ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމަވައި ގާސިމް އިބްރާހިމް އެކަން އިއުލާން ކުރައްވައިފި އެވެ. އެމަނިކުފާނާއެކު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވެސް ނިންމާފައި ވަނީ ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.
އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ފުރަތަމަ ފަހަރަށް އެމަނިކުފާނުގެ ބަހެއް ހާމަ ކުރެއްވުމަށް މިރޭ ހިތޯބެއް މެދުވެރިކޮށް ގާސިމް ވިދާޅުވީ ދިވެހި ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ޙަޔާތުގެ ވަރަށް ގިނަ ވަގުތުތައް އެމަނިކުފާނަށް ހޭދަ ކުރެވިއްޖެ ކަމަށާއި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އެމަނިކުފާނުގެ ހަގީގީ ރައުސްމާލަކީ ދިވެހި ރައްޔިތުންގެ އުފާފާގަތި ކަމާއި ކޮންމެ ދަރިއަކަށް ތަޢުލީމް ލިބުމާއި ކޮންމެ ރައްޔިތަކުމެ ދުޅަހެޔޮކަމުގައި އުމުރު ހޭދަކުރުމާއި ކޮންމެ އާއިލާއަކަށް ހިޔާވަހިކަމާ، އަސާސީ ހައްގުތަކާ، ފުދުންތެރި ދިރިއުޅުމެއްގެ ބާއްޖަވެރިކަން ލިބުން ކަމަށެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާކަން އިއުލާން ކުރައްވާ ވިދާޅުވީ ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ވަކި ބޭފުޅަކު ގެނެސްދިނުމަށްޓަކައި އެހީތެރިވުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރަން ގަސްދު ނުކުރާ ވާހަކަ މީގެ ކުރިންވެސް ދެ ތިން ފަހަރެއްގެ މަތީން ދަންނަވާފައިވާނެ ކަމަށާއި އެގޮތަށް ނިންމަވާފައި ވަނީ ވޭދިޔަ ތަނުގެ ތަޖުރިބާއަށް ބަލާއިރު، ވެރިކަމުގައި ހުންނަވާ ބޭފުޅަކު ކުރައްވާ ބައެއް ކަހަލަ ކަންކަމުގެ ސަބަބުން، އެބޭފުޅަކަށް ހޯދައިދޭން އިސްވެ މަސައްކަތްކުރި މީހުން ބަދުނާމުވެ ލަދުގަންނަން ޖެހޭތީ ކަމަށެވެ.
"މިއަދުވެސް އަޅުގަނޑު މިހުރީ އެގޮތުގައި ކަމަށް މި ފުރުޞަތުގައި ދަންނަވަން. އަދި އަޅުގަނޑު އެ ޕާޓީއެއްގެ ލީޑަރުކަމުގައި ހުރި ޖުމްހޫރީޕާޓީގެ ޤައުމީ ހިންގާ ކޮމެޓީއިންވެސް، ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައިވާކަން ވެސް އަޅުގަނޑު އިއުލާން ކުރަން،" ގާސިމް ވިދާޅުވި އެވެ. "ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ކުރިމަތީގައި މި ވަގުތު ދެ ކެންޑިޑޭޓަކު އެބަ ތިއްބެވި. އެ ދެ ކެންޑިޑޭޓުންގެ ތެރެއިން ގައުމުގެ ރައީސް ކަމަށް ބޭފުޅަކު އިހުތިޔާރު ކުރުން މިއަދު މިވަނީ ތިޔަ ލޮބުވެތި ރައްޔިތުންގެ އަތްމަތީގައި،"
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެކި ދާއިރާތަކުން ރާއްޖެއަށް އެމަނިކުފާނު ކޮށްދެއްވާ ހިދުމަތް ގަބޫލު ކުރާ އެތަކެއްހާސް ރަޢިއްޔަތުން އެބަ ތިބި ކަމަށާއި އަދި އެމަނިކުފާނަށް ހެޔޮ ދުއާ ކޮށް، ހެޔޮ އެދޭ އެތަކެއްހާސް ރަޢިއްޔަތުންވެސް އެބަތިބި ކަމަށާއި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ބައިލައްކައެއްހާ ރައްޔިތުން އެމަނިކުފާނަށް ތާއީދުކުރައްވާ ވޯޓުދެއްވެވި ކަމަށެވެ. އެ ހުރިހާ ރައްޔިތުންނަށް ލޯތްބާ އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އަޅުގަނޑު މަސައްކަތް ކުރަން ފެށީ ވަރަށް ހެޔޮ ނިޔަތުގައި. ދައުލަތުގެ ތިންބާރު ވަކިވެފައި އޮތުމާ، ރައީސުލްޖުމްހޫރިއްޔާކަމުގައި އެކަކަށް ހުރެވޭނެ އެންމެ ދިގު މުއްދަތަކީ ފަސްއަހަރުގެ ދެ ދައުރުކަމުގައި ހެދުމާ، ރަޢިއްޔަތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދީފައިވާ ގާނޫނުއަސާސީއެއް ގެނަސްދިނުން ފަދަ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުގެ މަސައްކަތާ ވަގުތު ގުރުބާންކުރީ މި ގައުމުގެ ހައްޤުގައި އަންނަން އޮތް ޖީލުތަކުގެ ދިވެހި ދަރީންގެ ހައްގުގައި،" ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވާދަކުރީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް އޮތް ޝައުގެއްގެ ބޮޑުކަމުން. ދިވެހި ގިނަ ރައްޔިތުންގެ ނިކަމެތި ޙާލަތާ ހިތްދަތި ދިރިއުޅުން ވަރަށް ގާތުން ފެނި އަޅުގަނޑުގެ ހިތަށް ކެތް ނުވެގެން. މުޅި ޤައުމަށް އުފާފާގަތިކަމާ ތަނަވަސްކަން ގެނަސްދެވޭނެ ވިސްނުންތަކެއް އަޅުގަނޑުގެ ހުރީމަ. އަދި އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި، ތަހުޒީބު އަދި ތިޔާގި ގައުމަކަށް ރާއްޖެ ހެދިދާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތީމަ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލައި، މާތްﷲ ގަންދީ ހުވައިކޮށް ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިއަހުގައި ވަރަށް ބޮޑު ވަޢުދެއް އަޅުގަނޑު ވީމު. އެއީ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރެގެން، ރައްޔިތުންގެ ލޯލާރި ފޮއްޗަކަށް ވެސް ޚިޔާނާތްތެރި ނުވުން. އޯގާތެރިކަމާ އިޙްސާންތެރިކަމާއެކު ރައްޔިތުންނާ މުޢާމަލާތުކުރުން. އަދި ދުވަހަކުވެސް މި ރާއްޖެ ނުދެކޭފަދަ އުފާފާގަތި ދުވަސްތަކެއް މި ރާއްޖެއަށް ގެނަސްދިނުން."
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ހިތުގެ ފުންމިނުގެ ކުލުނާ އޯގާތެރިކަން އަބަދުވެސް ދިވެހި ރައްޔިތުންނާއެކުވާ ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަނަވަސްކަމުގެ މަންފާ ހިއްސާކުރީ ދިވެހި ގައުމަށާއި ރައްޔިތުންނަށް ކަމަށެވެ.
"އަޅުގަނޑުގެ އުފަލަކަށް ހެދީ މި ފަސްގަނޑުގައި ބޮޑެތި އިންވެސްޓްތައް ކުރުން. މި ޤައުމު ބިނާކުރުން. މި ގައުމުގެ ދަރީންނަށް ކިޔަވައިދިނުން. މި ޤައުމުގެ ކޮންމެ ރައްޔިތެއްގެ ލޮލުން އޮހޭ ކަރުނަވެސް އުފާވެރި ހިނިތުންވުމަކަށް ބަދަލުކޮށްދިނުން،"
އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ގާސިމް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ