ޖޭޕީގެ ކޮންގްރެސް މޭ މަހުގެ ކުރިން ބާއްވާނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ދެވަނަ ޤައުމީ ކޮންގްރެސް މިއަހަރުގެ މެއިމަސް ނިމުމުގެ ކުރިން ބާއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އިއުލާން ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ ޖުމްހޫރީ ޕާޓީން ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުގެ ރޭ އެޕާޓީގެ ޖުމްހޫރީ މާލަން މ.ކުނޫޒްގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ މެއިމަހު ކޮންގްރެސް ބާއްވަން ނިންމެވި ނަމަވެސް ކޮންގްރެސް ބާއްވާނެ ތާރީހް ކަނޑައަޅާނީ ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
ޤާސިމް ވިދާޅުވީ ކޮންގްރެސް ބާއްވާ ތާރީހާއި ހަމައަށް ދެވޭއިރު ޖުމްހޫރީ ޕާޓީން އަތޮޮޅުތަކަށް ދަތުރުކޮށް ޕާޓީ އިތުރަށް ވަރުގަދަކޮށް ފުޅާކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ކޮންގްރެސްއަށް ފުރިހަމައަށް ތައްޔާރު ވެވޭނެ ކަމަށެވެ.
ސިޔާސީގޮތުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ޖުމްހޫރީ ޕާޓީން ގިނަ ފުރުސަތުތަކެއް ހުޅުވިފައިވާކަން ފާހަގަކުރައްވަމުން ޤާސިމް އިބްރާހިމް ވަނީ ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައި މަޤާމުތައް ކާމިޔާބު ކުރުމަށް ސިޔާސީގޮތުން ކުރިއަށް ދާން ބޭނުންވާ ހުރިހާ ފަރާތްތަކަކަށްވެސް ގޮވާލައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަޤާމަށްވެސް އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތި ލެއްވުމަށާއި ކޮންމެ ބޭފުޅަކު އެމަޤާމު ކާމިޔާބު ކުރެއްވި ނަމަވެސް އެބޭފުޅެއްގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނަވާނެ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ރާއްޖޭގައި މެމްބަރުންގެ ނިސްބަތުން މިވަގުތު ހަތަރުވައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޖުމްހޫރީ ޕާޓީގެ ފުރަތަމަ ޤައުމީ ކޮންގްރެސް ބާއްވާފައިވަނީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
މ.ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި އެތަނުގައި ޤާއިމްކޮށްފައިވާ "ޖުމްހޫރީ މާލަން" ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ރަސްމީ ގޮތުން ހުޅުވާދެއްވާފައެވެ.
ރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ އިސްވެރިންނާއި އެޕާޓީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ