ހަވީރު ސްޕޯޓްސް އެވޯޑުން ގުޅި އަށް ބޮޑު އީދެއް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އެވޯޑް ކަމަށްވާ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ސީއެސްއާރު ދަތުރުން ކ. ގުޅި އަށް މިއަދު ހަވީރު ބޮޑު އީދެއް ގެނެސްދީފި އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ ތަރިންނާއި ޕާޓްނަރުންނާއި އެސޯސިއޭޓް ސްޕޮންސަރުންގެ އިތުރުން ކުޅިވަރުގެ އިސް ބައެއް އޮފިޝަލުންގެ މި ޒިޔާރަތްކުރުމަކީ މި ރަށަށް އޭގެ ކުރިން ދުވަހަކު ވެސް ނުލިބޭ ވަރުގެ ބޮޑު ޝަރަފަކަށްވި އެވެ. ކޮންމެ އަހަރަކު ވެސް ހަވީރުގެ ސްޕޯޓްސް އެވޯޑްސްގެ ފަރާތުން މާލެ އަތޮޅު ކޮންމެވެސް ރަށަކަށް ސީއެސްއާރު ދަތުރެއްކުރެ އެވެ. ކުޅިވަރުގެ ތަރިންނާއި އެވޯޑްސްގެ ޕާޓްނަރުންނާއި އެހެނިހެން ސްޕޮންސަރުން ބައިވެރިވާ މި ދަތުރުގައި ރަށުގެ ސްކޫލާއި ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން ގުޅި އަށް ވެސް ގިނަ އެހީތަކެއް ދިނެވެ. އެވޯޑްގެ ތިން ޕާޓްނަރުންގެ ތެރެއިން ދިރާގުން ދިން ލެޕްޓޮޕްގެ ހައްގުވެރިޔަކު ހޮވީ ރަށުގެ ހުރިހާ ގެއަކުން ބައިވެރިވި ގުރުއަތުލުމެއްގަ އެވެ. އެ ގުރުއަތުލުމުގައި ބައިވެރިކުރީ ވެސް ރަށުގެ ވަޒަންވެރިންނެވެ. މޯލްޑިވިއަނުން ވަނީ ރަށު ސްކޫލަށް ދެ ލޮޕްޓެޕް ދީފަ އެވެ. އޭގެ އިތުރުން އަނެއް ޕާޓްނަރު ކަމަށްވާ އެސްޓީއޯ އިން ސްކޫލަށް ސައުންޑް ސިސްޓަމެއް ދިނެވެ. މިދަތުރުގައި އެސޯސިއޭޓް ސްޕޮންސަރު ސޮނީ ސްޕޯޓްސް އިން ކުޅިވަރުގެ އެކި ސާމާނު ޒުވާނުންނަށް ދިނެވެ. އަދި ވޮލީބޯޅަ އެސޯސިއޭޝަނާއި ހަވީރު ގުޅިގެން ވޮލީގެ ސާމާނު ވެސް ޒުވާނުންނަށް ފޯރުކޮށްދިނެވެ. ރަށުގެ ޕްރީ ސްކޫލަށް ވެސް "ހަވީރު" ން ވަނީ އެހީތެރިވެފަ އެވެ. އެސޯސިއޭޓް ސްޕޮންސަރެއް ކަމަށްވާ އެމްއެޗުއޭ އިން ގިނަ އަދަދެއްގެ ބުއިމާއި އެހެނިހެން ބައެއް އެއްޗެހި ރަށުގެ ކުޑަކުދިންނާއި ހަފުލާ އޮތް ސަރަހައްދަށް އެއްވި މީހުންނަށް ބެހި އެވެ. ރާއްޖޭގައި ސައުންޑާއި ލައިޓިން ހެދުމުގައި އެންމެ މަޝްހޫރު އެއް ކުންފުނި ޕޮޕް ޖޯއީން ވަނީ ރަށުގެ ސްކޫލަށް ފެންވަރުމަތީ ސައުންޑް ސިސްޓަމެއް ހަދިޔާކޮށްފަ އެވެ. އޭގެ އިތުރުން މި ދަތުރުގައި ސައުންޑްގެ ހުރިހާ ކަމެއް، ހިލޭސާބަހަށް، ފޯރުކޮށްދިނީ ވެސް ޕޮޕް ޖޯއީންނެވެ. "ހަވީރު"ގެ މި ހަވީރަށް ރަށުގެ ހުރިހާ ރައްޔިތުންހެން ނުކުތެވެ. މެހެމާނުންނަށް ރަށުގެ ޒުވާނުންނާއި ކުޑަކުދިން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ސްޕޯޓްސް އެވޯޑްސްގެ ސީއެސްއާރު ދަތުރުގައި ހަވީރުން 100 އަށް ވުރެ ގިނަ މެހެމާނުން މި ރަށަށް ގެނަ އެވެ. މިއީ މިހާ ގިނަ އަދަދެއްގެ ބަޔަކު މިކުޑަކުޑަ ރަށަށް އެއްފަހަރާ އެރި ފުރަތަމަ ފަހަރު ވެސް މެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ