ޖޯކު ޖެހި ވީޑިއޯއާ ގުޅިގެން އަލީއަށް ފިޔަވަޅު އަޅަން ނިންމައިފި

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅުވައިގެން ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑަރު ޑެލޭ އަލީ ކުރި ވީޑިއޯއެއްގެ މައްސަލައިގައި އޭނާއަށް ފިޔަވަޅު އަޅަން އިނގިރޭސި އެފްއޭއިން ނިންމައިފި އެވެ.
ސްނެޕްޗެޓަށް އަލީ އަޕްލޯޑްކުރި ވީޑިއޯއެއްގައި ވަނީ އެއަރޕޯޓުގައި މާސްކް އަޅައިގެން ހުރެ ކުރިމަތީ ހުރި ޗައިނާ މީހާ އެރުވުމަށްފަހު ކޮރޯނާވައިރަހާ ގުޅޭގޮތުން މަލާމާތްކުރުމުގެ ގޮތުން ވާހަކަދައްކާފައެވެ. އެ ވީޑިއޯއާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވުމުން އަލީ ވަނީ އެ ވީޑިއޯ ޑިލީޓް ކޮށްފައެވެ. އަދި ފަހުން ވަނީ އެކަމަށް މައާފަށްވެސް އެދިފައެވެ.
އަލީ މައާފަށް އެދުނު ނަމަވެސް، އިނގިރޭސި އެފްއޭއިން އެ މައްސަލަ ބެލިއިރު، އެކަމަށް އޭނާއަށް ފިޔަވަޅު އަޅަން މިހާރު ވަނީ ނިންމާފައެވެ. އަދި ވަކި ފިޔަވަޅެއް އެޅުމުގެ ކުރިން އަލީއަށް ވަނީ އެފްއޭއަށް ޖަވާބުދާރީވުމަށް މުހުލަތެއް ދީފައެވެ. އެގޮތުން އަންނަ މާޗު މަހުގެ ފަސްވަނަ ދުވަހާ ހަމައަށް އަލީއަށް ވަނީ ވަގުތު ދީފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އިނގިރޭސި އެފްއޭއިން ކުޅުންތެރިންނަށް ހަދާފައިވާ މީޑިއާ އާއި ސޯޝަލް މީޑިއާ ގަވާއިދުގައި ގިނަ ކަންތައްތަކާ އަލީ ޚިލާފުވެފައިވާތީ، މި މައްސަލައިގައި އޭނާ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ