އާއްކޮގެ ކޮންޓްރެކްޓް ދާއިމީކޮށް، މުލަކޭ ވެސް މާޒިޔާ އަށް ގެންގޮސްފި

ކްލަބް އީގަލްސްގެ ލޯނެއްގެ ދަށުން މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު އަހުމަދު އިމާޒް (އާއްކޮ) ގެ ކޮންޓްރެކްޓް އެ ކްލަބުން ދާއިމީ ކުރިއިރު އީގަލްސް އަށް ކުޅުނު މިޑްފީލްޑަރު ޔަސްފާދު ހަބީބް (މުލަކޭ) ވެސް މާޒިޔާ އަށް ގެންގޮސްފި އެވެ. މާޒިޔާ އިން ބުނީ ޓްރާންސްފާ ފީ އެއް ދީގެން ދެ ކުޅުންތެރިން ވެސް މާޒިޔާ އަށް ގަނެފައިވާ ކަމަށާއި އެ ދެ ކުޅުންތެރިންނާ އެކު މާޒިޔާ އިން ދެ އަހަރުގެ ކޮންޓްރެކްޓެއް ހަދާފައިވާ ކަމަށެވެ. މުލަކޭ (ވ) ނިއުއާ ދެކޮޅަށް ކުޅަނީ. --ހަވީރު ފައިލް ފޮޓޯ މުލަކޭ އަކީ އާ ސީޒަނަށް މާޒިޔާއާ ގުޅުނު ފަސް ވަނަ ކުޅުންތެރިޔާ އެވެ. އަނެއް ހަތަރު ކުޅުންތެރިންނަކީ ނިއު ރޭޑިއަންޓުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އާއި ކްލަބް އީގަލްސްގެ ކެޕްޓަން އިސްމާއިލް އީސާ (މެސީ) އާއި މަހިބަދޫގެ އެއްބަނޑު އެއްބަފާ ދެބެން ކަމަށްވާ ސަމޫހު އަލީ (ސަމުއްޓެ) އާއި ގާސިމް ސައްމާމް (ސަމޭ) އެވެ. ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔާ އާއްކޮ އަކީ އަރިމަތިން ކުޅެމުން ގޯލް ވެސް ޖަހާ ކުޅުންތެރިއެކެވެ. އީގަލްސް އިން ކެރިއަރު ފެށި މުލަކޭ އަކީ ސާފް ސުޒުކީ ކަޕަށް ނެގި ގައުމީ ސްކޮޑުން ޖާގަ ހޯދާފައިވާ އުއްމީދީ މިޑްފީލްޑަރެކެވެ. މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި އޭނާ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް އޭނާ ކުޅުނެވެ. އާ ސީޒަނަށް ތައްޔާރުވުމަށް މިހާތަނަށް އެންމެ ހަރަކާތްތެރިކޮށް ފެންނަނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް އެވެ. އެހެން ކްލަބްތަކުގެ ހަބަރެއް އަދި ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ