މާފަރު ކައުންސިލަރަކު މެމްބަރު ކަމަށް ޝަރުތުހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ލޯކަލް ކައުންސިލްގެ ގާނޫނުގައި ބުނާ ޝަރުތުތައް ނ. މާފަރު ރަށު ކައުންސިލްގެ މެމްބަރު މއ. އަބާ އިބްރާހިމް މަނިކު ހަމަނުވާ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކުރުމާ އެކު އޭނާގެ ގޮނޑި ގެއްލިއްޖެ އެވެ. ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކޮށްފައި ވަނީ ޑީއާރުޕީގެ ކައުންސިލަރު އިބްރާހިމް މަނިކުގެ މައްޗަށް ކުރީގެ ކޯޓް ނަންބަރު ހަތަކުން ވައްކަމުގެ ކުށް ސާބިތުކޮށްފައިވާތީ އޭނާގެ މެމްބަރުކަން ބާތިލްވާނެ ކަމަށް ކަނޑައަޅައި ދިނުން އެދި މާފަރު، ހަވާނާ، އުސްމާން އަބްދުލްގާދިރުގެ ފަރާތުން މައްސަލަ ހުށަހެޅުމުންނެވެ. ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރިކަމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް އެ އިންތިހާބުގައި ބައިވެރިނުވެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އިބްރާހިމް މަނިކުގެ މައްޗަށް ކުރީގެ ކޯޓް ނަންބަރު 7 ގައި ވައްކަމުގެ ކުށް ސާބިތުވެ އޭނާ 28 އަހަރާއި ތިން މަސްދުވަހަށް އަރުވާލުމަށް ހުކުމްކޮށްފައިވާ އިރު އެ ހުކުމަށް އޭގެ ފަހުން ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކުގެ ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަނުވާ ފަރާތެއް އިންތިހާބުގައި ވާދަކޮށް މެމްބަރުކަމަށް ހޮވިފައިވިޔަސް ޝަރުތުހަމަނުވާ ފަރާތެއް ކަމުގައި ބަލައި، އެ އިންތިހާބުވި އިންތިހާބުވުން ބާތިލްވާނެ ކަމަށް ކުރިން ސްޕްރީމް ކޯޓުން ކަނޑައަޅައިފައިވާ ކަމަށެވެ. އެހެންކަމުން އިބްރާހިމް މަނިކަކީ މާފަރު ކައުންސިލްގެ މެމްބަރެއް ކަމަށް ގާނޫނީ ގޮތުން ބެލެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ