ދިވެހިން އެދޭ ފަދަ ވެރިކަމެއް ގާއިމް ކުރެވިފައި ނުވިނަމަވެސް ޖުމްހޫރީ ޕާޓީއަށް ވެރިކަން ލިބުމާއިއެކު ރައްޔިތުން ހިތްއެދޭފަދަ ތަރައްގީގެ ވެރިކަމެއް އުފެދިގެންދާނެ ކަމަށެވެ.
ޅޮއްސަށް ކުރެއްވި މިދަތުރުފުޅުގައި ގާސިމް ވަނީ ޅޮހީ ކައުންސިލްގެ މެންބަރުންނާއި ބައްދަލު ކުރައްވާ އެރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރަސް ތަކުގެ މައުލޫމާތު ހޯއްދަވާފައެވެ. އަދި އެރަށު ސިއްހީ މަރުކަޒަށާއި ސްކޫލަށް ޒިޔާރަތް ކުރައްވާ ސްކޫލް ބޯޑުގެ މެންބަރުންނާއި އެރަށު ސްކޫލްގެ އިސްވެރިންނާއި އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.
މިދަތުރުފުޅުގައި ނ.އަތޮޅު މަގޫދު އާއި، އެއަތޮޅު ފޮއްދޫގެ އިތުރުން ވެލިދުއަށް ޒިޔާރަތްކުރައްވާ އެރަށްރަށުގެ ކައުންސިލާއި ރައްޔިތުންނާއި ބައްދަލުކުރައްވާ އެރަށް ރަށުގެ ރައްޔިތުންގެ ހާލުވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތް ކުރައްވާ އެތަންތަނަށް ދިމާވެފައިވާ މައްސަލަތައް ވަނީ އޮޅުން ފިލުއްވާފައެވެ.
ގާސިމް އިބްރާހިމް ށ. އަތޮޅަށާއި، ނ. އަތޮޅަށް ވަޑައިގަތުމުން އެއަތޮޅުގެ ރަށްތަކުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެެއް ދަންނަވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން އެކުލަވާލާ މެނިފެސްޓޯއަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ށ އަދި ނ އަތޮޅުގެ ރަށްތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ކުރެއްވި ތިން ދުވަހުގެ މިދަތުރުފުޅުގައި މެނިފެސްޓޯގައި ހިމެނުމަށް ރައްޔިތުން ބޭނުންވާ ކަންކަން ވަނީ ސާފުކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީން މިހާރު އަތޮޅު ތަކަށް ކުރަމުންގެންދާ ކެމްޕެއިން ދަތުރުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ އެޕާޓީއާއި ގުޅެމުންނެވެ.
ގާސިމް އިބްރާހިމް ށ. އަދި ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ