ފަނޑިޔާރުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އަދި ސާބިތެއް ނުކުރެވޭ: އޭސީސީ

ނެކްސް ބިޒް މައްސަލާގައި ރާއްޖޭގެ ޝަރުއީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަނޑިޔާރުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އެކަންތައްތައް އަދި މިހާތަނަށް ސާބިތު ކުރެވިފައި ނުވާ ކަމަށް އޭސީސީން ބުނެފިއެވެ.
ބޯޑަރ ކޮންޓްރޯލް ސިސްޓަމުގެ މައްސަލައާއި ގުޅިގެން މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ފަނޑިޔާރުންނާއި ގުޅިގެން ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެޝަކުވާތައް ހުށަހަޅާފައިވަނީ އެއްވެސް އަސްލެއްގެ މައްޗަށް، އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކަމަށް ދެންނެވެން ނެތް ކަމަށާއި އެމައްސަލަތައް އަދި މިހާތަނަށް ސާބިތު ކުރެވިފައި ނުވާ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ލުތުފީ ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތުގައި ޝައްކު ކުރެވުމަކީ ނުވަތަ ޝަކުވާއެއް ހުށަހެޅުމަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމެއް ނޫން ކަމަށެވެ.
ނެކްސް ބިޒް މައްސަލާގައި ފަނޑިޔާރުންތަކެއް ރިޝްވަތު ނެގި ކަމަށް ބުނާ މައްސަލަ އަދި ސާބިތުވެފައި ނެތް ކަމަށް ބުނާ އިރު އޭސީސީން މިހާރު ވެސްދަނީ ދެ މައްސަލައެއް ތަހުގީގު ކުރަމުންނެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ބަލަމުންދަނީ ހައިކޯޓުގެ އިސްފަނޑިޔާރު ނެކްސްބިޒްގެ ބައެއް އިސްވެރިންނާއި ބައްދަލު ކުރެއްވި މައްސަލައަކާއި ބޯޑަރ ކޮންޓްރޯލް ސިސްޓަމު މައްސަލާގައި ހައިކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލު ކުރި ސްޕްރީމު ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި 3 ފަނޑިޔާރުންނަށް ނެކްސްބިޒްއިން 2 މިލިޔަން ޑޮލަރު ހުށަހެޅި ކަމަށް ބުނާ މައްސަލައެކެވެ.
ހުރިހާ މައްސަލަތަކެއް ވެސް ބަލަމުން ގެންދާ ކަމަށް އޭސީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ