ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަންފުޅު މީޑިއާ އިން ބޭނުން ކުރަންވީ ގޮތް އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަންފުޅު މީޑިއާގައި ބޭނުންކުރަންވީ ގޮތް، މީޑިއާ ތަކަށް އަންގައި ދިނުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އެ ކޯޓުން ސިޓީއެއް ފޮނުވައިފި އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ބްރޯޑްކާސްޓިން ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި، އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ނަންފުޅު ލިޔަންވީ ގޮތް ބަޔާން ކޮށްފައިވެ އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ފިޔަވައި އެހެން ފަނޑިޔާރުންގެ ނަންފުޅުގެ ކުރިއަށް "ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު" ބޭނުންކުރުމަށް އަންގާފައިވެ އެވެ. އުއްތަމަ ފަނޑިޔާރުގެ ނަންފުޅުގެ ކުރިއަށް "ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު" ބޭނުން ކުރުމަށާއި ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ނަންފުޅު ބޭނުންކުރާއިރު، "ފަނޑިޔާރު އޮނަރަަބަލް ޑރ."، ނަންފުޅުގެ ކުރިއަށް ބޭނުން ކުރަން ވަނީ އަންގަވައިފަ އެވެ. މި ސިޓީއާ ގުޅޭ ގޮތުން ސުވާލުކުރުމުން، ބްރޯޑްކާސްޓިން ކޮމިޝަންގެ އޮފިޝަލްކު ވިދާޅުވީ މީޑިއާ އަށް މައުލޫމާތު ދޭނީ ސިޓީއާ ގުޅޭ ގޮތުން، އެ ކޮމިޝަނުން ނިންމާ ގޮތެއް އުއްތަމަ ފަނޑިޔާރަށް އެންގެވުމަށް ފަހު ކަމަށެވެ. އެ ސިޓީއާ މެދު، މި ފެށޭ ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަހްމަދު މުއުތަސިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ