"ހަވީރު" ވިއްކާލުމާއި އާންމުންގެ އިހުސާސް

މީގެ ދެ މަހެއްހާ ދުވަސް ކުރިން "ހަވީރު" ވިއްކާލާ ވާހަކަ ވަރަށް ގަދަ އަށް އާންމުކޮށް ދެކެވުނެވެ. ހަގީގަތުގައި ވެސް، އޭރު "ހަވީރު" ވިއްކާލުމުގެ ހިޔާލެއް ގެންގުޅޭ ކަމަށް ނޫހުގެ މެނޭޖްމަންޓުން ނުރަސްމީ ސިފައެއްގައި މުވައްޒަފުންނަށް އެންގި އެވެ. އެ ވާހަކަ އިއުލާންކުރިތާ ބަރާބަރު މިނެޓެއްހާ އިރު ފަހުން ސޯޝަލް މީޑިއާ ހީވީ ކެކިގެން ދިޔަހެންނެވެ. މީޑިއާ އަށް ހީވީ ބޮމެއް ވައްޓާލިހެންނެވެ. ޓުވިޓާގައި ކޯރެއްހެން އެ ވާހަކަ ދެމެމުން ދިޔަ އެވެ. ގިނަ އަދަދެއްގެ ފޯން ކޯލްތަކަށް "ހަވީރު"ގެ ހުރިހާ މުވައްޒަފުންހެން ޖަވާބު ދޭން ޖެހުނެވެ. ބައެއް ޕާޓީތަކާއި ފައިސާ ހުރި ބައެއް މުއްސަނދިން އޭގެ ހަގީގަތް ވެސް ބެލި އެވެ. އަޅުގަނޑު ދައްކަން މި އުޅެނީ "ހަވީރު" ވިއްކާލުމުގެ ވާހަކައެއް ނޫނެވެ. ދައްކަން މި އުޅެނީ "ހަވީރު" ވިއްކާލަން އުޅުމާ އެކު ސޯޝަލް މީޑިއާ އާއި އާންމުން ފާޅުކުރި ބައެއް ކަންބޮޑުވުންތަކުގެ ވާހަކަ އެވެ. ސަބަބަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް މިއަދު ފާހަގަކުރާއިރު، މި ވާހަކައިން، މީޑިއާ މިހާރު އޮތް ހާލަތާ ބެހޭ ކޮންމެވެސް ސޫރައެއް ފެނިދާނެތީ އެވެ. "ހަވީރަ"ކީ ވަރަށް ގިނަ ބައެއްގެ ދިރުމެކެވެ. ވަރަށް ގިނަ ބައެއްގެ އެކުވެރިއެކެވެ. ކޮންމެ ދުވަހެއްގެ ބައިވެރިއެކެވެ. އެ ނޫސް އެ ސިޔާސަތުގައި އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ އެތައް ބައިވަރު ދިވެހިންނެއް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް އެބަތިއްބެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް، މިހާރުގެ މެނޭޖްމަންޓާ ވަކިވާން ނޭދޭ ވަރަށް ގިނަ ބަޔަކު ތިބިކަން އެއީ ހަގީގަތެވެ. އޭގެ އެއް ސަބަބަކީ، މިނިވަން މީޑިއާއެއްގެ ވެށި ހަލާކުވެ، މުޅިން އެހެން މިސްރާބަކަށް ހިނގައިދާނެ ކަމުގެ ބިރުވެރިކަން އޮތުމެވެ. "ހަވީރު" ވިއްކާލާ ވާހަކަތައް އާންމުންނަށް ތިލަވުމާ އެކު އެތައް ބަޔަކު ފިކުރު ބޮޑުވި އެވެ. "ހަވީރާ" ނުރުހި ތިބި ބައެއް މީހުން ވެސް، އެ މީހުންގެ އަމިއްލަ ފޭސްބުކް ސްޓޭޓަސްތަކާއި ޓުވީޓާގައި، އެކަން ނުކުރުމަށް އެދިފައިވެ އެވެ. ވާދަވެރި މީޑިއާތަކުން ވެސް، "ހަވީރު" އޭގެ ގޮތުގައި ދަމަހައްޓާށާއި މިކަމުގައި ދެ ވިސްނުމަކަށް ދިއުމަށް ގޮވާލަމުން ދިޔަ އެވެ. ބައެއް ނޫސްވެރިން ބުނަނީ "ހަވީރު" ވިއްކާލައިފި ނަމަ އެއީ މުޅި ގައުމަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. ރާއްޖޭގައި ތިބި ކުޅަދާނަ ނޫސްވެރިންތަކެއްގެ ގަލަންތަކުގައި ދޯރި ޖަހަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނަމުން ދިޔަ އެވެ. އަނެއް ބަޔަކު ބުނަނީ "ހަވީރު" ވިއްކާލައިފި ނަމަ، ރާއްޖޭގެ ނޫސްވެރިކަން މުޅިން ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ. ބައެއް މީހުން، ހަމަ ވަރަށް ދެރަވެފައި ވާހަކަ ދައްކަމުން، ތިނޫން ގޮތެއް ހަމަ ނެތީހޭ ވެސް ބުނަމުން ދިޔަ އެވެ. އަދި "ހަވީރު" ވިއްކާލުން ހުއްޓުވާލެވޭތޯ ވެސް ބައެއް މީހުން މަސައްކަތް ކުރަމުން ދިޔަ އެވެ. "ހަވީރު" އޮންނަނީ ވަކި އަތަކަށް ޖެހިފައޭ ބުނެ އަބަދުހެން ރުޅިވެރި ބަސްތައް ބުނާ މީހުން ވެސް، "ހަވީރު" ހަމަ މި ގޮތުގައި ބާއްވަން ބޭނުންވި ކަމީ ހަގީގަތެކެވެ. "ހަވީރު" އެހެން ބައެއްގެ އަތްދަށަށް ދިއުން ގިނަ ބަޔަކު މާނަކުރީ ސިޔާސީ ޕާޓީއެއް ނުވަތަ ރާއްޖޭގެ މުއްސަންޖަކު އެތަން ގަނެލުމަށެވެ. މުއްސަނދިންގެ އަތްމައްޗަށާއި ޕާޓީތަކުގެ އަތްމައްޗަށް މީޑިއާ ހިނގައްޖެ ނަމަ އެފަދަ ތަންތަނަށް ވެގެންދާ ގޮތުގެ ނަމޫނާތައް ރާއްޖެއިން ތާޒާކޮށް ފެންނަން އެބަހުއްޓެވެ. އެހެންވެ އެފަދަ ގޮތެއް ވެގެން، ހަވީރުގެ ބްރޭންޑް ކަފުން ވެގެން ދާތަން ބަލަން ބައެއް މީހުންނަކަށް ކެތެއް ނުކުރެވުނެވެ. ރާއްޖޭގައި ބައިވަރު މީޑިއާތައް އެބަ އޮތެވެ. އެހެން ނަމަވެސް، "ހަވީރަ"ކީ އެންމެ ގިނަ ދުވަސްވީ ނޫހެވެ. "ހަވީރަ"ކީ ރާއްޖޭގައި އެ ވަގުތެއްގައި އޮތް މިނިވަން ކަމެއް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ނޫސްވެރިކަން ދެމެހެއްޓޭތޯ މަސައްކަތް ކުރި އަދި ކުރާ ނޫހެކެވެ. "ހަވީރަ"ކީ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ލީޑްކުރާ މީޑިއާތަކުގެ ތެރެއިން ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން ރާއްޖޭގައި ހިންގާ ހަމައެކަނި މީޑިއާ ވެސް މެ އެވެ. އެހެންވެ، "ހަވީރު" ވަކި އަތަކަށް ނުޖެހި ދެމިއޮވެދާނެ ކަމުގެ އިތުބާރު އާންމުންގެ ތެރޭގައި ބޮޑެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި، ކަމެއްގެ ތެދުދޮގު އަންގައިދޭ ވަސީލަތަކީ ވެސް ހަވީރެވެ. ރާއްޖޭގެ މީޑިއާ މިއަދު ވަނީ ވަރަށް ބޮޑަށް ސިޔާސީ ވެފަ އެވެ. ސިޔާސީ މުއްސަނދިން އެ މީހުންގެ ޕޮކެޓްމަނީން ހިންގާ އެއްޗިއްސަށް މީޑިއާ މި ވަނީ ބަދަލުވެފަ އެވެ. އަމިއްލަ ކޮންމެ ޓީވީ ޗެނަލެއް މިހާރު އެއީ ވަކި ޕާޓީތަކެއް ޕްރޮމޯޓްކުރާ ޗެނަލްތަކަކަށް ވެއްޖެ އެވެ. އެހެންވެ، ހުރިހާ ބައެއްގެ ވާހަކަ، ހުރިހާ ބައެއްގެ ބަސް، ހުރިހާ ބައެއްގެ ހަރަކާތް އެއްވެސް ޖެހިލުމެއް ނެތި އިއްވައިދޭނެ ބަޔަކު ރާއްޖެ އަށް ބޭނުމެވެ. މިނިވަން މީޑިއާއެއްގެ ހުޅުކޮޅު ރާއްޖޭގައި ނިވެމުންދިއުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާއިރު، އަދި މުޅި މީޑިއާ ސިޔާސީ ވެފައި އޮތްއިރު ބައެއްގެ އިތުބާރު ލިބިފައިވާ ނޫސްވެރިކަމުގެ ބްރޭންޑެއް ވިއްކާލުމަށް ވުރެ ހަޖަމް ކުރަން ދަތިވި ވާހަކައެއް އާންމުންނަށް އިވިފައި ނުވާ ކަހަލަ އެވެ. "ހަވީރު" ވިއްކާލަން ނިންމުމާ އެކު އެކަމަށް ތާއީދުކޮށް، އެކަމަށް ސަޕޯޓްކޮށް ވާހަކަ ދެއްކި ތަނެއް ނުފެނުނެވެ. ކީއްވެ ހެއްޔެވެ؟ ހަވީރު ގަންނަ ބަޔަކު ނޫސްވެރިކަމުގެ މާ އުހަށް ހަވީރާއި ނޫސްވެރިކަން ގެންގޮސްދީފާނެ ކަމަށް އެކަކަށް ވެސް ގަބޫލު ނުކުރެވުނީ ކީއްވެ ހެއްޔެވެ؟ ސަބަބުތައް ވަރަށް ސާފެވެ. މުޅި މީޑިއާ ސިޔާސީ ވެފައި އޮތުމެވެ. އަދި ހުރިހާ މުއްސަނދިން، މިނިވަން ނޫސްވެރިކަމެއް ކުރުމުގެ ބަދަލުގައި މީޑިއާ ސިޔާސީ ކުރުވުމެވެ. މީޑިއާގެ މިނިވަންކަމުގެ ދުވަސްދުއްވާލަން މިލިއަނުން ފައިސާ އޮއްސައި އަމިއްލަ އެޖެންޑާ ޕްރޮމޯޓް ކުރުމެވެ. މިއީ، އާންމު އެންމެން ދަންނަ ކަމެކެވެ. އެކަމަކު އެއީ ވެސް ނޫސްވެރިކަމުގެ ބާވަތެކެވެ. ކަން މިހެން އޮތުމާ އެކު، "ހަވީރު" އެހެން ބައެއްގެ އަތް ދަށަށް ހިނގައްޖެ ނަމަ، ސަހަލު ގޮތަކަށް "ހަވީރު" ސަލާމަތްވާނެ ކަމަކަށް މީހުން ގަބޫލެއް ނުކުރެ އެވެ. އާހިރުގައި އެންމެންނަށް ވެސް ވިސްނުނީ އެ މީހުންގެ ގާތް އެކުވެރިޔަކު މަރުވާން ދޫކޮށްލަން ދިޔަ ނުދޭން ކުރެވުނު މަސައްކަތެއް ކުރުމަށެވެ. "ހަވީރު" ވިއްކާލުމާ ދެކޮޅަށް ވާހަކަ ދެއްކީ މިނިވަން މީޑިއާއެއް ރާއްޖޭގައި ބާއްވަން ލޯބިކުރި މީހުން ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ. ތެދު މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ބަޔަކު ގައުމުގައި އެބަ ތިބެން ޖެހެ އެވެ. އެއީ ނޫސްވެރިންގެ ޒިންމާއެކެވެ. ރައްޔިތުންނަށްޓަކައި އަދާކޮށްދޭން ޖެހޭ ވާޖިބެކެވެ. ގައުމުގައި ހިނގާ ކަންތައްތަކުގެ ސައްހަ ހަބަރާއި ދިރާސާތަކާއި ތެދު ހަގީގަތް އެނގުމަކީ ގާނޫނަކުން ލާޒިމްކޮށްފައިވާ ކަމެކެވެ. އެއީ އާންމު ރައްޔިތުންނަށް ލިބިފައިވާ އަސާސީ ހައްގެކެވެ. އެކަމަކު އެކަން ރާއްޖޭގައި މުޅިން އޮތީ އެހެނެއް ނޫނެވެ. އެއްކޮޅުން މުއްސަނދިންގެ މީޑިއާތަކުގެ ދުވެލި ހުރީ އިންވެސްޓަރު ދިލާދި ދިމާއެއްގަ އެވެ. އަނެއްކޮޅުން މިނިވަން ބަޔަކު މީޑިއާގެ މިނިވަންކަން އެއް އަތަށް ލައިގެން އަނެއް އަތުން ނޫސްވެރިކަން ކުރަން ވެއްޖެ ނަމަ މިއަދު ރާއްޖޭގައި އެ މަގު ފަހިވެފައެއް ނެތެވެ. އެ ނިޔަތުގައި އެވަރުގެ އިންވެސްޓެއް ކުރުމަކީ، ވިޔަފާރީގެ ގޮތުން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ ރާއްޖޭގެ އާބާދީ އާއި ވިޔަފާރި އިޝްތިހާރު ކުރާ މީހުންގެ އަދަދު މަދުވުމެވެ. "ހަވީރު" އޭގެ ގޮތުގައި ދެމިއޮންނަނީ ވަކި ޕްލެޓްފޯމެއްގައި ހަމަޖެހިލައިގެން އޮންނަތާ ދުވަސްތަކެއް ވެފައިވާތީ އެވެ. "ހަވީރު" ވިއްކާލާ ވާހަކަތަކާ އެކު އާންމުން ފާޅުކުރި ކަންބޮޑުވުންތަކަކީ އެންމެން ވެސް މިއަދު ވިސްނަން ޖެހިފައިވާ މައްސަލައެކެވެ. ހަގީގަތަކީ، މައުލޫމާތަށް ފެންބޮވައިގެންފައިވާ ބޮޑު ޖަމާއަތެއް ރާއްޖޭގައި އޮތް ކަމެވެ. މިނިވަން ނޫސްވެރިކަމެއް ބާއްވަން ބޭނުންވާ އެތައް ހާސް ބަޔަކު ތިބި ކަމެވެ. އެއްވެސް މޫނަކަށް ބެލުމެއް ނެތި، އެއްވެސް ބަޔަކާ ޒާތީ ނުވެ އޮތް މީޑިއާތަކަކަށް އެތައް ހިތްތަކެއް އިންތިޒާރު ކުރާ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ