ފެނަކަ އަށް އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅެއް ނުކުރެވޭނެ: ކައުންސިލް

އައްޑޫގެ ކަރަންޓުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ރޭގަނޑު މަގުތައް ވެސް ނުދިއްލުނަސް ފެނަކަ އަށް ހައްލެއް ހޯދައި ދެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން ބުދަދުވަހު ކަންބޮޑުވުން ފާޅުކޮށްފި އެވެ. މަގުތައް ނުދިއްލި އަނދިރިކަމެއްގެ ތެރޭގައި އޮއްވައި ލިންކް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 13 އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި ވަނިކޮށް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އައްޑޫގެ ކަރަންޓްގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެކަމަކު އައްޑޫގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކުރަން 2011 ގައި އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް، 1.5 މެގަވޮޓްގެ ދެ އިންޖީނު އައްޑު އަށް ގެންދިޔަކަން ކައުންސިލުން ފާހަގަކޮށްފައިވެ އެވެ. އެހެން ނަމަވެސް މިކަމަށް އެކަށީގެންވާ ހައްލެއް ނުލިބި އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. އަދި ކަރަންޓްގެ ހާލަތު މިހާ ބޮޑަށް ދަށަށް ދިޔައީ ކުރިން ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން ދެމުން ދިޔަ ހިދުމަތް، ފެނަކަ ކޯޕަރޭޝަންގެ ދަށަށް ބަދަލުކުރި ފަހުން ކަމަށް ކައުންސިލުން ތުހުމަތު ކުރެ އެވެ. "...އެހެން ނަމަވެސް އަދާ ހަމައަށް ވެސް މިކަމަށް އެދެވޭ ހައްލެއް ނުލިބި އައްޑޫގެ ބޮޑު ބަޔަކުން އަބަދުހެން ދަނީ ކަރަންޓް ކެނޑެމުންނެވެ. ގޭގެއިންނާއި ފިހާރަތަކުން ކުއްލި ކުއްލި އަށް އެއްވެސް ނޯޓިހެއް ނެތި ކަރަންޓް ކަނޑަމުންދާތީ އެތައް ގެއްލުންތަކެއް ރައްޔިތުންނަށް ދަނީ ލިބެމުންނެވެ،" ބަޔާނުގައިވެ އެވެ. "މަގުތައް އަނދިރިވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އެންމެ ފަހުން ޒުވާން އަންހަން ކުއްޖަކު މަރުވި އެކްސިޑެންޓް ހިނގި ލިންކް ރޯޑް ސަރަހައްދުގައި ސިޓީ ކައުންސިލުން ހޮޅިބުރިތައް ޖަހާފައި ހުރި ނަމަވެސް ކަރަންޓް ކަނޑާލާފައި ވާތީ އެ ހޮޅިބުރިތައް ނުދިއްލެ އެވެ." ކައުންސިލުން ވަނީ އެއްޗެހި ދުއްވާ މީހުންނާއި ހިނގާ މީހުން ވެސް، މަގުތަކުގެ ރައްކާތެރި ކަމަށް ވިސްނަން އިލްތިމާސްކޮށްފަ އެވެ. ކައުންސިލުން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ ހާލަތު ފެނަކަ އަށް ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދެއް ނެތެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ މަގުތަކުގައި ޖަހާފައި ހުންނަ ބައްތިތަކުގެ ތެރެއިން ގިނަ ބައްތިތަކެއް ރޭގަނޑު ނުދިއްލޭ އިރު، އެ ބައްތިތައް ދުވާލު ދިއްލިފައި ހުންނަކަން ފާހަގަކުރެވެ އެވެ. "ޖަނަރޭޓަރުތައް އާކުރުމުގެ ބަދަލުގައި އެ ކުންފުނިން ކުރަމުންދާ ކަމަކީ ކަރަންޓް ކެނޑުމެވެ. މިއީ ހައްލެއް ނޫނެވެ. ކައުންސިލުން ފެނަކަ އަށް މި ގޮވާލަނީ އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅުކޮށް، މަގުތައް ދިއްލަން ޖަހާފައިވާ ހޮޅިބުރިތައް ދިއްލޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ،" ބަޔާނުގައިވެ އެވެ. ކައުންސިލުން އަދި ބުނީ މަގުތައް ދިއްލަން ކައުންސިލް ބަޖެޓުން މި އަހަރުގެ މިހާތަނަށް 1،921،304ރ. ހަރަދުކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ