ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މުޅި ރާއްޖޭގައި ބަހައްޓާނީ 459 ވޯޓް ފޮށި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ ކުރިން އެކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި 556 ވޯޓް ފޮށި ބެހެއްޓުމަށް ކަމަށާއި ނަމަވެސް އެއަދަދު ވަރަށް ބޮޑަށް ދަށަށް ޖައްސަންޖެހުނީ ބައެއް ރިސޯޓް ތަކުގައި ވޯޓް ފޮށި ބެހެއްޓޭގޮތް ނުވުމުން ކަމަށެވެ.
"ރާއްޖޭގައި 100 ވުރެ ގިނަ ރިސޯޓު އޮންނައިރު އަޅުގަނޑުމެން ބެލިން ހުރިހާ ތަނަކުވެސް ބެހެއްޓޭނެ ކަމަށް. ނަމަވެސް މިހާރު ބައެއް ރިސޯޓް ތަކުން ބުނަނީ ވޯޓް ފޮށި ބެހެއްޓެން ނެތް ކަމަށް. ނަމަވެސް މުވައްޒަފުންނަށް ވޯޓްލެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ބައެއް ރިސޯޓް ތަކުގައި ވޯޓް ފޮށި ބެހެއްޓޭ ގޮތް ނުވި ނަމަވެސް މާލެއާ އަތޮޅު ތަކާއި އަދި ހުރިހާ ޖަލަކާއި ބޭރުގެ 5 ޤައުމެއްގައާއި އަދި ބައެއް ރިސޯޓްތަކުގައިވެސް ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ.
"ވޯޓް ފޮށި ބަހައްޓާނެ ބޭރުގެ ޤައުމު ތަކުގެ ގޮތުގައި މިހާރު ނިންމާފައި މިވަނީ އިންޑިއާގެ ނިއުދިއްލީ އާއި ޓްރިވެންޑްރަމާއި، ސްރީލަންކާގެ ކޮލަމްބޯ އާއި، ސިންގަޕޫރާއި، މެލޭޝިއާގެ ކުއަލަލަމްޕޫރާއި އަދި އިނގިރޭސިވިލާތުގެ ލަންޑަނުގައި" ފުއާދު ވިދާޅުވިއެވެ.
ވޯޓް ފޮށި ބަހައްޓާ ބޭރުގެ ޤައުމުތައް ކަނޑައެޅީ ކޮން އުސޫލަކަށް ބަލައިގެންތޯ ދެންނެވުމުން ފުއާދު ވިދާޅުވީ ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާ ހަތަރު ޤައުމަކީ އެތަންތަނުގައި މަދުވެގެން 100 މީހުން ވޯޓްލާނެ ކަމަށް ބަލައިގެން ކަމަށެވެ.
ވޯޓް ފޮށި ބަހައްޓާނެ ތަންތަން ނިންމުމަށްފަހު ފުއާދު ވަނީ އެތަފްސީލްވެސް ހިއްސާ ކުރައްވާފައެވެ.
"މިހާރު އަޅުގަނޑުމެން ނިންމާފައިވަނީ މާލޭގައި ދިރިއުޅޭ މާލޭ މީހުން ވޯޓްލުމަށް 48 ފޮށި ބަހައްޓަން. މާލޭގައި ދިރިއުޅޭ އަތޮޅު ތަކުގެ ރައްޔިތުންނަށް 55 ވޯޓް ފޮށި މާލޭގައި ބަހައްޓަން. ހަމައެއާއެކު 56 ރިސޯޓްގައިވެސް ވޯޓް ފޮށި ބެހެއްޓޭނެ. އަތޮޅު ތަކުގައި 284 ވޯޓް ފޮށި ބަހައްޓާއިރު، ސިނާއީ މަސައްކަތް ކުރާ 5 ތަނެއްގައިވެސް ވޯޓް ފޮށި ބަހައްޓާނެ. ދެން ހަމައެއާއެކު ރާއްޖެއިން ބޭރުގައި 6 ފޮށި އަދި ޖަލުތަކުގައި 5 ފޮށި. އެހެންވީމާ މިއަހަރު ޖުމްލަ 459 ފޮށި ބެހެއްޓޭނެ" ފުއާދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ބަހައްޓާނީ 459 ވޯޓް ފޮށި: ފުއާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ