މި ސަރުކާރުން ރައްޔިތުންނަށް އަނިޔާ ނުކުރާނެ: ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މި ސަރުކާރުން ރައްޔިތުންނަށް އަނިޔާ ނުކުރާނޭ ކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިރޭ ކުރައްވާފައިވާ ކުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި ސަރުކާރުން ރައްޔިތުންނަށް އަނިޔާ ނުކުރާނޭ ކަމަށާއި، ނަމަވެސް ގާނޫނު ތަންފީޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
ހޯމް މިނިސްޓަރ މި މޭރުމުން ޓްވީޓެއް ކުރެއްވީ ސީދާ ކޮން ކަމަކަށްކަމެއް ސާފެއް ނުވެއެވެ.
އެހެން ނަމަވެސް، އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަތަކެއް ހިމަނައިގެން، ރާއްޖޭގެ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކް، އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލާގައި އެ ޖަމްއިއްޔާއާ ދެކޮޅަށް އަޑުއުފުލައި، މާލޭގައި މިއަދު ހަވީރު ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅާފައި ވެއެވެ.
އެގޮތުން، އެއްވުން ހިނގަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދަށްގޮސް އެއްވުމުގެ ބައިވެރިން ރަސްފަންނު ސަރައްދުން ދުރައްޖައްސައި ކަނބާއައިސާރަނި ހިނގުމާއި މަޖީދީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަންޗަށް ދުރައް ޖައްސާފައެވެ. އަދި ފަހުން އެއްވުމުގެ ބައިވެރިން އެސަހަރައްދުގައި ތިބެ އަޑުއުފުލާން ފެށުމުން ފުލުހުން ވަނީ އެސަރަހައްދުންވެސް އެމީހުން ދުރަށް ޖައްސާފައެވެ.
މިއަދުގެ އެއްވުމާ ގުޅިގެން ފުލުހުން އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. އަދި އެއްވުމުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައިވާ ކަމެއްވެސް އެނގިފައެއް ނެތެވެ.
ރަސްފަންނު ސަރަހައްދަށް އެއްވި މީހުން ވަނީ، އެމްޑީއެން އުވާލުމަށާއި، އެ ޖަމްއިއްޔާގެ ވެރިން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އަދި އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ބަލައި ތަހްގީގު ކުރުމަށްވެސް ގޮވަމުން ގެންދިޔައެވެ. އެމީހުން ތިބީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައްވެސް ހިފައިގެންނެވެ.
އެމްޑީއެން ރިޕޯޓްގެ މައްސަލާގައި މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމުން މަގުތަކަށް ނުކުމެ އަޑު އުފުލަމުން ގެންދާއިރު، މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.
ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަހަކަށް އައިސް އެއްވުންތައް ކުރިއަށް ގެންދިއުމުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނުން ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ އިމުން ބޭރުން ކަންކަން ހިނގަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާއި އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުން ނުވަތަ އުޅަނދުބުރު ބާއްވަމުން ގެންދާކަން ފުލުހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުން ލިބިދޭ މިނިވަންކަން ބޭނުންކުރުމުގައި ގާނޫނީ އިމުގެތެރެއިން އެންމެހާ ކަންތައްތައް ކުރަމުން ގެންދިއުމަށް އިލްތިމާސް ކޮށްފައިވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ