ޕީޕީއެމާއި ޖޭޕީން ކައުންސިލް އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ވެސް އެއްބާރުލުން ދޭނެ: މައުމޫން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން ނިންމީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެއްބާރުލުންދޭ ގޮތަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ. ޕީޕީއެމަށް ތާއީދުކުރުމަށް ޖޭޕީގެ ކައުންސިލުން ނިންމުމަށް ފަހު ޕީޕީއެމްގެ އިސް ބޭފުޅުންނާ އެކު ޖޭޕީގެ ކެމްޕެއިން ޖަގަހައިގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ކުރީގެ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމާއި ޖޭޕީއާ ދެމެދު މަޝްވަރާކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ދެ ޕާޓީން އިއްޔެ އެއްބަސްވުމެއް ވެފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން އަންނަ ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ އިތުރުން ޑިސެމްބަރު މަހު ބާއްވާ ކައުންސިލް އިންތިޚާބާއި 2014ގައި ބާއްވާ މަޖިލީހުގެ އިންތިޚާބުގައި ވެސް ދެ ޕާޓީން އެއްބާރުލުން ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިންތިޚާބު ކާމިޔާބުކޮށްގެން ސަރުކާރެއް އުފެއްދީމަ، ސަރުކާރުން ހިންގާ ބޮޑެތި ކަންތައްތަކުގައި ދެ ފަރާތުން މަޝްވަރާކުރެވިގެން ކުރިއަށް ގެންދިއުމަށް. އެއީ ޖުމްލަ ގޮތެއްގައި އެއްބަސްވެވުނު ކަމަކީ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ އެއްވެސް ހާލެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޑިމާންޑްތަކެއް ކުރައްވާފައެއް ނެތޭ، ވަކި ކަންތައްތަކަކަށް އެދިވަޑައިގެންފަ އެއް ނެތޭ،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ޖޭޕީން ނިންމާފައިވަނީ ހިތް ހެޔޮކަމާ އެކު ޕީޕީއެމާ އެކީ މަސައްކަތްކުރުމަށެވެ. އެގޮތުން، ޕީޕީއެމްގެ ސަރުކާރެއްގައި ޖުމްހޫރީ ޕާޓީ އާއި ކޯލިޝަންގައި ހިމެނޭ އެހެން ބައިވެރިންގެ މަޝްވަރާ ވެސް ހޯދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރޭގެ ނިއުސް ކޮންފަރެންސްގައި ގާސިމް ވިދާޅުވީ ސަރުކާރުގެ މަގާމުތައް ދިނުމުގެ އިތުރަށް ކައުންސިލް އިންތިޚާބާއި މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމާއި ޖޭޕީން ވާދަކުރާނެ ގޮޑީގެ އަދަދެއް އަދި ނުނިންމަ އެވެ. އެހެން ނަމަވެސް، އޭނާ ވިދާޅުވީ އެކަން ކުރުމުގައި ބަލާނީ ކުރިމަތިލާ ދާއިރާތަކުގެ ތެރެއިން ކޮންމެ ޕާޓީއަކަށް ވެސް ކާމިޔާބުކުރުމުގެ ފުރުސަތު އެންމެ ބޮޑު ދާއިރާތަކަށް ވާދަކުރުން ކަމަށެވެ. "އަޅުގަނޑުމެން ބޭނުންވަނީ ގުޅިގެން ހުރިހާ އެންމެން ވެސް މަސައްކަތްކުރަން. އެއްވެސް ހާލަތެއްގައި ވަކި ޕާޓީއަކަށް ބޮޑު ކުރުމުގެ އުސޫލެއް ޔާމީން އަބްދުލްގައްޔޫމް އަދި އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވެސް ނުގެންގުޅުއްވައިކަން އަޅުގަނޑަށް ކަށަވަރުވެ،" ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި ޕީޕީއެމް އާއި ޖޭޕީއަކީ ވަކި ދެ ޕާޓީ ނަމަވެސް މަސައްކަތްކުރާނީ އެއް ބައެއްގެ ގޮތުގަ އެވެ. އެގޮތުން، އެ ދެ ޕާޓީ ގުޅިގެން އުފެދޭ ޕާލިމެންޓްރީ ގްރޫޕް ވެސް ވާނީ ގުޅިގެން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ