އައްޑު އަށް ކަރަންޓް ދޭން ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ: މޭޔަރު

އައްޑު އަށް ކަރަންޓްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާން ކުރަން ކައުންސިލުން ނިންމާފައިވާ އިރު، އެކަމަށް ބައެއް ފަރާތްތަކުން މިހާރު ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވެއްޖެ އެވެ. އައްޑު އަށް ކަރަންޓް ދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލަން ކައުންސިލުން ނިންމީ މާޗް މަހުން ފެށިގެން އައްޑޫގެ ވިޔަފާރިތަކުގެ ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެންނެވެ. ސޯބެ "ހަވީރަ" ށް ވިދާޅުވީ އައްޑު އަށް ކަރަންޓްގެ ހިދުމަތް ދޭން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ދިވެހި ކުންފުނިތަކާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތައް ވެސް އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ޖަޕާނާއި ޖަރުމަން ފަދަ ގައުމުތަކުގެ ކުންފުނިތަކާ ގުޅިގެން ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަޅުގަނޑުމެންނާ މި ދޭތެރެ އިން މާލޭން ވެސް ބައްދަލުވެއްޖެ މިކަމަށް ޝައުގުވެރިކަން ބައެއް ފަރާތްތަކާ. ތެޔޮ އަންދައިގެން ކަރަންޓް ދިނުމަށް ވުރެ މިހާރު ދާން ޖެހިފައި މިއޮތީ ރިނެވަބްލަ އެނާޖީ އަށް. އެކަހަލަ އޮޕްޝަނަކަށް ދިއުން ކަންނޭނގޭ މީގައި ދުރު ވިސްނުމަކަށްދާ އިރު ބުއްދިވެރި ގޮތަކީ ބޮޑު އިންވެސްޓްމަންޓެއް ކުރަން ޖެހުނަސް.--ސޯބެ އޭނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައަކީ އަގު ބޮޑުވެދާނެ ވަސީލަތެއް ކަމަށެވެ. އެހެން ނަަމަވެސް ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް އެކަން ކުރެވޭނެ ގޮތްތަކެއް ފަހިވެއްޖެ ނަމަ ގިނަ ބަޔަކު، އޭގެ ބޭނުން ހިފާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. ކައުންސިލުން މިހާރު ނިންމާފައި ވަނީ އައްޑު އަށް ކަރަންްޓް ދޭނެ ފަރާތެއްް ހޯދަން އަންނަ ހަފުތާގެ ތެރޭގައި ބީލަމަށް ހުޅުވައިލާށެވެ. ކައުންސިލުން މިގޮތަށް ނިންމި މައިގަނޑު އެއްް ސަބަބަކީ އައްޑު އަށް މިހާރު ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވި، އޭގެ ދަތިތައް ގިނަ ބަޔަކަށް އުފުލަން ޖެހިފައިވާތީ އެވެ. ކައުންސިލުން ވަނީ ފެނަކަ އިން ހިންގަމުން އަންނަ އައްޑޫގެ އިންޖީނުގެތައް ކައުންސިލަށް ނަަގައި، އެ ކުންފުންޏަށް ދޫކޮށްފައި ހުރި ބިންތަކުން ކުލި ވެސް ނަގަން ނިންމައިފަ އެވެ. "އެކަމަކު މިއީ އެހާ ފަސޭހަ އިން ކުރެވޭނެ ކަމަކަށް ނުވާނެތީ އެކަމަށް ވަގުތު ނަގާނެ. އަދި ގާނޫނީ ގޮތުން ވެސް މީގައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި." މޭޔަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ