އަމިއްލަ ޖަނަރޭޓަރަކުން އައިއެމްޑީސީ އަށް ކަރަންޓް ދޭން ފަށައިފި
މާޗް މަހުން ފެށިގެން ކަރަންޓް ބިލަށް ގެނައި ބަދަލާ ގުޅިގެން ފާއިތުވި ދެ މަހުގެ ކަރަންޓް ބިލް ނުދައްކައި އޮއްވައި، ހިތަދޫ ޕްރައިވެޓް ހޮސްޕިޓަލް އައިއެމްޑީސީން އިއްޔެ ކަރަންޓް ކަނޑާލުމުން ހޮސްޕިޓަލްގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައި ވަނިކޮށް، އަމިއްލަ ޖަނަރޭޓަރަކުން އެތަނަށް ކަރަންޓް ދޭން ފަށައިފި އެވެ. ކަރަންޓް ދޭން ފެށީ ރޭ ދަންވަރު 12:30 އިން ފެށިގެންނެވެ. އަމިއްލަ ޖަނަރޭޓަރަކުން ކަރަންޓް ދޭން ފެށީ ހޮސްޕިޓަލްގައި ހުރި ބެކަޕް ސިސްޓަމަށް ދިމާވެފައި ހުރި ޓެކްނިކަލް މައްސަލަތައް ހައްލު ކުރުމަށް ފަހު އެވެ. ކަރަންޓް ލިބެންދެން ހޮސްޕިޓަލް އަލި ކުރަން އިއްޔެ އާއި ރޭ ބޭނުން ކުރީ އުއްބައްތި އެވެ. ކުރީގެ ހެލްތު މުނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ ހިއްސާ އޮންނަ ސިމްޑީ ގްރޫޕުން ހިންގާ އައިއެމްޑީސީގެ އިތުރުން ހިތަދޫގައި ހުންނަ ސިމްޑީގެ ޝޯ ރޫމުން ވެސް އާދީއްތަ ދުވަހު ހަވީރު ވަނީ ކަރަންޓް ކަނޑާލައިފަ އެވެ. އެޑްމިޓް ޕޭޝަންޓުން ވެސް ހޮސްޕިޓަލްގައި ތިއްބައި ކަރަންޓް ކަނޑާލުމުން އައިއެމްޑީސީގެ މެނޭޖްމަންޓުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހުށަހެޅުމުން ކޯޓުން ވަގުތީ އަމުރެއް ވެސް ނެރެދޭ ގޮތް ވަނީ ނުވެފަ އެވެ. އެހެން ނަމަވެސް އައިއެމްޑީސީން ހުށަހެޅި މައްސަލަ މިހާރު ވަނީ މިއަދު ހެނދުނު 10:00 އަށް ތާވަލްކޮށްފަ އެވެ. އައިއެމްޑީސީގެ ރެސެޕްޝަން އޭރިއާގައި އަލި ކަމެއް ނެތް އިރު މުވައްޒަފަކު ހަރަކާތްތެރި ވަނީ: އެތަނުން ކަރަންޓް ކަނޑާލީ އިއްޔެ މެންދުރު ފަހު. ފޮޓޯ/ ކިއުންތެރިއެއް އައިއެމްޑީސީގެ ފަރާތުން ވާހަކަ ދެއްކެވި އުސާމާ ހަސަން ލަތީފް މިއަދު ވިދާޅުވީ އައިއެމްޑީސީން ކަރަންޓް ބިލް ނުދައްކައި އޮތީ އެއްގޮތަކަށް ވެސް ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ނޫން ކަމަށެވެ. "ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓް ބިލް މާޗް މަހު ބޮޑު ކުރުމާ ގުޅިގެން ވިޔަފާވެރިން އެކަމާ ހިތްހަމަނުޖެހިގެން ނިކުތް އިރު އަޅުގަނޑުމެން ވެސް އެކަމުގައި ބައިވެރިވާން އެދުނީމާ އެ މީހުންނާ އެކުގައި އަޅުގަނޑުމެން ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން ކަރަންޓް ބިލް ނުދައްކައި މަޑުކޮށްގެން ތިބީ. އަނެއްކާ ބިލް ބޮޑުވި މައްސަލާގައި އަޅުގަނޑުމެން ވެސް އޮންނާނެ ފެނަކަ ކޯޕަރޭޝަނަށް ސިޓީ ފޮނުވާފައި. އެކަމަކު މިހާތަނަކަށް އަދި ޖަވާބެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ. "މިއީ އެއްގޮތަކަށް ސިޔާސީ ބޭނުމެއްގައި ސަރުކާރަށް ޖެއްސުންކޮށް ސަރުކާރާ ދެކޮޅަށް ކުރި ކަމެއް ނޫން. ވިޔަފާރިވެރިން ނިންމި ސްޓޭންޑްގައި އަޅުގަނޑުމެން އަދިވެސް މި ތިބީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ