ގިނަ ދުވަސްތަކަކަށް ފަހު ގާސިމް އެނބުރި ރާއްޖެ ވަޑައިގެންފި

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ހުންނެވުމަށް ފަހު ޖުމްހޫޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިއަދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ. މިކަމާ ގުޅޭ ގޮތުން ޖޭޕީގެ ބަހެއް އަދި ނުލިބެ އެވެ. އެހެން ނަމަވެސް، "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ގާސިމް އެނބުރި ވަޑައިގަތީ މިއަދު ހެނދުނު 9:15 ހާއިރު ޖަރުމަނުގެ ފްރެންކްފާޓުން އައި ކޮންޑޯ އެއާވޭސްގެ ފްލައިޓުންނެވެ. މިއަދު ހެނދުނު ގާސިމް އެއާޕޯޓުގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް އެމްޑީޕީގެ ޗެއާޕާސަން އަަލީ ވަހީދު ވަނީ ޓުވީޓުކުރައްވާފަ އެވެ. އެ ފޮޓޯ އިން ފެންނަ ގޮތުން ގާސިމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެފަ އެވެ. އެ ގޮތުން، ތުނބުޅި މަތިމަސް ކޮންމެވެސް ވަރަކަށް ބަހައްޓަވާފައި ވާއިރު، މިހާރު ފެންނަނީ ކުރިއަށް ވުރެ ހިކިކޮށެވެ. The picture says it all. This is not fair. "Raees Yaameen Handhaan Kuravvaathi Ehen Meehunahves Dhuvaheh Annaanekan" pic.twitter.com/LLigrWsGJ3 — Ali Waheed (@ali20waheed) July 12, 2015 އަލީ ވަހީދުގެ ޓުވީޓު އިިދިކޮޅު ހަރަކާތުގެ އެންމެ ކުރީ ސަފުގައި ހުންނެވުމަށް ފަހު ގާސިމް ރާއްޖޭން ބޭރަަށް ވަޑައިގަތީ ސަރުކާރާ ދެކޮޅަށް މިދިޔަ މޭ މަހުގެ އެކެއްގައި މާލޭގައި ކުރި މުޒާހަރާގެ ދުވަސްކޮޅެއް ކުރިންނެވެ. އޭރު ގާސިމްގެ ވިލާ ކުންފުންޏަށް ދީފައިވާ ރަށްތަކަކާއި ފަޅުތަކެއް އަތުލުމުގެ އިތުރަށް، އެ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ އަށްވާ ފައިސާ ދައުލަތަށް ނުދެއްކުމުން ވިލާގެ އެކައުންޓުތައް ފްރީޒްކުރުން ފަދަ ބޮޑެތި ފިއްތުންތަކެއް އޭނާގެ ވިޔަފާރިތަކަށް އޮތީ ކުރިމަތިވެފަ އެވެ. އަދި އެ ފިއްތުންތަކުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ނުދެވޭ ހިސާބަށް ވެސް ކަންކަން ދިޔަ އެވެ. ސަރުކާރުގެ ކޯލިޝަންގެ ޖަލްސާއެއްގައި ރައީސް ޔާމީނާއި ޖޭޕީގެ ލީޑަރު ގާސިމް ސަލާމް ކުރައްވަނީ: ގާސިމް ވަނީ އަނެއްކާ ވެސް ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވަން ފައްޓަވާފައި.-- ހަވީރު ފައިލް ފޮޓޯ އެ ދަނޑިވަޅުގައި ގާސިމް އެންމެ ފުރަތަމަ ވަޑައިގަތީ ތައިލެންޑުގެ ވެރިރަށް ބެންކޮކަށެވެ. އެއީ، އޭނާ އޭރު ވިދާޅުވެފައިވާ ގޮތުގައި، އާގުބޯޓެއް މަރާމާތަށް ލުމަށެވެ. އޭގެ ފަހުން ސިންގަޕޫރުގައި ދުވަސްކޮޅަކު ހުންނެވުމަށް ފަހު ގާސިމް ވަޑައިގަތީ ޖަރުމަނުގެ ވިޔަފާރީގެ މައި މަރުކަޒު ފްރެންކްފާޓަށެވެ. އެ ތަނުގައި ކުރެއްވީ، ގާސިމް "ހަވީރަ"ށް ވިދާޅުވެފައިވާ ގޮތުގައި، ވިލާ ވެއްޓިފައިވާ ފުންވަޅުގަނޑުން ސަލާމަތް ކުރުމުގެ މަސައްކަތެވެ. އެ ގޮތުން، ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރެއްވުމަށް އެކިއެކި ޓުއާ އޮޕަރޭޓަރުންނާއި އެހެނިހެން ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރެއްވި ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވަނީ ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން ވެސް ޖަރުމަނުގައި ހުންނަވައި ހާމަކުރައްވާފަ އެވެ. އެ ގޮތުން އޭނާ ވިދާޅުވެފައިވަނީ ދެން ބާއްވާ ރިޔާސީ އަދި މަޖިލިސް އިންތިހާބެއްގައި ވެސް ވާދަނުކުރައްވާނެ ކަމަށާއި ރާއްޖެ ވަަޑައިގެންނެވުނުހާ އަވަހަަކަށް ޖޭޕީގެ ކޮންގްރެސް ބާއްވައި ޕާޓީގެ ލީޑަޝިޕް ވެސް އެހެން ބޭފުޅަކާ ހަވާލު ކުރައްވާނެ ކަމަށެވެ. ގާސިމްގެ ނިންމެވުންތައް: ރާއްޖޭގެ ވެރިކަމަށް ކުރިމަތި ނުލެއްވުން.މި ފަސް އަހަރު ނިމުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދެން ކުރިމަތި ނުލެއްވުން.ޖުމްހޫރީ ޕާޓީގެ ލީޑަރުކަން އެހެން ބޭފުޅަކާ ހަވާލު ކުރެއްވުން.ވިޔަފާރި އާއި އަމިއްލަ ކަންކަމަށް ވަގުތު ދެއްވުން.އެ ނިންމުން ހާމަކުރެއްވުމުގެ ފަހުން ގާސިމް ވަނީ އަނެއްކާ ވެސް ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވަން ވެސް ފައްޓަވާފަ އެވެ. އޭގެ ތެރޭގައި މި ފަހުން މަޖިލީހުން ފާސްކުރި ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެެވޭ އުމުރު ބަދަލުކުރުމުގެ އިސްލާހާއި ނައިބު ރައީސް ކަމުން މުހައްމަދު ޖަމީލް އަހުމަދު ދުރުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ